ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ނަންބަރު ބޯޑު ބަދަލުކޮށްގެން ސައިކަލެއް ވަގަށްނަގަން އުޅުނު ބަޔަކު ހައްޔަރުކޮށްފި

ނަންބަރު ބޯޑު ބަދަލުކޮށްގެން ސައިކަލެއް ވަގަށްނަގަން އުޅުނު ބަޔަކު ހައްޔަރުކޮށްފި

މާލޭގެ މަގުތަކުގައި ފުލުހުން ކުރިއަށްގެންދިޔަ ޕެޓްރޯލް އޮޕަރޭޝަންތަކެއްގެ ތެރެއިން، ސައިކަލުތަކުގެ އަސްލު ނަންބަރު ބޯޑު ބަދަލުކޮށްގެން އޮޅުވާލައިގެން ވައްކަން ކުރަން އުޅުނު ކަމުގެ ތުހުމަތުގައި ފުލުހުން ވަނީ ދިވެހި ތިން ފިރިހެނަކާއި ސްރީލަންކާގެ ދެ ފިރިހެނަކު ހައްޔަރުކޮށްފައެވެ.

ކާނޭޝަން މަގުގެ ގޯޅިއެއްގެ ތެރޭގައި ހުރި ސައިކަލެއްގެ އަސްލު ނަންބަރު ބޯޑު ނައްޓައި، އެހެން ނަންބަރު ބޯޑެއް ހަރުކޮށްގެން ވަގަށް ނަގަން އުޅެނިކޮށް ހައްޔަރުކޮށްފައިވަނީ 45 އަހަރުގެ ދެ މީހަކާއި 39 އަހަރުގެ މީހެކެވެ. މި މީހުން ފުލުހުންގެ ސަމާލުކަމަށް އައީ ފަތިހު 3:55 ހާއިރު މަގުމަތީގައި ތުހުމަތުކުރެވޭ ގޮތަކަށް އުޅެނިކޮށް ފެނުމުންނެވެ.

އޭގެ ތެރެއިން އެކަކު ސައިކަލަށް އަރައި މަގުމައްޗަށް ނެރެން އުޅެނިކޮށް ހުއްޓުވައި ސުވާލުކުރުމުން، އެއީ އޭނާގެ އާއިލާ މީހެއްގެ ސައިކަލެއް ކަމަށް ބުނެ އޮޅުވާލަން މަސައްކަތް ކުރި ނަމަވެސް، ފުލުހުން އިންޖީނު ނަންބަރު ޗެކްކުރުމުން އެއީ އަސްލު ނަންބަރު ނޫންކަން ވަނީ ކަށަވަރުވެފައެވެ. އަދި އެ ސަރަހައްދުގެ ކާނުގަނޑެއްގެ ތެރެއަށް އެއްލާލާފައި އޮއްވާ އެ ސައިކަލުގެ އަސްލު ނަންބަރު ބޯޑު ވަނީ ފެނިފައެވެ.

މި މައްސަލައާ ގުޅިގެން އެ ތިން މީހުން ހައްޔަރުކޮށް، ސައިކަލު ޓޯކުރުމުގެ އިތުރުން ވައްކަން ކުރުމަށް ބޭނުންކުރި ކަމަށް ބެލެވޭ ތަޅުދަނޑިއާއި، ފެނުނު އަސްލު ނަންބަރު ބޯޑު ފުލުހުން ވަނީ ތަހުގީގުގެ ބޭނުމަށް ހިފަހައްޓާފައެވެ.

މީގެ އިތުރުން، ވަގަށް ނަގާފައިވާ ސައިކަލެއްގެ ނަންބަރު ބޯޑު ބަދަލުކޮށްގެން ދުއްވި މައްސަލައެއްގައި ހައްޔަރުކޮށްފައިވަނީ ލަންކާއަށް ނިސްބަތްވާ 29 އަހަރާއި 25 އަހަރުގެ ދެ ފިރިހެނުންނެވެ. އެ މީހުން ހުއްޓުވާފައިވަނީ ދަންވަރު 2:14 ހާއިރު ލޮނުޒިޔާރަތް މަގުން ވަންވޭއާ ޚިލާފަށް ސައިކަލު ދުއްވާފައި ދަނިކޮށެވެ.

ސައިކަލު ދުއްވަން ހުރި މީހާގެ އަތުގައި ލައިސަންސް ނެތުމުން ސައިކަލު ޓޯ ޔާޑަށް ގެންގޮސް އިތުރަށް ބެލިއިރު، ސައިކަލުގައި ހަރުކޮށްފައިވާ ނަންބަރު ބޯޑާއި އިންޖީނު އަދި ޗެސިސް ނަންބަރު ދިމާނުވާކަން ވަނީ ފާހަގަކުރެވިފައެވެ. އަދި ސިސްޓަމް މެދުވެރިކޮށް ބެލުމުން އެއީ ކުރިން ވަގަށް ނަގާފައިވާ ސައިކަލެއްކަން ކަށަވަރުވުމުން އެ ދެ މީހުންވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.