ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ "ބިންގާ" ޕްރޮގްރާމްގެ ދަށުން، އިސްލާމީ ނަޒަރަކުން ސާފުތާހިރުކަމާ ގުޅޭގޮތުން ޚާއްޞަ ސެޝަނެއް ބާއްވައިފި
ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ކުރިއަށްދާ ތަރުބަވީ ޚާއްޞަ ޕްރޮގްރާމް "ބިންގާ" ގެ ތެރެއިން، އޮކްޓޫބަރު މަހުގެ ތީމް ކަމަށްވާ "ސާފުތާހިރުކަން" މިއަށް އަލިއަޅުވައިލައި ދަރިވަރުންނަށް ޚާއްޞަ މަޢުލޫމާތު ދިނުމުގެ ސެޝަނެއް ބާއްވައިފިއެވެ.
"އިސްލާމީ ނަޒަރަކުން ސާފުތާހިރުކަން" މި މައުޟޫޢަށް ބޭއްވުނު މި ސެޝަން ކުރިއަށް ގެންގޮސްފައިވަނީ އެ މަރުކަޒުގެ ގްރޭޑް 4، 5 އަދި 6 ގެ ދަރިވަރުންނަށް އަމާޒުކޮށްގެންނެވެ. ދަރިވަރުންގެ އުމުރާ ގުޅޭގޮތަށް، ވަރަށް ޝައުޤުވެރި އަދި ފައިދާހުރި ގޮތަކަށް މި ސެޝަން ނަންގަވައިދެއްވީ އެ މަދަރުސާގެ އިސްލާމް މުދައްރިސުން ކަމަށްވާ އަލްފާޟިލް ޙަސަން ޞަބާޙް އަދި އަލްފާޟިލާ އަމީނާ އާދަމްއެވެ.
މި ސެޝަނުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވައިލާފައިވަނީ އިސްލާމްދީނުގައި ސާފުތާހިރުކަމަށް ދެވިފައިވާ އަހައްމިއްޔަތުކަމުގެ މައްޗަށެވެ. އެގޮތުން، ސާފުތާހިރުކަމަކީ އީމާންކަމުގެ ބައެއްގެ ގޮތުގައި ދީނުގައި ކަނޑައަޅުއްވާފައިވާ މިންވަރާއި، ހަށިގަނޑާއި ފޭރާމުގެ އިތުރުން ދިރިއުޅޭ މާޙައުލު ސާފުކޮށް ބެލެހެއްޓުމުގެ މުހިންމުކަމާ ގުޅޭގޮތުން ދަރިވަރުންނަށް ވަނީ ދީނީ އަދި އިޖުތިމާއީ ނަޒަރަކުން މުހިންމު މަޢުލޫމާތުތަކެއް ޙިއްޞާކޮށްފައެވެ. މީގެ އިތުރުން، އާދައިގެ ދިރިއުޅުމުގައި ސާފުތާހިރުކަން އިސްކުރުމުން ލިބޭ ސިއްހީ އަދި ރޫހާނީ ފައިދާތަކަށްވެސް މި ބައްދަލުވުމުގައި އަލިއަޅުވައިލާފައިވެއެވެ.
Ads by BMLހދ. އަތޮޅު ތަޢުލީމީ މަރުކަޒުން މައުލޫމާތު ދޭ ގޮތުގައި، "ބިންގާ" ޕްރޮގްރާމަކީ ދަރިވަރުންގެ ކިބައިގައި ނަފްސާނީ، ރޫހާނީ އަދި އަޚްލާޤީ ރަނގަޅު އާދަތައް އަށަގަންނުވައި، ހަރުދަނާ ޖީލެއް ބިނާކުރުމުގެ މަޤްޞަދުގައި ކޮންމެ މަހަކުވެސް ޚާއްޞަ ތީމްތަކަކަށް ބަހާލައިގެން މުޅި އަހަރަށް ބަހާލައިގެން ކުރިއަށްގެންދާ ތަރުބަވީ ޕްރޮގްރާމެކެވެ.
މިފަދަ ސެޝަންތަކުގެ ސަބަބުން ދަރިވަރުންގެ ދިރިއުޅުމުގެ އާދަތަކަށް ހެޔޮ ބަދަލުތަކެއް އައިސް، ދީނީ ކަންކަމަށް ހޭލުންތެރިކަން އިތުރުވެގެންދާނެ ކަމަށް އެ މަދަރުސާގެ މުދައްރިސުންނާއި ބެލެނިވެރިން އުއްމީދު ކުރެއެވެ
Ads by MACL
