ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ގޭބިސީތަކުގައި ސޯލާ ސިސްޓަމް ހަރުކުރުމުގެ މަސައްކަތް މިމަހު ފަށާނަން: މިނިސްޓަރ ތޯރިގު

އެންވާރުމެންޓް މިނިސްޓަރ ތޯރިގު އިބްރާހިމް
އެންވާރުމެންޓް މިނިސްޓަރ ތޯރިގު އިބްރާހިމް

މަގޭ ސޯލާ ޕްރޮގްރާމުގެ ދަށުން ގޭބިސީތަކުގައި ސޯލާ ސިސްޓަމް ހަރުކުރުމުގެ މަސައްކަތް މިމަހުގެ ތެރޭގައި ފަށާނެކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާ ހަކަތައާބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ ޕީއެސްއެމްނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ. މަގޭ ސޯލާ ޕްރޮގްރާމްއަކީ ފެނަކަ ކޯޕަރޭޝަނާއި މޫސުމީ ބަދަލުތަކާ، ތިމާވެއްޓާއި ހަކަތައާބެހޭ ވުޒާރާ ގުޅިގެން ހިންގާ ޕްރޮގްރާމެކެވެ.

މޫސުމީ ބަދަލުތަކާއި ތިމާވެއްޓާ ހަކަތައާބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވީ މަގޭ ސޯލާ ޕްރޮގްރާމުގެ ދަށުން ގޭބިސީތަކުގައި ހަރުކުރާ ސޯލާ ސިސްޓަމްތައް ރާއްޖެ ގެނެސް ފެނަކައާ ހަވާލުކޮށްފައިވާކަމަށެވެ. އަދި އަމާޒަކީ މިމަހުގެ ތެރޭގައި ސޯލާ ހަރުކުރުމުގެ މަސައްކަތް އަމަލީގޮތުން ފެށުންކަން ވަޒީރު ވިދާޅުވިއެވެ. ގޭގޭގެ ފުރާޅުގައި ސޯލާ ހަރުކުރުމުގެ ފުރުޞަތު އެންމެނަށްވެސް ލިބޭނެގޮތަށް މަސައްކަތް ކުރަމުން އަންނަކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ މިހާރު ތައްޔާރުވަމުން ދަނީ މިއަހަރު ތެރޭ އިތުރު 7 މެގަވޮޓުގެ ސޯލާ ޕެނަލް ގެނައުމަށްކަމަށެވެ. އަދި ވަރަށް އަވަހަށް އެކަމަށް އިޢުލާންކުރާނެކަމަށްވެސް ވަޒީރު ވިދާޅުވީއެވެ.

"މި ޖަހާ ރަށްރަށުގައި އެއްކޮށް ފުރިހަމަވެގެންދާނީ ބެޓެރީ ސިސްޓަމްވެސް ހިމެނިގެން. މި މަސައްކަތްތައް ވަރަށް ހަލުވި ކަމާއެކު ވަރަށް ފުރިހަމައަށް ކުރެވިގެން ދާނީ. ކުރިއަށް އޮތްތަނުގައިވެސް އިތުރު ޕްރޮގްރާމްތައް ފައިސާ ހޯދައިގެން ކުރިއަށްދާނެ." މޫސުމީ ބަދަލުތަކާއި ތިމާވެއްޓާ ހަކަތައާބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވިއެވެ.
މަގޭ ސޯލާ ޕްރޮގްރާމަކީ އާންމު ރައްޔިތުން ކަރަންޓަށް ކުރާ ހޭދަ ކުޑަކުރުމަށާއި ރާއްޖޭގައި ލިބެންހުރި ހަކަތައިގެ ވަސީލަތްތަކުގެ ބޭނުންކުރުން އިތުރުކުރުމުގެ މަޤުޞަދުގައި ހިންގާ ޕްރޮގްރާމެއް ކަމަށެވެ. އޭޑީބީގެ އެހީ ލިބިގެން ހިންގާ މި ޕްރޮގްރާމުގައިި ސޯލާ ޕީވީ ސިސްޓަމް އިންސްޓޯލް ކޮށްދިނުމުގެ މަސައްކަތް ކޮށްދޭނީ ފެނަކައިންނެވެ.

މަގޭ ސޯލާ ޕްރޮގްރާމުގެ ދަށުން 748 ގޭބިސީއެއްގައި ސޯލާ ނިޒާމު ހަރުކުރަން ނިންމާފައިވެއެވެ. އަދި ކޮންމެ އަތޮޅެއްގައިވެސް ސޯލާ ހަރުކުރާނެ ގޭބީސީތަކުގެ އަދަދު މިހާރު ވަނީ ކަނޑައަޅާފައެވެ.

ފެނަކައިން ކަރަންޓުގެ ޚިދުމަތްދޭ ހުރިހާ ގޭބީސީތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ މަގޭ ސޯލާ ޕްރޮގްރާމްގެ ދަށުން، ދޫކުރުމަށް ހަމަޖެހިފައިވަނީ، 3 ކިލޯ ވޯޓުގެ ސިންގަލް ފޭސް އަދި ތްރީ ފޭސް އާއި 5 ކިލޯވޯޓުގެ ސިންގަލް ފޭސް އަދި ތްރީ ފޭސް ސިސްޓަމްތަކެވެ. ގޭބީސީތަކަށް ދޫކުރެވޭ ސިސްޓަމްތަކުގެ ސައިޒް ކަނޑައަޅާނީ، ނެޓް މީޓަރިން އުސޫލުގެ ދަށުން އަދި ފެނަކަ ކޯޕަރޭޝަނަށް ހުށައަޅާ ގޭބީސީތައް ސާރވޭ ކުރުމަށް ފަހުގައެވެ