ރާއްޖޭގެ މަސްވެރިކަން ފުޅާކުރުމަށް ރެކޯޑު ޢަދަދަކަށް ކަނދުފަތި ހަރުކޮށްފި؛ ޖުމްލަ 110 އަށް އަރައިފި
ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ކުރިއަރުވައި، މަސްވެރިންނަށް ލުއިފަސޭހަ މާޙައުލެއް ޤާއިމުކޮށްދިނުމަށް ސަރުކާރުން ހިންގާ ބޮޑު މަޝްރޫޢުގެ ދަށުން، މިހާތަނަށް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޖުމްލަ 110 ކަނދުފަތި ޤާއިމުކޮށް ރެކޯޑު ކާމިޔާބީއެއް ހޯދައިފިއެވެ.
މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި، މިއީ ރާއްޖޭގެ ތާރީޚުގައިވެސް އެއް ސަރުކާރަކުން މިހާރު ކުރު މުއްދަތެއްގެ ތެރޭގައި އެންމެ ގިނައިން ކަނދުފަތި ޤާއިމުކުރި ފުރަތަމަ ފަހަރެވެ. މި މަޝްރޫޢުގެ ދަށުން މިދިޔަ އަހަރު އެކަނިވެސް 44 ވަދު ކަނދުފަތި ވަނީ ކަނޑުތަކުގައި ހަރުކޮށްފައެވެ.
މިހާތަނަށް ޤާއިމުކުރެވުނު 110 ކަނދުފަތީގެ ތަފްސީލަށް ބަލާއިރު ހިމެނެނީ:
-
- ދޮށީ ކަނދުފަތި: ކަޅުބިލަމަހުގެ މަސްވެރިކަމަށް ޚާއްޞަ 56 ކަނދުފަތި
- ވަދު ކަނދުފަތި: ސްޕޯޓްސް ފިޝިންގ އާއި ފަރުމަހުގެ މަސްވެރިކަމަށް ޚާއްޞަ 54 ކަނދުފަތި
މީގެ އިތުރުން، މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެކަނިވެސް ރާއްޖޭގެ ދެކުނާއި މެދުތެރޭގެ 10 ސަރަޙައްދެއްގައި ވަނީ އައު ކަނދުފަތިތައް އަޅާފައެވެ. އޭގެ ތެރޭގައި ހިމެނެނީ 9 ދޮށީ ކަނދުފައްޗާއި 1 ވަދު ކަނދުފައްޗެވެ. އެ ތަންތަނަކީ:
-
- ގއ. ދާންދޫ އިރުން 16 މޭލު ބޭރު (08 ސެޕްޓެމްބަރ)
- ގދ. ޤައްދޫ ދެކުނުން 14 މޭލު ބޭރު (09 ސެޕްޓެމްބަރ)
- ޏ. ފުވައްމުލައް އިރުން 10 މޭލު ބޭރު (10 ސެޕްޓެމްބަރ)
- ސ. ވިލިނގިލި އިރުން 15 މޭލު ބޭރު (12 ސެޕްޓެމްބަރ)
- ސ. ހިތަދޫ ހުޅަނގު އުތުރުން 13 މޭލު ބޭރު (13 ސެޕްޓެމްބަރ)
- މ. މުލައް އިރު ދެކުނުން 13 މޭލު ބޭރު (26 ސެޕްޓެމްބަރ)
- މ. ދިއްތުނޑި އިރު ދެކުނުން 16 މޭލު ބޭރު (27 ސެޕްޓެމްބަރ)
- ތ. ޤުރައިދޫ އިރު ދެކުނުން 9 މޭލު ބޭރު (28 ސެޕްޓެމްބަރ)
- ލ. މާބައިދޫ އިރުން 11 މޭލު ބޭރު (29 ސެޕްޓެމްބަރ)
- ގއ. މާމުޓާ އިރުން 12 މޭލު ބޭރު (30 ސެޕްޓެމްބަރ)
ކަނދުފަތީގެ ޑިޒައިނަށް އިންޤިލާބީ ބަދަލެއް
މޫސުމީ ބަދަލުތަކާއި ގަދަ އޮއިވަރުގެ ސަބަބުން ކަނދުފަތިތައް އަވަސްއަވަހަށް ކަނޑައިގެން ދިއުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމަށް ސަރުކާރުން ވަނީ ޚާއްޞަ މަސައްކަތްތަކެއް ފަށްގަޑާފައެވެ. އެގޮތުން، ބައިނަލްއަޤްވާމީ ޖަމްޢިއްޔާއެއް ކަމަށްވާ ފުޑް އެންޑް އެގްރިކަލްޗަރ އޮގަނައިޒޭޝަން (FAO) އާ ގުޅިގެން ކަނދުފަތީގެ ޑިޒައިނަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. މިއީ ވޭތުވެދިޔަ 40 އަހަރު ދިވެހިރާއްޖޭގައި ބޭނުންކުރަމުން އައި ބާ ފަރުމާ ބަދަލުކޮށް، ކަނދުފަތިތައް ގިނަ ދުވަހަށް ދެމެހެއްޓޭނެ ގޮތަށް ފަރުމާކުރެވުނު ޒަމާނީ އައު ޑިޒައިނެކެވެ.
މަސްވެރިކަމާ ބެހޭ ވަޒީރު ވިދާޅުވި ގޮތުގައި، މުޅި ރާއްޖޭގައި ވަދު ކަނދުފަތީގެ ވިއުގައެއް ޤާއިމުކުރުމަށް ކުރިއަށްދާ މި ބޮޑު މަޝްރޫޢު، ކުރިއަށްއޮތް 2027 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ ނިޔަލަށް މުޅިން ނިންމާލެވޭނެއެވެ.
ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ މަސްވެރިންގެ ދިރިއުޅުމާ ނުހަނު ގުޅިފައިވާ ކަނދުފަތިތައް ކަނޑައިގެންދާ ޙާލަތްތަކުގައި، ލަސްނުކޮށް އެތަންތަން އަވަހަށް މަރާމާތުކޮށް މަސްވެރިންނަށް ދިމާވާ ދަތިތަކަށް އަވަސް ޙައްލެއް ހޯދައިދިނުމެވެ.
Ads by MACL
