ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ވިއެޓްނާމުގެ ފަތުރުވެރިކަމުގެ ކުރިއެރުމާއެކު ރާއްޖެއަށް ގިނަ ފުރުސަތުތަކެއް އޮތް ކަމަށް އެމްވީއީއޭއިން ބުނެފި

ވިއެޓްނާމުގެ ފަތުރުވެރިކަމުގެ ކުރިއެރުމާއެކު ރާއްޖެއަށް ގިނަ ފުރުސަތުތަކެއް އޮތް ކަމަށް އެމްވީއީއޭއިން ބުނެފި

ވިއެޓްނާމުގެ ފަތުރުވެރިކަމުގެ ދާއިރާ ހަލުވިކަމާއެކު ފުޅާވަމުންދާއިރު، އެ ގައުމުގެ މި ކުރިއެރުމަކީ ދިވެހިރާއްޖެއަށް ވެސް އިގްތިސާދީ އަދި ވިޔަފާރީގެ ގޮތުން ބޮޑެތި ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމެއް ކަމަށް މޯލްޑިވްސް-ވިއެޓްނާމް އެކޮނޮމިކް އެސޯސިއޭޝަން (އެމްވީއީއޭ) އިން ބުނެފިއެވެ.

އެ ޖަމްއިއްޔާއިން ނެރުނު ދިރާސީ ރިޕޯޓެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، ވިއެޓްނާމަކީ މިހާރު ހަމައެކަނި ފަތުރުވެރިންގެ މަގުބޫލުކަން ހޯދަމުން އަންނަ ގައުމެއްގެ އިތުރުން، އޭޝިއާގެ އެންމެ ވަރުގަދަ ފަތުރުވެރިކަމާއި އިންވެސްޓްމަންޓް މާކެޓްތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. އެގޮތުން، އެ ގައުމުގައި އާ ހޮޓާތަކާއި ރިސޯޓުތައް ތަރައްގީކޮށް، ބައިނަލްއަގުވާމީ އެއާލައިންތަކުގެ ދަތުރުތައް އިތުރުކޮށް، ދުނިޔޭގެ މަޝްހޫރު ހޮސްޕިޓަލިޓީ ބްރޭންޑްތަކުން އަންނަނީ އެ ގައުމުގައި މަޝްރޫއުތައް ހިންގަމުންނެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، ލޮޖިންގ އެކޮނޮމެޓްރިކްސްގެ 2026 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގެ ރިޕޯޓުން ދައްކާ ގޮތުގައި، ވިއެޓްނާމުގައި 81,848 ކޮޓަރި ހިމެނޭ ގޮތަށް 265 ހޮޓާ އިމާރާތްކުރުމުގެ މަސައްކަތް އަންނަނީ ހިންގަމުންނެވެ. މީގެ އިތުރުން، ވޯލްޑް އެކޮނޮމިކް ފޯރަމް (ޑަބްލިއުއީއެފް) ގެ 2026 ވަނަ އަހަރުގެ ޓްރެވަލް އެންޑް ޓޫރިޒަމް ޑިވެލޮޕްމަންޓް އިންޑެކްސްގައި ވިއެޓްނާމް ވަނީ 7 ދަރަޖަ ކުރިއަށް ޖެހިލައި، 110 ގައުމުގެ ތެރެއިން 52 ވަނައަށް އައިސްފައެވެ. އަދި ވިއެޓްނާމުގެ އެއާލައިންތަކުން އޭޝިއާއާއި އޭޝިއާއިން ބޭރުގެ ގައުމުތަކަށް އާ ދަތުރުތައް ފެށުމަށް ތައްޔާރުވަމުންދާކަން ވެސް މީޑިއާ ރިޕޯޓުތަކުން ވަނީ ހާމަވެފައެވެ.

އެމްވީއީއޭއިން ފާހަގަކުރާ ގޮތުގައި، ފަތުރުވެރިކަމުގެ ދާއިރާގައި ކާމިޔާބީ މިނަނީ ހަމައެކަނި ގައުމަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދުންނާއި އޮކިއުޕެންސީ ރޭޓުން ކަމަށްވީ ނަމަވެސް، ދިގު މުއްދަތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުން ހޯދޭނީ ކޮންމެ ފަތުރުވެރިއެއްގެ ފަރާތުން އިގްތިސާދަށް ލިބޭ މަންފާއަށް ބަލައިގެންނެވެ. އެގޮތުން، ވިއެޓްނާމަށް މިހާރު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ހަމައެކަނި ފަތުރުވެރިންގެ އަދަދު އިތުރުކުރުމުގެ ބަދަލުގައި، ފަތުރުވެރިން ކުރާ ހޭދަ އިތުރުކުރުމާއި، ހޮޓާތަކުގެ ފައިދާ ބޮޑުކުރުމާއި، މަސައްކަތްތެރިން ތަމްރީނުކުރުމުގެ އިތުރުން، އާންމު ފަތުރުވެރިކަމުގެ ސަރަހައްދުތަކުގެ ބޭރުން އެހެން ސަރަހައްދުތަކަށް ފަތުރުވެރިކަމުގެ މަންފާ ފޯރުކޮށްދިނުމެވެ. އަދި ޑިމާންޑަށްވުރެ ކޮޓަރިތަކުގެ އަދަދު އިތުރުވެއްޖެނަމަ އަގުތައް ވެއްޓި ފައިދާ ކުޑަވުމުގެ ނުރައްކާ އޮތުމުން، ވަރުގަދަ ކޮމާޝަލް ސްޓްރެޓެޖީއަކާއެކު މަންޒިލް މެނޭޖްކުރުން މުހިންމު ކަމަށް އެމްވީއީއޭއިން ބުނެއެވެ.

ރާއްޖެއާއި ވިއެޓްނާމަކީ ތަފާތު ދެ ގައުމު ކަމަށްވީ ނަމަވެސް، އެ ދެ ގައުމުގެ މެދުގައި ގުޅިގެން ކުރެވިދާނެ ގިނަ ކަންތައްތަކެއް ހުރި ކަމަށް އެމްވީއީއޭއިން ބުނެއެވެ. 100 މިލިއަނަށްވުރެ ބޮޑު އާބާދީއެއް އޮތް ވިއެޓްނާމަކީ ސަގާފީ ސިންދަފާތާއި، ބޮޑެތި އިންފްރާސްޓްރަކްޗާއާއި، ހެޔޮ އަގުގައި ހިދުމަތްތައް ފޯރުކޮށްދިނުމާއި، އުފެއްދުންތެރިކަމުގެ ބޮޑު މާކެޓެއް އޮތް ގައުމެކެވެ. އަނެއްކޮޅުން، ރާއްޖެއަކީ ދުނިޔޭގެ ފެންވަރުގެ ލަކްޝަރީ ފަތުރުވެރިކަމާއި، އޯވަރވޯޓާ ވިއްލާ ތަރައްގީކުރުމާއި، މަތީ ފެންވަރުގެ މަންޒިލްތައް އިޝްތިހާރުކުރުމުގައި ގިނަ އަހަރުތަކެއްގެ ތަޖުރިބާ ހުރި ގައުމެކެވެ. މިއީ ދެ ގައުމުގެ މެދުގައި ވާދަވެރިކަމެއްގެ ބަދަލުގައި، އެކަކު އަނެކަކަށް އެހީތެރިވެވޭނެ ވަރުގަދަ ބިންގަލެކެވެ.

ދެ ގައުމުގެ މެދުގައި އޮތް ފުރުސަތުތަކުގެ ތެރޭގައި ހޮސްޕިޓަލިޓީ ދާއިރާއިން އިންވެސްޓްކުރުން ހިމެނެއެވެ. އެގޮތުން، ވިއެޓްނާމުގެ އިންވެސްޓަރުންނަށް ރާއްޖޭގެ ރިސޯޓުތަކާއި، ގޭސްޓްހައުސްތަކާއި، ފަތުރުވެރިކަމުގެ ހިދުމަތްތަކަށް އިންވެސްޓް ކުރެވިދާނެއެވެ. އަދި ރާއްޖޭގެ ހޮސްޕިޓަލިޓީ ދާއިރާގެ ތަޖުރިބާކާރުންނަށް މެނޭޖްމަންޓް ޕާޓްނަޝިޕްތަކާއި ކޮންސަލްޓެންސީ މެދުވެރިކޮށް ވިއެޓްނާމުގައި ފުރުސަތުތައް ހޯދިދާނެއެވެ. މީގެ އިތުރުން، ދެ ގައުމުގެ މެދުގައި ދަތުރުފަތުރުގެ ގުޅުން ބަދަލުކުރުމުގެ ގޮތުން، ވިއެޓްޖެޓް އެއާލައިންސުން ހޯޗީމިން ސިޓީއާއި މާލެއާ ދެމެދު ކޮލަމްބޯ މަގުން ދަތުރުތައް ފެށުމަށް 2026 ވަނަ އަހަރުގެ ޑިސެމްބަރު މަހަށް ވަނީ ތާވަލުކޮށްފައެވެ. ނަމަވެސް، ހަމައެކަނި ދަތުރުތައް ފެށުމުގެ ބަދަލުގައި، ގުޅިގެން މާކެޓްކުރުމާއި ފަތުރުވެރިކަމުގެ ޕެކޭޖްތައް އެކުލަވާލުން މުހިންމު ކަމަށް ފާހަގަކޮށްފައިވެއެވެ.

ޓެކްނޮލޮޖީއާއި ޑިސްޓްރިބިއުޝަންގެ ދާއިރާއިން ބަލާއިރު، ވިއެޓްނާމުގެ ކުރިއަރަމުން އަންނަ ޓެކްނޮލޮޖީ ދާއިރާއާއި ރާއްޖޭގެ ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ ވިއުގަ ގުޅުވައިގެން، ބީޓޫބީ ބުކިންގ ޕްލެޓްފޯމްތަކާއި، ރެޒަވޭޝަން ސިސްޓމްތަކާއި، އޭއައި ވަސީލަތްތަކާއި، ޑިޖިޓަލް މާކެޓިންގގެ މަސައްކަތްތައް ކުރެވިދާނެއެވެ. އަދި އެންމެ އަވަހަށް ނަތީޖާ ފެންނާނެ އެއް ދާއިރާއަކީ ރިސޯޓުތަކަށް ބޭނުންވާ ތަކެތި ސަޕްލައިކުރުމުގެ ދާއިރާއެވެ. ރާއްޖޭގެ ރިސޯޓުތަކަށް ބޭނުންވާ ކާބޯތަކެއްޗާއި، ފަރުނީޗަރާއި، އިމާރާތްކުރުމަށް ބޭނުންވާ ތަކެތި ބޭރުން އެތެރެކުރާއިރު، ވިއެޓްނާމުގެ ކާރުޚާނާތަކުން އެ ތަކެތި ހެޔޮ އަގުގައި އުފެއްދައި ސަޕްލައިކޮށްދިނުމުގެ ފުރުސަތު ބޮޑެވެ. މީގެ އިތުރުން، ވެލްނެސް، އީކޯ-ޓޫރިޒަމް، މެރިން އެކްސްޕީރިއަންސް، ލަކްޝަރީ ޓްރެވަލް އަދި މުސްލިމް-ފްރެންޑްލީ ހޮސްޕިޓަލިޓީގެ ދާއިރާއިން ވެސް ދެ ގައުމަށް ގުޅިގެން މަސައްކަތް ކުރެވިދާނެއެވެ.

އެމްވީއީއޭއިން ބުނި ގޮތުގައި، ސަރުކާރުތަކުގެ މެދުގައި އޮންނަ ގުޅުމަކީ ބިންގާ ކަމަށްވީ ނަމަވެސް، ހަގީގީ އިގްތިސާދީ މަންފާ ލިބޭނީ ވިޔަފާރިވެރިންނާއި، އިންވެސްޓަރުންނާއި، އެއާލައިންތަކާއި ހޮޓާ ހިންގާ ފަރާތްތަކުން ގުޅިގެން މަސައްކަތް ކޮށްގެންނެވެ. އެހެންކަމުން، ކުރިއަށް އޮތް ތަނުގައި ދެ ގައުމުގެ ވިޔަފާރިތައް ގުޅުވައިދީ، މާކެޓް މައުލޫމާތު ހިއްސާކޮށް، އިންވެސްޓްމަންޓްތައް އިތުރުކުރުމަށް މަސައްކަތްކުރާނެ ކަމަށް އެމްވީއީއޭއިން ބުނެއެވެ. ވިއެޓްނާމުން ފަތުރުވެރިކަން ފުޅާކުރަމުންދާއިރު، ރާއްޖެއަކީ އެ ތަޖުރިބާއާއި ފުރުސަތުތައް ހިއްސާކުރެވޭނެ މުހިންމު ބައިވެރިއެއްގެ ގޮތުގައި އެ ޖަމްއިއްޔާއިން ފާހަގަކުރެއެވެ.