ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުނަސް އެތެރޭގެ އުދުހުންތަކުގެ އަގު ބޮޑުނުކުރަން ރައީސް ވަނީ ނިންމަވާފަ: ވަޒީރު އަމީން
ދުނިޔޭގެ ބާޒާރުގައި ތެލާއި ޖެޓް ފިއުލްގެ އަގުތައް އުފުލި އެއާލައިންތަކުން ޓިކެޓުގެ އަގު ބޮޑުކުރި ނަމަވެސް، ރައްޔިތުންނާއި ފަތުރުވެރިކަމުގެ ސިނާއަތަށް އިސްކަންދީގެން ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ އަގު ބޮޑުނުކޮށް ހިފަހައްޓާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ނިންމެވުމާ ގުޅިގެން ކަމަށް ފަތުރުވެރިކަމާ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހާއި ޕީއެސްއެމް ގުޅިގެން ކުރިއަށްގެންދާ "އަހާ" ފޯރަމްގެ ނުވަވަނަ ޕްރޮގްރާމުގައި އާންމުންގެ މީހަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ވަޒީރު އަމީން ވިދާޅުވީ، ދުނިޔެއަށް ދިމާވެފައިވާ އިޤްތިޞާދީ ހާލަތުގެ ސަބަބުން ބައިނަލްއަޤްވާމީ އެއާލައިންތަކުން ޓިކެޓުގެ އަގު 30 އިންސައްތައާއި 40 އިންސައްތައާ ދެމެދުގެ މިންވަރަކަށް ބޮޑުކޮށްފައިވާ ކަމަށެވެ. ނަމަވެސް ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ އެއްވެސް ސެކްޓަރެއްގެ ޓިކެޓުގެ އަގު ސަރުކާރުން ބޮޑުކޮށްފައި ނުވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އެތެރޭގެ އުދުހުންތަކުގެ އަގު ބޮޑުވުމުގެ ސަބަބުން ރަށްރަށުގައި ލޯކަލް ޓޫރިޒަމް ކުރިއެރުވުމަށް ދަތިތަކެއް ހުރިކަމަށް ބުނެ ކުރެވުނު ސުވާލަށް އަލިއަޅުވާލައްވަމުން ވަޒީރު ވިދާޅުވީ، ގެސްޓްހައުސް ސިނާއަތަށް ދަތުރުކުރާ ފަރާތްތަކަށް ޚާއްސަކޮށްގެން ދޫކުރާ ޓިކެޓުތަކުގެ އަގުތައް މިހާރު ވަނީ ކުރިން ހުރި ވަރަށްވުރެވެސް ހެޔޮކުރެވިފައި ކަމަށެވެ.
Ads by BMLއަދި ތެލުގެ އަގަށް އައި ބަދަލުތަކާއެކު އެތެރޭގެ ދަތުރުތަކުގެ އަގަށް ބަދަލުުގެނައުމަށް އެކި ފަހަރު މަތިން މަސައްކަތް ކުރެވުނު ކަމުގައިވީ ނަމަވެސް، ތިން ފަހަރެއްގެ މަތިން ރައީސުލްޖުމްހޫރިއްޔާ އެ ނިންމެވުން ބަދަލުކުރެއްވި ކަމަށް ވަޒީރު ވިދާޅުވިއެވެ. ރައީސް އަންގަވާފައިވަނީ އާންމު ރައްޔިތުންނަށާއި ގެސްޓްހައުސްތަކަށް އަދި މުޅި ފަތުރުވެރިކަމުގެ ސިނާއަތަށް ނޭދެވޭ އަސަރެއް ނުފޯރާނެ ގޮތަށް ޓިކެޓުގެ އަގުތައް ހިފަހައްޓައިގެން ކުންފުންޏަށް އާމްދަނީ ހޯދޭނެ އުސޫލުތަކެއް ރޭވުމަށް ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
Ads by MACL
