ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ކަރަންސީ ސްވޮޕްގެ މުއްދަތު އިތުރުކޮށްދިނުމުން ދިވެހި ސަރުކާރުގެ މަރުހަބާ

ކަރަންސީ ސްވޮޕްގެ މުއްދަތު އިތުރުކޮށްދިނުމުން ދިވެހި ސަރުކާރުގެ މަރުހަބާ

އިންޑިއާގެ މަރުކަޒީ ބޭންކް، ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި) މެދުވެރިކޮށް ރާއްޖެއަށް ދޫކުރި 30 ބިލިއަން ރުޕީސް (319 މިލިއަން ޑޮލަރު) ގެ ކަރަންސީ ސްވޮޕްގެ މުއްދަތު އިތުރުކޮށްދިނުމަށް އިންޑިއާ ސަރުކާރުން ނިންމި ނިންމުމަށް ދިވެހި ސަރުކާރުން މަރުހަބާ ކިޔައިފިއެވެ.

މިކަމާ ގުޅިގެން ހާރިޖީ ވުޒާރާއިން ނެރުއްވި ބަޔާނެއްގައި ބުނީ، މި ފެސިލިޓީގެ މުއްދަތު އިތުރުކޮށްދިނުމަކީ ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ އެކުވެރިކަމާއި، ދެ ގައުމުގެ މެދުގައި އޮތް އިހުތިރާމާއި އިތުބާރުގެ މައްޗަށް ބިނާވެފައިވާ ވަރުގަދަ ގުޅުން ހާމަކޮށްދޭ އަލިގަދަ ހެއްކެއް ކަމަށެވެ. އަދި އިންޑިއާއިން މެދުކެނޑުމެއްނެތި ރާއްޖެއަށް ފޯރުކޮށްދެމުންދާ އެއްބާރުލުމާއި ދީލަތި އެހީތެރިކަން ޝުކުރުވެރިކަމާއެކު ބަލައިގަނެ، އެ ގައުމުގެ ސަރުކާރަށް ދިވެހި ސަރުކާރުގެ ފަރާތުން ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ހާރިޖިއްޔާގެ ބަޔާނުގައި އިތުރަށް ފާހަގަކުރައްވާފައިވާ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒައާމަތުގައި ދިވެހި ސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒަކީ، ރާއްޖެއާ ގާތް ގުޅުމެއް އޮންނަ ގައުމުތަކާ، ވަކިން ހާއްސަކޮށް އަވަށްޓެހި އިންޑިއާއާ އެކު އޮތް ގުޅުން އިތުރަށް ބަދަހިކުރުމެވެ. އަދި ދެ ގައުމުގެ އިސްތިރާތީޖީ މަސްލަހަތު ހިމެނޭ އެކި ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއްކަމަށް ބަޔާނުގައި ބުންޏެވެ.

ހަމައެއާއެކު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ "ނެއިބަހުޑް ފަސްޓް" ސިޔާސަތުގެ ދަށުން ރާއްޖެއަށް ލިބެމުންދާ އެއްބާރުލުމާއި އެހީތެރިކަން ދިވެހި ސަރުކާރުން ބަލައިގަންނަނީ ނުހަނު އަގުހުރި ކަމެއްގެ ގޮތުގައި ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. އަދި ދެ ގައުމުގެ ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި، މި އެކުވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި އިތުރަށް ހަރުދަނާކުރުންމަތީ ދިވެހި ސަރުކާރު އަބަދުވެސް ސާބިތުކަމާއެކު ދެމިއޮންނާނެ ކަމުގެ ފުރިހަމަ ޔަގިންކަން ވެސް އެ ބަޔާނުގައި ވަނީ ދީފައެވެ.