ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ތެލުގެ އަގުތަކާއެކު ޓްރަމްޕަށް ސިޔާސީ ފިއްތުންތައް ބޮޑުކުރަން އީރާނުން އަމާޒުހިފައިފި

ތެލުގެ އަގުތަކާއެކު ޓްރަމްޕަށް ސިޔާސީ ފިއްތުންތައް ބޮޑުކުރަން އީރާނުން އަމާޒުހިފައިފި

އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގެ ސަބަބުން އެމެރިކާގެ ތެލުގެ އަގުތައް އިންތިހާއަށް އުފުލި، އިޤްތިޞާދަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ ފައިދާ ނަގައިގެން ރައީސް ޑޮނަލްޑް ޓްރަމްޕަށް ސިޔާސީ ގޮތުން ފިއްތުންތައް ކުރިމަތިކުރުމުގެ މަސައްކަތް އީރާނުން ވަނީ ވަރުގަދަކޮށްފައެވެ.

އީރާނުގެ މަޖިލީހުގެ ރައީސް މުޙައްމަދު ބާޤިރު ޤާލީބާފް، އެމެރިކާގެ ޓްރެޒަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓަށް އަމާޒުކުރައްވައި ދެއްވި ބަޔާނެއްގައި ވިދާޅުވީ، ހަނގުރާމައިގެ ސަބަބުން އެމެރިކާގެ އިންފްލޭޝަން 3.7 އިންސައްތައަށް މައްޗަށް ގޮސް، އާންމު ދިރިއުޅުމުގެ ޚަރަދުތަކާއި އިންޓްރެސްޓް ރޭޓްތައް ބޮޑުވެފައިވާ ކަމަށެވެ. އަދި މިއީ އެމެރިކާގެ އާންމު ރައްޔިތުންނަށް އޭގެ ތަކުލީފު ސީދާ ފޯރަމުންދާ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

މިދިޔަ ފެބުރުވަރީ 28 ގައި ހަނގުރާމަ ފެށުނު ފަހުން، ހުރުމުޒް ކަނޑުއޮޅީގައި އީރާނުން ހިންގަމުންދާ އަސްކަރީ ޙަރަކާތްތަކާ ގުޅިގެން އެމެރިކާގެ ބާޒާރުގައި ޑީސަލް ގޭލަނެއްގެ އަގު 6.33 ޑޮލަރަށް އަދި ޕެޓްރޯލް ގޭލަނެއްގެ އަގު 4.33 ޑޮލަރަށް ވަނީ އުފުލިފައެވެ.

މީގެއިތުރުން، އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އިން އެމެރިކާގެ ރައްޔިތުންނަށް ފޮނުވި ޚާއްޞަ ސިޓީއެއްގައި ބުނެފައިވަނީ ހަނގުރާމައިގެ ޚަރަދުތަކާ ގުޅޭގޮތުން ޓްރަމްޕް ހައްދަވަނީ ދޮގުތައް ކަމަށެވެ. އަދި ބައިނަލްއަޤްވާމީ މާކެޓްތަކުގައި އެމެރިކާގެ އިޤްތިޞާދީ އިތުބާރު ކެނޑެމުންދާތީ، ވެރިންގެ އަތުން ޤައުމުގެ ބާރުތައް އަނބުރާ ހޯދުމަށްވެސް އައިއާރްޖީސީން ވަނީ ގޮވާލާފައެވެ.

މި ކެމްޕޭނުގެ މައިގަނޑު މަޤްޞަދަކީ ކުރިއަށްއޮތް މިޑްޓާމް އިންތިޚާބުގައި ކޮންގްރެސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުންނަށް ހޯދައިދީ، ހަނގުރާމައަށް ފަންޑުކުރުން ހުއްޓުވުން ކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނި ނަމަވެސް، އިންތިޚާބުގެ ނަތީޖާއަށް ބެލުމެއްނެތި އީރާނާ ދެކޮޅަށް ގެންގުޅޭ ހަރުކަށި ސިޔާސަތުތައް ދަމަހައްޓަވާނެ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.