ތެޔޮ އުފުލާ ބޯޓުފަހަރުގެ ކުލި އިންތިހާއަށް މައްޗަށް: ދުނިޔޭގެ ބާޒާރުގައި އިންފްލޭޝަން ބޮޑުވުމުގެ ބިރު!
ދުނިޔޭގެ ސިޔާސީ މަސްރަޙަށް އަންނަމުންދާ ލޮޅުންތަކާ ގުޅިގެން ކަނޑުމަތީގެ ސަލާމަތީ ނުރައްކާ ބޮޑުވެ، ތެޔޮ އުފުލާ ބޯޓުފަހަރުގެ ޝިޕިންގ ޚަރަދުތައް ރެކޯޑު މިންވަރަކަށް މައްޗަށް ހިނގައްޖެއެވެ.
މި ބަދަލާއެކު ދުނިޔޭގެ ބާޒާރުގައި މުދަލާއި ޚިދުމަތުގެ އަގުތައް އިންތިހާއަށް އުފުލި، އިމްޕޯޓަށް ބަރޯސާވާ ޤައުމުތަކަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ވަނީ ޖެހިފައެވެ.
ޝިޕިންގ ބާޒާރުގެ އަގުތަކަށް އައިސްފައިވާ ބޮޑު ބަދަލަށް ބަލާއިރު، އެމެރިކާއިން ޖަޕާނަށް 2 މިލިޔަން ފީފާގެ ތެޔޮ ހިފައިގެން ނޮވެންބަރު މަހުގެ ފަހުކޮޅު ދަތުރުކުރުމަށް ހަމަޖެހިފައިވާ 'އެސްޓީމް އެކްސްޕްލޯރަރ' ބޯޓުގެ ދަތުރަށް އެކަނިވެސް 81 މިލިޔަން އެމެރިކާ ޑޮލަރު ޚަރަދުވާނެއެވެ. މިއީ 2025 ވަނަ އަހަރު މިފަދަ ދަތުރަކަށް އެވުރެޖުކޮށް ހިނގި 9.1 މިލިޔަން ޑޮލަރާ އަޅާބަލާއިރު ވަރަށް ބޮޑު އިތުރުވުމެކެވެ. މީގެ ސަބަބުން ތެޔޮ ފީފާއަކުން ޝިޕިންގއަށް އެކަނިވެސް 40.50 ޑޮލަރު އަރާއިރު، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު ނުވަ ގުނަ އިތުރު ޢަދަދެކެވެ.
ތެލުގެ އަގުން %40 ޝިޕިންގއަށް، އާންމު ވިޔަފާރިތަކަށް ބޮޑު ނޭދެވޭ އަސަރެއް
Ads by BMLމަސްރަޙު ދިރާސާކުރާ ބޭކަރ އިންސްޓިޓިއުޓް ފޯ ޕަބްލިކް ޕޮލިސީގެ ކެނެތު މެޑްލޮކް ވިދާޅުވި ގޮތުގައި، ޝިޕިންގ ޚަރަދުން އިތުރުވާ ކޮންމެ 10 ޑޮލަރަކާއެކު ޕެޓްރޯލް ގެލަނަކުން 0.23 ޑޮލަރު އުފުލެއެވެ. އޭނާ ސިފަކުރެއްވި ގޮތުގައި މި މައްސަލައަކީ "ލަސްލަހުން ދުވާ ރޭލެއް ފަދަ" ކަމެކެވެ. އަދި މިކަން ދިގުލައިގެންދާ ވަރަކަށް ކާބޯތަކެތި ވިއްކާ ފިހާރަތަކަށާއި ޢާންމު ވިޔަފާރިތަކަށް މީގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ފޯރާނެއެވެ.
ހިސާބުތަކުން ދައްކާގޮތުގައި އެމެރިކާގެ ތެލުގެ އަގުގެ %40 މިހާރު ޚަރަދުވަނީ ޝިޕިންގއަށެވެ. މިއީ 2025 ވަނަ އަހަރުގެ އެވުރެޖު ކަމުގައިވާ %7 އާ އަޅައިބަލާއިރު އާދަޔާޚިލާފު ބޮޑުވުމެކެވެ. މީގެ ނޭދެވޭ ގެއްލުން އިންޑިއާ ފަދަ އިމްޕޯޓަށް ބަރޯސާވާ ޤައުމުތަކަށް ވަރަށް ބޮޑަށް ކުރާނެއެވެ.
ޚަރަދު ބޮޑުވާން ދިމާވި ސަބަބުތައް
ތެލުގެ ޝިޕިންގ އަގުތައް މިހާބޮޑަށް މައްޗަށް ދާން ދިމާވީ އެމެރިކާއާއި އީރާން، އަދި ރަޝިއާއާއި ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ކަނޑުމަތީގައި ބޯޓުފަހަރަށް ދޭ ހަމަލާތައް އިތުރުވުމުންނެވެ. މިގޮތުން މެދުއިރުމަތީގެ ހުރްމުޒް ކަނޑުއޮޅިންނާއި ރަތް ކަނޑުން އޭޝިއާއަށް ތެޔޮ އުފުލާ އަގު މިހާރު ވަނީ ފީފާއަކަށް 34 ޑޮލަރަށް އުފުލިފައެވެ.
ސަޢޫދީ ޢަރަބިއްޔާ ފަދަ ޤައުމުތަކުން ނުރައްކާ ކުޑަކުރުމަށްޓަކައި ދިގު ރާސްތާތައް ޚިޔާރުކުރުމުގެ ސަބަބުން ބޯޓުތައް ލިބުން ދަތިވެ، ކުދި ބޯޓުފަހަރުގެ ކުލިވެސް ވަނީ އިންތިހާއަށް މަތށްގޮސްފައެވެ.
ޚާއްޞަކޮށް، ފެބުރުވަރީ މަހު އީރާނާ ދެކޮޅަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޣައިރުޤާނޫނީ ހަނގުރާމައެއް ފެށްޓެވި ފަހުން ޝިޕިންގ ރޭޓުތައް ވަނީ ހަތަރު ގުނަ މައްޗަށް އުފުލިފައެވެ. މީގެ ސަބަބުން ބޯޓުފަހަރުގެ ވެރިންނަށް ފާރިސީ ކަނޑުއޮޅިން ހުރްމުޒް ހުރަސްކޮށް އޭޝިއާއަށް ކުރާ ދަތުރުތަކުން ދުވާލަކު 1.3 މިލިޔަން ޑޮލަރު ލިބެއެވެ. މިއީ 2025 ވަނަ އަހަރު އެވްރެޖްކޮށް ލިބުނު 55,000 ޑޮލަރާ އަޅާބަލާއިރު ބޮޑު ފައިދާއެކެވެ.
އަގުތައް ދަށަށްދާނީ ޑިމާންޑް ކުޑަވުމުން
ޝިޕިންގ ދިރާސާކުރާ ކުންފުނި، ޕޮޓެން އެންޑް ޕާޓްނަރސްގެ އެރިކް ބްރޮއިޚުޒިއެން ވިދާޅުވި ގޮތުގައި، ތެޔޮ އުފައްދާ މިންވަރަށްވުރެ ޑިމާންޑް ބޮޑުވާހާ ހިނދަކު ޓޭންކަރު ރޭޓުތައް ހުންނާނީ މަތީގައެވެ. ނަމަވެސް ބާޒާރުގެ ޙާލަތު ބަދަލުވެ، ތެޔޮ ލިބުން ފަސޭހަވުމާއެކު މި ރޭޓުތައް ވަގުތުން ދަށަށްދާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މި ބޮޑު ބަދަލާއެކު، މިއަހަރަކީ ތާރީޚުގައިވެސް ތެޔޮ އުފުލާ ބޯޓުފަހަރުގެ ވެރިންނަށް އެންމެ ފައިދާ ބޮޑު އަހަރަށް ވެގެންދާނެ ކަމަށް ބެލެވެއެވެ.
Ads by MACL
