ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މާލޭ އުތުރު ބަނދަރުގެ ފިންގަރ ޖެޓީ މަޝްރޫޢު ހަލުވި ދުވެއްޔެއްގައި ކުރިއަށް!

މާލޭ އުތުރު ބަނދަރުގެ ޖެޓީތައް / ފޮޓޯ: އެމްޓީސީސީ
މާލޭ އުތުރު ބަނދަރުގެ ޖެޓީތައް / ފޮޓޯ: އެމްޓީސީސީ

މާލޭ އުތުރު ބަނދަރަށް ދިމާވެފައިވާ ތޮއްޖެހުމުގެ ބޮޑު މައްސަލައަށް ދާއިމީ އަދި ޒަމާނީ ހައްލެއް ހޯދުމަށްޓަކައި ސަރުކާރުން ކުރިއަށްގެންދާ "މާލޭ އުތުރު ބަނދަރުގެ ޖެޓީތައް ފަރުމާކުރުމާއި ބިނާކުރުމުގެ މަޝްރޫޢު" ގެ މަސައްކަތްތައް ރެކޯޑް ދުވެއްޔެއްގައި ކުރިއަށްދާކަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އިން ހާމަކޮށްފިއެވެ.

މި މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދާ އެންމެ މުހިންމު އެއް މަރުޙަލާ ކަމަށްވާ 15 މީޓަރުގެ ޖެޓީތަކުގެ ތަނބުތައް ޖެހުމުގެ ބޮޑު މަސައްކަތް މިހާރު ވަނީ ނިމުމަކާ ގާތްވެފައެވެ. އެމްޓީސީސީގެ ތާވަލާ އެއްގޮތަށް، އަންނަ ހަފުތާގެ ނިޔަލަށް މި މަސައްކަތް މުޅިން ނިންމާލުމަށް ދަނީ ރެޔާއި ދުވާލު މަސައްކަތް ކުރަމުންނެވެ.

ތަނބުތައް ޖެހުމުގެ މަސައްކަތް ނިމެމުންދާއިރު، ޖެޓީތަކުގެ ބިންގާ އިތުރަށް ވަރުގަދަކުރުމަށްޓަކައި ކުރަންޖެހޭ ދަގަނޑު އެޅުމުގެ މަސައްކަތްތައް ވެސް ހަމަ އެއްވަގުތެއްގައި ހަލުވިކަމާއެކު ދަނީ ކުރިއަށެވެ. އަދި އަންނަ ހަފުތާގެ ތެރޭގައި ޖެޓީގެ މުޅި އޮނިގަނޑު އެއްކޮށް ވަރުގަދަކޮށްލާނެ ކޮންކްރީޓް ކުރުމުގެ އަމަލީ މަސައްކަތްތައް ފެށުމަށް މިހާރު ވަނީ ހުރިހާ ތައްޔާރުވުންތަކެއް ވެފައެވެ.

ޖުމްލަ 18.98 މިލިއަން ދިވެހި ރުފިޔާ ޚަރަދުކޮށްގެން ސަރުކާރުން ހިންގާ މި މުހިންމު މަޝްރޫޢުގެ ދަށުން، އުތުރު ބަނދަރު ސަރަޙައްދުގައި ތަފާތު ދެ ސައިޒެއްގެ ޖުމްލަ 6 ފިންގަރ ޖެޓީއެއް ބިނާކުރާނެއެވެ. އޭގެ ތެރޭގައި ހިމެނެނީ ދިގުމިނުގައި 25 މީޓަރު އަދި ފުޅާމިނުގައި 6 މީޓަރު ހުންނަ 3 ޖެޓީގެ އިތުރުން، ދިގުމިނުގައި 15 މީޓަރު އަދި ފުޅާމިނުގައި 6 މީޓަރު ހުންނަ 3 ޖެޓީއެވެ.
މި ފިންގަރ ޖެޓީތަކުގެ މަސައްކަތް މުޅިން ނިމި ބޭނުންކުރަން ފެށުމުން، މާލޭ އުތުރު ބަނދަރަށް ކައިރިކުރާ ލޯންޗުފަހަރާއި ކުދި އުޅަނދުތަކަށް ތަނަވަސް ޖާގައެއް ލިބި، ބަނދަރުގެ ތޮއްޖެހުމަށް ބޮޑު ލުޔެއް ލިބޭނެއެވެ.

ވަކިން ޚާއްޞަކޮށް، ފަސިންޖަރުން އެއް ލޯންޗުން އަނެއް ލޯންޗަށް ހުރަސްކޮށް ބޯޓުފަހަރަށް އަރަންޖެހުމުގެ ނުރައްކާތެރި އާދަ ނެތިގޮސް، ދަތުރުވެރިންނަށާއި، ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނަށް ނުހަނު އަމާންކަމާއި ފަސޭހަކަމާއެކު ފުރައި ފޭބުމުގެ މަގު ތަނަވަސްވެގެންދާނެއެވެ.