ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ދިއްފުށީ ބިން ހިއްކުމުގެ މަސައްކަތް އެއް މަސްދުވަސް ތެރޭ ނިންމުމަކީ އަމާޒެއް: އެމްޓީސީސީ

ގުދުރަތީ ރީތިކަން ލިބިފައިވާ ކ. ދިއްފުށީގެ ފުރިހަމަ މަންޒަރެއް / ފޮޓޯ: ސީ.އެމްވީ
ގުދުރަތީ ރީތިކަން ލިބިފައިވާ ކ. ދިއްފުށީގެ ފުރިހަމަ މަންޒަރެއް / ފޮޓޯ: ސީ.އެމްވީ

ކާފު އަތޮޅު (މާޅެއަތޮޅު) ދިއްފުށީ ބިން ހިއްކުމުގެ މަޝްރޫޢުގެ ދަށުން، ވެލި އެޅުމުގެ މަސައްކަތް ކުރިއަށް އޮތް އެއް މަސްދުވަހުގެ ތެރޭގައި ނިންމާލުމަކީ ކުންފުނީގެ ބޮޑު އަމާޒެއް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި އަމަލީ މަސައްކަތް ރަސްމީކޮށް އިފްތިތާޙު ކުރި މި މަޝްރޫޢުގެ ދަށުން ބިން ހިއްކުމުގެ މަސައްކަތް މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން ދަނީ ބާރުސްޕީޑެއްގައި ކުރިއަށެވެ. އެމްޓީސީސީން މަޢުލޫމާތު ދޭ ގޮތުގައި މިހާރުވެސް ޑްރެޖަރު ބޭނުންކޮށްގެން ހިއްކާ ސަރަޙައްދަށް ވެލި އެޅުމުގެ މަސައްކަތް ދަނީ މެދުކެނޑުމެއްނެތް ކުރަމުންނެވެ.
މި މަޝްރޫޢުގެ ދަށުން ދިއްފުށިން ޖުމްލަ 19 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.

ބިން ހިއްކުމުގެ އިތުރުން ރަށުގެ ގޮނޑުދޮށް ޙިމާޔަތްކުރުމާއި މޫދަށް އެރޭ ސަރަޙައްދު ތަރައްޤީކުރުންވެސް މި ޕްރޮޖެކްޓުގެ ތެރޭގައި ހިމެނެއެވެ. އެގޮތުން ވެލި އަޅާ ނިމުމުން، މޫދަށް އެރޭ ސަރަޙައްދު ހެދުމަށްޓަކައި 578 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯ ބޭގް ރިވެޓްމަންޓް ޖެހުމަށް ވަނީ ނިންމާފައެވެ. އަދި ރަށުގެ ގޮނޑުދޮށް ރައްކާތެރިކުރުމުގެ ގޮތުން 500 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލައިގެ ރިވެޓްމަންޓް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.

ގާތްގަނޑަކަށް 1،200 އެއްހާ މީހުންގެ އާބާދީއެއް އޮންނަ ދިއްފުށީގެ މިހާރުގެ ބޮޑުމިނަކީ 23 ހެކްޓަރެވެ. އެ ރަށަކީ ފުޅާ ދާއިރާއެއްގައި ލޯކަލް ޓޫރިޒަމް (ރަށު ފަތުރުވެރިކަން) ކުރިއަރަމުން އަންނަ ރަށަކަށް ވެފައި، ރަށުގެ ހުރިހާ ބިމެއް މިހާރު ދޫކޮށް ފުރިފައިވުމުގެ ސަބަބުން ބިމުގެ ދަތިކަން ވަނީ އިންތިހާއަށް ކުރިމަތިވެފައެވެ. އެހެންކަމުން، އަލަށް ހިއްކާ 19 ހެކްޓަރުގެ ބިމާއެކު ރަށުގެ ބިމުގެ ޖާގަ ދެގުނައަށް އިތުރުވެ، ރައްޔިތުންނަށް ބޯހިޔާވަހިކަމާއި އިޤްތިޞާދީ އެކި ހަރަކާތްތައް ފުޅާކުރުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ. މިއީ މިވަގުތު އެ ރަށަށް އެންމެ މުހިންމުވެފައިވާ މަޝްރޫޢެވެ.

ދިއްފުށީގެ ބިން ހިއްކުމުގެ މަޝްރޫޢުގެ އިތުރުންވެސް، އެމްޓީސީސީން ދަނީ އެ ރަށުގައި އިތުރު ތަރައްޤީގެ މަޝްރޫޢުތަކެއް ހިންގަމުންނެވެ. އޭގެ ތެރޭގައި ރަށުގެ ފުޓްބޯޅަ ދަނޑު ތަރައްޤީކުރުމުގެ މަސައްކަތާއި، ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރެއް ބިނާކުރުމުގެ މަސައްކަތް ހިމެނެއެވެ.