ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ތުރުކީގެ އިސްތަންބޫލު ފެނު އަޑީގައި، މިއީ ފާއިތުވި 80 އަހަރުގައި ރެކޯޑްކުރެވުނު އެންމެ ބޯ ވިއްސާރަ!

ތުރުކީވިލާތުގެ އިސްތަންބޫލަށް ކުރި ބޯވިއްސާރައިގައި މަގުތަކުގައި ފެންބޮޑުވެފައި / ފޮޓޯ:ރޮއިޓާސް
ތުރުކީވިލާތުގެ އިސްތަންބޫލަށް ކުރި ބޯވިއްސާރައިގައި މަގުތަކުގައި ފެންބޮޑުވެފައި / ފޮޓޯ:ރޮއިޓާސް

ތުރުކީވިލާތުގެ އެންމެ ބޮޑު ސިޓީ ކަމަށްވާ އިސްތަންބޫލަށް ފާއިތުވި 80 އަހަރުގެ ތެރޭގައި ނުވެހޭހާ ބޯކޮށް ވާރޭވެހި، ހިނގި ފެންބޮޑުވުމުގެ ހާދިސާތަކެއްގައި 3 މީހުން މަރުވެ، 5 މީހަކު ގެއްލިއްޖެއެވެ.

ބުދަ ދުވަހުގެ ހެނދުނުން ފެށިގެން މެދުކެނޑުމެއްނެތި ކުރަމުންދާ ވިއްސާރައިގައި މަގުތަކުގައި ފެންބޮޑުވެ، ގިނަ އަދަދެއްގެ އުޅަނދުތައް އޮޔާގޮސް، އަސާސީ ޚިދުމަތްތަކަށް ވަނީ ބޮޑެތި ބުރޫތަކެއް އަރާފައެވެ. އިސްތަންބޫލްގެ ގަވަރުނަރު ދާވޫދު ގުލް ވިދާޅުވި ގޮތުގައި، މިއީ 1942 ވަނަ އަހަރު ވާރޭވެހޭ މިންވަރު ރެކޯޑުކުރަން ފެށިފަހުން އެ ސަރަހައްދަށް މިހާ ބޯކޮށް ވާރޭވެހުނު ފުރަތަމަ ފަހަރެވެ.

މި ކާރިސާގައި މަރުވެފައިވަނީ ކާގިތާނޭ އަވަށުގެ ޕާކެއްގެ ކައިރިން ފެނުނު ފިރިހެނަކާއި، ބަލާތު ސަރަހައްދުގައި ފެންގަނޑު ތެރެއިން ހިނގާފައި ދަނިކޮށް ކަރަންޓުގައި ޖެހުނު 14 އަހަރުގެ ކުޑަކުއްޖެއްގެ އިތުރުން، ބޭކޯޒް އަވަށުގައި ފެންބޮޑުވެފައިވާ ވަޅަކަށް ވެއްޓުނު މީހެކެވެ. ގެއްލުނު 5 މީހުން ހޯދުމުގެ ޚާއްޞަ އޮޕަރޭޝަނެއް ކަމާބެހޭ އިދާރާތަކުން މިހާރު ދަނީ ހިންގަމުންނެވެ.

އިސްތަންބޫލްގެ އިތުރުން ކައިރީގައިވާ ކޮޖައޭލީ އަދި ސަކާރިޔާ އަވަށްތަކަށް ވެސް މި ވިއްސާރައިގެ އަސަރު ވަރަށް ބޮޑަށް ކޮށްފައިވެއެވެ. ތުރުކީގެ ކާރިސާތަކާ ބެހޭ އިދާރާއިން ހާމަކުރި ގޮތުގައި، ފެންބޮޑުވުމާ ގުޅޭ 1,277 ހާދިސާއަކާއި، ކަނޑުއޮޅިތަކާއި ކޯރުތަކުގެ އައްސޭރިފަށް ކަނޑައިގެން ދިއުމުގެ 15 ހާދިސާގެ އިތުރުން، އެކި ތަންތަނުގައި މީހުން ތާށިވުމުގެ 47 ހާދިސާއެއް ވަނީ ރިޕޯޓުކޮށްފައެވެ.

މި ނުރައްކާތެރި ޙާލަތާ ގުޅިގެން އިސްތަންބޫލްގެ ސްކޫލްތައް އަންނަ ހޯމަ ދުވަހާ ހަމައަށް ބަންދުކޮށް، ކޮންމެހެން ނުކުންނަންޖެހޭ ޙާލަތެއްގައި މެނުވީ ގެއިން ބޭރަށް ނުނިކުތުމަށް ވަނީ އިލްތިމާސްކޮށްފައެވެ. މޫސުން ގޯސްވުމުގެ ސަބަބުން އިސްތަންބޫލް އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސަން އޮތް 43 ފްލައިޓެއް އެހެން އެއާޕޯޓުތަކަށް ބަދަލުކޮށްފައިވާއިރު، ކުރިއަށް އޮތް ބަންދު ދުވަސްތަކުގައިވެސް ވިއްސާރަ ދަމަހައްޓާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރުމަށް މޫސުމާ ބެހޭ އިދާރާތަކުން ވަނީ އިންޒާރު ދީފައެވެ.