ވިއެޓްނާމަށް ފަށާ އައު ވައިގެ ދަތުރުތަކާއެކު ދިވެހި ދަތުރުވެރިންނަށާއި ވިޔަފާރިވެރިންނަށް ފަހި ފުރުޞަތުތަކެއް!
ދިވެހިން ޢާންމުކޮށް ޗުއްޓީއަށާއި ވިޔަފާރި ދަތުރުތަކަށް އިޚްތިޔާރުކުރާ މަންޒިލްތަކުގެ އިތުރުން، ދެކުނު އިރުމަތީ އޭޝިއާގެ އައު މަންޒިލެއްގެ ގޮތުގައި ވިއެޓްނާމް ރާއްޖޭގެ ދަތުރުފަތުރުގެ ޗާޓާ ގުޅާލުމަށް ތައްޔާރުވެއްޖެއެވެ. ވިއެޓްޖެޓް އެއާލައިނުން ރާއްޖެއަށް ކުރާ ރަސްމީ ދަތުރުތައް އަންނަ ޑިސެންބަރު މަހުގެ 5 ވަނަ ދުވަހު ފެށުމަށް މިވަނީ ހަމަޖެހިފައެވެ.
ވިއެޓްޖެޓްގެ ރާއްޖޭގެ ރަސްމީ ޖެނެރަލް ސޭލްސް އެޖެންޓް، އޮއެފަރު އެވިއޭޝަން ސާވިސަސް އިން ވ. ފުލިދޫގައި ބޭއްވި މީޑިއާ ބްރީފިންގއެއްގައި މަޢުލޫމާތު ދިންގޮތުގައި، މި ދަތުރުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ސްރީލަންކާގެ ކޮލަމްބޯ މަގުން ވިއެޓްނާމްގެ ހޯޗީމިން ސިޓީއަށެވެ. ކޮންމެ ހަފުތާއަކު ތިން ދުވަހު (އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު) ބާއްވާ މި ދަތުރުތަކުގައި ކޮލަމްބޯގައި އެއް ގަޑިއިރުގެ ޓްރާންސިޓެއް އޮތް ނަމަވެސް ބޯޓުން ފޭބުމުގެ ފުރުސަތެއް ނުލިބޭނެއެވެ. މި ދަތުރުތަކުގެ އެވްރެޖް ޓިކެޓް އަގަކީ 400 އެމެރިކާ ޑޮލަރެވެ.
ޚަރަދާ އެކަށޭނަ އާއިލީ ބަޖެޓް މަންޒިލެއް
ޗުއްޓީ ހޭދަކުރުމުގައި ޚަރަދަށް ބަލާ ދިވެހި ޢާއިލާތަކަށް ވިއެޓްނާމަކީ ބަޖެޓް މަންޒިލެކެވެ. އޮއެފަރު އެވިއޭޝަނުން ދެއްކި ނަމޫނާ ބަޖެޓަށް ބަލާއިރު، 4 މީހުންގެ ދިވެހި އާއިލާއަކަށް ޓިކެޓާ ނުލައި 7 ރޭގެ ހުރުމާއި، ކެއުމާއި، އެތެރޭގެ ދަތުރުފަތުރާއި ވިޔަފާރި ހިމެނޭހެން 2,000 އާއި 3,000 އެމެރިކާ ޑޮލަރާ ދެމެދުގެ ބަޖެޓެއް ފުދޭނެއެވެ. ވިއެޓްނާމަކީ ހަލަބޮލި ސިޓީތަކުގެ އިތުރުން ޔުނެސްކޯގެ ތަރިކައިގެ ލިސްޓުގައި ހިމެނޭ ތަންތަނާއި، މަޝްހޫރު "ގޯލްޑަން ބްރިޖް" ފަދަ ޤުދުރަތީ ރީތިކަމާއި ތާރީޚީ މުއްސަނދިކަން އެއްތަނަކުން ތަޖުރިބާކޮށްލެވޭނެ "އޯލް-އިން-ވަން" މަންޒިލެކެވެ.
Ads by BMLވިޔަފާރިވެރިންނަށް ހުޅުވޭ އައު ދޮރެއް
ފަތުރުވެރިކަމުގެ އިތުރުން ވިއެޓްނާމަކީ ދުނިޔޭގެ އުފެއްދުންތެރިކަމުގެ ބޮޑު މާކެޓެކެވެ. ފޭރާމާއި، ފައިވާނާއި، ފަރުނީޗަރު އަދި އިލެކްޓްރޯނިކްސް ފަދަ ސާމާނު ހެޔޮ އަގުގައި ހޯލްސޭލްކޮށް ލިބެން ހުރުމަކީ ރާއްޖެއަށް މުދާ އެތެރެކުރާ ދިވެހި ވިޔަފާރިވެރިންނަށް ލިބިގެންދާނެ ވަރަށް ބޮޑު މަންފާއެކެވެ.
މި ދަތުރުތައް ފެށުމަކީ ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ވިއުގައަށް އިތުރުވާ މުހިންމު ބޮޅެއްގެ ގޮތުގައި އޮއެފަރު އެވިއޭޝަނުން ފާހަގަކުރެއެވެ. އަދި ދަތުރުވެރިންނަށް ބުކިންގް ހެދުމުގައްޔާއި އެހެނިހެން ކަންކަމުގައި އެ ފަރާތުން މެދުނުކެނޑި އެހީތެރިކަން ފޯރުކޮށްދޭނެއެވެ.
Ads by MACL
