ރަސްމާލެއިން އިޤްތިޞާދީ އިންގިލާބެއް: އެތައް ހާސް ވަޒީފާއެއްގެ ފުރުޞަތު ފަހިވަނީ!
ދިވެހިރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ސަރުކާރުން ގެންގުޅުއްވާ ދުރުރާސްތާގެ އަމާޒުގެ ދަށުން، އިޖްތިމާޢީ އަދި ބޯހިޔާވަހިކަމުގެ މައްސަލަތަކަށް ދާއިމީ ޙައްލެއް ހޯދައިދިނުމަށް ކުރިއަށްގެންދާ ރަސްމާލެ މަޝްރޫޢަކީ ތަރައްޤީއާއި އިޤްތިޞާދީ ބޮޑެތި ހަރަކާތްތަކެއް އެކުއެކީގައި ފެނިގެންދާނެ ބިޔަ މަޝްރޫޢެއް ކަމަށް ސަރުކާރުން ހާމަކުރައްވައިފިއެވެ.
ރާއްޖޭގައި މިވަގުތު އޮތް ބިމުގެ ގޮތުން އެންމެ ތަނަވަސް ސަރަޙައްދު ކަމަށްވާ ރަސްމާލޭގެ 1000 ހެކްޓަރުގެ ބިމުގެ ތެރެއިން 500 ހެކްޓަރު ޚާއްޞަކުރަނީ ރައްޔިތުންގެ އަސާސީ ބޭނުންތަކާއި ބޯހިޔާވަހިކަމުގެ ޝާމިލް ޙައްލުތަކަށެވެ. އަދި ބިމުގެ އަނެއް ފަޅި ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ ރިއަލް އެސްޓޭޓް ސިނާޢަތް ކުރިއެރުވުމާއި އިޤްތިޞާދީ ހަރަކާތްތެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށެވެ.
މި މަޝްރޫޢާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާ އެންމެ ބޮޑު ޔަޤީންކަމަކީ، މި މަޝްރޫޢުގެ ސަބަބުން ރައްޔިތުންނަށް ދިނުމަށް ކަނޑައެޅިފައިވާ އެއްވެސް ގޯއްޗެއް ނުވަތަ ފްލެޓެއް އުނިވެގެން ނުދާނެ ކަމަށާއި، މިއީ ރައްޔިތުންގެ ޙައްޤުތަކަށް އެއްވެސް އުނިކަމެއް ނާންނާނެ، ސީދާ ރައްޔިތުންނަށް މަންފާކުރާނެ މަޝްރޫޢެއް ކަމެވެ.
Ads by BMLރަސްމާލެ ތަރައްޤީކުރަނީ މާލެއަށް ބަރޯސާވުން ކުޑަކުރެވޭނެ ފަދަ ވަސީލަތްތަކާ އެކުގައެވެ. އެގޮތުން ޔޫ.އޭ.އީ ގެ އީގަލް ހިލްސް ކުންފުނިން އެރަށުގެ އަނެއް ފަޅީގައި ތަރައްޤީކުރާ "މޯލްޑިވްސް ވޯޓަރ ފްރަންޓް އެންޑް މެރީނާ" މަޝްރޫޢާއެކު އެ ސަރަޙައްދުގައި އެކަނިވެސް 15،000 އަށްވުރެ ގިނަ ވަޒީފާގެ ފުރުޞަތު އުފެދޭނެ ކަމަށް އެ ކުންފުނިން ލަފާކުރެއެވެ.
މީގެ އިތުރުން، އެތަނުގައި ޤާއިމުކުރެވޭ 1500 އެއްހައި ފިހާރަ ހިންގުމަށް ދޫކުރާއިރު ދިވެހިންނަށް އިސްކަންދޭނެ ކަމަށާއި، ވިޔަފާރިތަކާއި ވަސީލަތްތައް ބެލެހެއްޓުމުގައި ދިވެހިންނަށް ގިނަ ފުރުޞަތުތަކެއް ލިބިގެންދާނެ ކަމަށް ވެސް ހާމަކޮށްފައިވެއެވެ.
މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ސައިޓުގައި ފެށުމަށް ހިނގާނެ މުއްދަތާ ގުޅޭގޮތުން، މަޝްރޫޢު ކުރިއަށްގެންދާ ކުންފުނީގެ ޗެއަރމަން މުޙައްމަދު އަލްއައްބާރު ވިދާޅުވީ، ކުރެހުންތަކާއި އެއްގޮތަށް އިމާރާތްތަކުގެ ސްޓްރަކްޗަރ، އެއަރކޮންޑިޝަން ސިސްޓަމް، އިލެކްޓްރިކަލް ނެޓްވޯކް އަދި އިންޖީނުގެ ފަދަ އަސާސީ ވަސީލަތްތައް ޑިޒައިންކޮށް ނިންމުމަށް އާންމުގޮތެއްގައި 12 މަސްދުވަހުގެ ތައްޔާރީތަކެއް ބޭނުންވާނެ ކަމަށެވެ. ނަމަވެސް، ކުރީގެ ތަޖުރިބާގެ އަލީގައި އެއަށްވުރެ ކުރު މުއްދަތެއްގެ ތެރޭގައި ޢަމަލީ މަސައްކަތް ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ރަސްމާލޭގެ ދެފަޅީގެ ތަރައްޤީއާ އެކު ރަށް ބަންދުވެ، ދެ ފަންތިއެއްގެ ސަރަޙައްދަކަށް ވެގެންދާނެތޯ އުފެދޭ ސުވާލަށް ޖަވާބުދެއްވަމުން އަލްއައްބާރު ވިދާޅުވީ، އެ ކުންފުނިން މަސައްކަތް ކުރާނީ ސަރުކާރުން ކަނޑައަޅާ އިރުޝާދުގެ ދަށުން ކަމަށާއި، މިފަދަ ބޮޑެތި މަޝްރޫޢުތައް ކުރިއަށްގެންދިއުމުގައި ރައްޔިތުންނާ އޮންނަ ގުޅުމަށް ޚާއްޞަ ސަމާލުކަމެއް ދޭނެ ކަމަށެވެ.
Ads by MACL
