މަދަރުސާތަކުގައި ބުރުގާ މަނާކުރުމާ ގުޅިގެން އަޒަރުބައިޖާނުގައި ބޮޑެތި މުޒާހަރާތަކެއް ފަށައިފި
އަޒަރުބައިޖާނުގެ ދައުލަތުން ހިންގާ މަދަރުސާތަކުގެ ޔުނިފޯމް ކޯޑަށް ގެނައި ބަދަލުތަކަކާ ގުޅިގެން، މަދަރުސާތަކުގައި ބުރުގާ އެޅުން މަނާކުރުމުން އެ ޤައުމުގެ އެކި ސަރަޙައްދުތަކުގައި ބޮޑެތި މުޒާހަރާތަކެއް ކުރަން ފަށައިފިއެވެ.
ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހު ފާސްކޮށް، މިދިޔަ ހަފްތާގައި ތަންފީޒުކުރަން ފެށި އައު ޤަވާއިދުގައި ސީދާ "ބުރުގާ" ފާހަގަކޮށްފައި ނެތް ނަމަވެސް، ދައުލަތާއި ދީން ވަކިކުރާ 'ސެކިއުލާ' އުސޫލުތަކާ ޚިލާފުވާ ފަދަ އެއްވެސް ހެދުމެއް މަދަރުސާތަކުގައި ބޭނުންނުކުރެވޭނެ ކަމަށް ބުނެފައިވެއެވެ. މި ޤަވާއިދަށް ދަރިވަރުންގެ އިތުރުން މުދައްރިސުން ވެސް ޢަމަލުކުރަން ޖެހެއެވެ.
އާބާދީގައި 10.5 މިލިއަން މީހުން ދިރިއުޅޭ އަދި 96 އިންސައްތަ މުސްލިމުން ހިމެނޭ އަޒަރުބައިޖާނުގައި މިފަދަ މުޒާހަރާތަކެއް ހިނގުމަކީ މަދުން ނޫނީ ނުވާ ކަމެކެވެ. މިހާރު ވެރިކަންކުރާ ރަށް، ބާކޫ ހިމެނޭހެން އެކި ސަރަޙައްދުތަކުގެ މަދަރުސާތަކުގެ ބޭރުގައި ކުރަމުންދާ މުޒާހަރާތަކާ ގުޅިގެން މިހާތަނަށް 37 މީހުން ހައްޔަރުކޮށްފައިވާ ކަމަށް އެ ޤައުމުގެ ދާޚިލީ ވުޒާރާއިން ވަނީ ކަށަވަރުކޮށްދީފައެވެ.
މި ޤަވާއިދުގެ ދަށުން ބުރުގާ އަޅާ ދަރިވަރުންނާއި މުދައްރިސުން މަދަރުސާއަށް ވަނުން ދަނީ ހުރަސްއަޅަމުންނެވެ. ބައެއް އާއިލާތަކުން ބުނާ ގޮތުގައި، ދަރިފުޅުގެ ބުރުގާ ބޭލުމަށްފަހު މަދަރުސާއަށް ފޮނުވުމަށް ނުވަތަ ޖަލަށް ދިޔުމަށް ބައެއް ބެލެނިވެރިންނަށް ކަމާބެހޭ އިދާރާތަކުން ދަނީ އިންޒާރު ދެމުންނެވެ.
މީގެ އިތުރުން، މަދަރުސާއަށް ދިޔުން މަނާކޮށްފައިވާ ބުރުގާއެޅި ދަރިވަރުންނަށް ދަރުމަވެރި މުދައްރިސުން ހިލޭ ކިޔަވައިދޭނެ އޮންލައިން މަންސައެއް ހިންގި އެކްޓިވިސްޓެއް ކަމަށްވާ އިލްކިން ހުސޭނޮވް ވެސް މި މަހުގެ 14 ވަނަ ދުވަހުން ފެށިގެން ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް އޭނާގެ ރަހުމަތްތެރިން ބުނެއެވެ. އޭނާ ގެއްލުނު ފަހުން އެ މަންސައިގެ އިންސްޓަގްރާމް ޕޭޖު ވެސް ވަނީ ގެއްލިފައެވެ. އަދި މުޒާހަރާތައް ފެށުނު ފަހުން އެ ޤައުމުގައި ވީޕީއެންއާ ނުލައި އިންސްޓަގްރާމް އަދި ޓިކްޓޮކް ބޭނުންކުރުމަށް އާންމުންނަށް ވަނީ ދަތިތަކާ ކުރިމަތިލާން ޖެހިފައެވެ.
އަޒަރުބައިޖާނުގެ ޤާނޫނު އަސާސީގައި އެ ޤައުމަކީ ސެކިއުލާ (ދައުލަތާއި ދީން ވަކިވެފައިވާ) ޤައުމެއްގެ ގޮތުގައި އޮތް ނަމަވެސް، ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ކަށަވަރުކޮށްދެއެވެ. ބުރުގާ އަޅާ މުދައްރިސުންނާއި ދަރިވަރުން ވަކާލާތު ކުރަނީ ބުރުގާ އެޅުމަކީ އަމިއްލަ އިޚްތިޔާރުގައި އޮތް ކަމެއް ކަމަށެވެ. ނަމަވެސް ސަރުކާރުގެ ވިސްނުމަކީ ކުޑަކުދިންނަށް ދީނެއް ޚިޔާރުކުރުމުގެ މިނިވަންކަން ލިބިގެން ނުވާ ކަމަށާއި، އެ ކުދިން ހަމައެކަނި ބޮޑެތި މީހުންގެ އުޅުން ކޮޕީ ކުރަނީ ކަމަށެވެ.
Ads by MACL
