ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ރާއްޖޭގެ ފަތުރުވެރިކަމުގެ 7 ވަނައަށް އޮސްޓްރޭލިއާ ޖެހިލައިފި: އަންނަ އަހަރު މެލްބަން ޝެޑިއުލް ދަތުރުތައް ފަށަނީ

އޮސްޓްރޭލިއާ އެއާލައިން / ފޮޓޯ: ކުއާންޓަސް އެއާވޭސް
އޮސްޓްރޭލިއާ އެއާލައިން / ފޮޓޯ: ކުއާންޓަސް އެއާވޭސް

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދަށް ބަލާއިރު، ހަލުވިކަމާއެކު ކުރިއަރަމުން އަންނަ މާކެޓެއްގެ ގޮތުގައި އޮސްޓްރޭލިއާ ފާހަގަކުރެވި، އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމުތަކުގެ ލިސްޓުގެ 7 ވަނައަށް އެ ޤައުމު ޖެހިލައިފިއެވެ. ފަތުރުވެރިކަމާބެހޭ ވުޒާރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، ނިމުނު އަހަރު މި ލިސްޓުގެ 11 ވަނައިގައި އޮތް އޮސްޓްރޭލިއާއިން މިހާރު ވަނީ ރާއްޖޭގެ މާކެޓުގެ 2.4 އިންސައްތަ ހިއްސާ ހޯދާފައެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، އަހަރުގެ މިހާތަނަށް އޮސްޓްރޭލިއާއިން ރާއްޖެއަށް 39,487 ފަތުރުވެރިން ވަނީ ޒިޔާރާތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އެގައުމުން ރާއްޖެއަށް ޒިޔާރާތްކުރި 32,843 ފަތުރުވެރިންނާ އަޅާ ބަލާއިރު 20.2 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ. މީގެއިތުރުން، އަހަރުގެ ފުރަތަމަ 6 މަސްދުވަހު އެ ޤައުމުން 17,737 ފަތުރުވެރިން އައިސްފައިވީ ނަމަވެސް، ފާއިތުވި މަސްތަކުގެ ތެރޭގައި އެ އަދަދު ވަނީ ދެގުނައަށްވުރެ ބޮޑަށް އިތުރުވެފައެވެ.

އޮސްޓްރޭލިއާ މާކެޓަށް އައި މި ބޮޑު ކުރިއެރުމާއެކު، ޤައުމީ އެއާލައިން މޯލްޑިވިއަނުން ވަނީ މިއަހަރުގެ މޭ މަހުގެ 18 ވަނަ ދުވަހުން ފެށިގެން އެ ކުންފުނީގެ އޭ330 (A330) މަތިންދާބޯޓުގައި އޮސްޓްރޭލިއާގެ މެލްބަންއަށް ސީދާ ދަތުރުތައް ފަށާފައެވެ. މި ދަތުރުތަކަށް އޮތް ޑިމާންޑް ބޮޑުވުމުގެ ސަބަބުން، އަންނަ އަހަރުން ފެށިގެން ޝެޑިއުލްކޮށް ކޮންމެ ހަފުތާއަކު 1 ދަތުރު ކުރުމަށް މިހާރު ވަނީ ނިންމާފައެވެ.
އޮސްޓްރޭލިއާގެ އިތުރުން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރާތްކުރާ ގައުމުތަކުގެ ލިސްޓުގެ ކުރީގައި އުޅޭ ޤައުމުތަކަށް ބަލާއިރު:
• ޗައިނާ: 300,000 އަށްވުރެ ގިނަ ފަތުރުވެރިން
• ރަޝިއާ: 200,000 އަށްވުރެ ގިނަ ފަތުރުވެރިން
• އިނގިރޭސިވިލާތް، ޖަރުމަނުވިލާތް، އިޓަލީވިލާތް: ކޮންމެ ޤައުމަކުން 100,000 އަށްވުރެ ގިނަ ފަތުރުވެރިން
• އިންޑިއާ: 95,000 އަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރާތްކޮށްފައެވެ.

މި ތަފާސްހިސާބުތަކުން ދައްކާގޮތުގައި ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ސަރުކާރާއި ކަމާބެހޭ އިދާރާތަކުން ކުރަމުންދާ މަސައްކަތްތަކުގެ ހެޔޮ ނަތީޖާ، ޚާއްޞަކޮށް ދުރު މާކެޓުތަކުން ދަނީ ފެންނަމުންނެވެ.