ރާއްޖޭގެ އިޤްތިޞާދަށް ގެއްލުންވާ ގޮތަށް އިންވެސްޓަރުންނަށް ބިރުދެއްކުން ހުއްޓާލުމަށް ސަޢީދު އިލްތިމާސްކުރައްވައިފި
ދިވެހިރާއްޖެއަށް ސަރުމާޔާކުރަން ޝައުޤުވެރިވާ ފަރާތްތަކާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ހިންގާ ބިރުދެއްކުމުގެ ޢަމަލުތަކާއި ދޮގު މަޢުލޫމާތު ފެތުރުން ވަގުތުން ހުއްޓާލުމަށް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މިނިސްޓަރު މުޙައްމަދު ސަޢީދު ގޮވާލައްވައިފިއެވެ.
ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ކުރެއްވި މެސެޖެއްގައި މިނިސްޓަރު ސަޢީދު ވިދާޅުވީ، ސިޔާސީ ޚިޔާލުތަފާތުވުންތަކުގެ ނާޖާއިޒު ފައިދާ ނަގައި އިންވެސްޓަރުންނާ ދެކޮޅު ކެމްޕޭންތައް ހިންގުމަކީ ޤައުމުގެ ކުރިމަގަށް ލިބޭނެ ބޮޑު ގެއްލުމެއް ކަމަށެވެ. އަދި ރައްޔިތުންގެ ލާބައަށާއި އިޤްތިޞާދީ ފުރުޞަތުތަކަށްޓަކައި މިފަދަ ނޭދެވޭ ޙަރަކާތްތައް ހުއްޓާލަންޖެހޭ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ދުނިޔޭގެ ވިޔަފާރީގެ ވާދަވެރިކަމުގެ ތެރޭގައި ރާއްޖެއާ ދެކޮޅަށް ފަތުރާ ދޮގު ވާހަކަތަކުގެ ފައިދާ އެހެން ފަރާތްތަކުން ނަގައިފާނެކަމުގެ އިންޒާރު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، އިންވެސްޓަރުންގެ އިތުބާރު ގެއްލުވާލުމަށް ކުރާ މަސައްކަތްތަކަކީ ޤައުމީ މަޞްލަޙަތާ ޚިލާފު ކަންކަން ކަމަށެވެ.
Ads by BMLރާއްޖޭގެ އިޤްތިޞާދުގެ މައި ތަނބަކީ ފަތުރުވެރިކަމުގެ ސިނާއަތްކަން ފާހަގަކުރައްވައި ސަޢީދު ވިދާޅުވީ، މިއީ އަބަދުވެސް ބަދަލުވަމުން އަދި ކުރިއަރަމުން އަންނަ ދާއިރާއެއް ކަމަށެވެ. އަދި ނަފުރަތާއި ދޮގާއި ހަސަދަވެރިކަމުގެ މައްޗަށް މިފަދަ އިންޑަސްޓްރީއެއް ބިނާނުކުރެވޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
https://twitter.com/em_saeed/status/2111357219409461646
މީގެއިތުރުން، ރާއްޖޭގައި އަބަދުވެސް ހިންގާނީ ދިވެހިރާއްޖޭގެ ޤާނޫނާއި ގާނޫނުއަސާސީ ކަމަށާއި، ޤާނޫނާ ޚިލާފު އެއްވެސް ކަމަކަށް ފުރުޞަތު ނުލިބޭނެ ކަމުގެ ޔަޤީންކަން މިނިސްޓަރު ދެއްވިއެވެ. އެހެންކަމުން ކަންކަމުގެ ޙަޤީޤަތް ބެލުމެއްނެތި ނަފުރަތާއި ދޮގު ޚަބަރު ފެތުރުން ހުއްޓާލުމަށް އެމަނިކުފާނު ވަނީ އިލްތިމާސްކުރައްވާފައެވެ.
Ads by MACL
