ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ކުރިއަށް އޮތް 5 އަހަރު ތެރޭގައި ޕެންޝަން ފަންޑު 60 ބިލިއަނަށް އެރުވުމަކީ އެންމެ ބޮޑު އަމާޒު: ޔަޒްމީދު

ތްރީ ޖެނަރޭޝަން ވޯކް ފެށުމުގެ ރަސްމިއްޔާތުގައި ސީއީއޯ ޔަޒްމީދު ވާހަކަފުޅު ދައްކަވަނީ/ ޖީލު ފޮޓޯ: އިފްނާން
ތްރީ ޖެނަރޭޝަން ވޯކް ފެށުމުގެ ރަސްމިއްޔާތުގައި ސީއީއޯ ޔަޒްމީދު ވާހަކަފުޅު ދައްކަވަނީ/ ޖީލު ފޮޓޯ: އިފްނާން

ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި މޯލްޑިވްސް ރިޓަޔާމަންޓް ޕެންޝަން ފަންޑުގެ އަގު 60 ބިލިއަން ރުފިޔާއަށް އިތުރުކުރުމަކީ އެ އޮފީހުގެ އެންމެ ބޮޑު އެއް އަމާޒު ކަމަށް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ސީއީއޯ ޔަޒްމީދު މުޙައްމަދު ވިދާޅުވެއްޖެއެވެ.

ޔަޒްމީދު މިހެން ވިދާޅުވީ ހދ. ހަނިމާދޫގައި ޕެންޝަން އޮފީހުން އިސްނަގައިގެން ކުރިއަށްގެންދިޔަ "ތްރީ ޖެނަރޭޝަން ވޯކް" ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޔަޒްމީދު ފާހަގަކުރެއްވި ގޮތުގައި، ޕެންޝަން ފަންޑު މިހާރަށްވުރެ ބޮޑަށް ފުޅާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި އޭގެ ނަފާ މެންބަރުންނަށް ހޯދައިދިނުމަކީ ކޮންމެހެން މުހިންމު ކަމެކެވެ. އެގޮތުން، މިހާރު ފަންޑުގައި ހުރި 30 ބިލިއަނެއްހާ ރުފިޔާ، އަންނަ ފަސް އަހަރުގެ ތެރޭގައި އިތުރު ފުރުސަތުތަކަށް އިންވެސްޓްކޮށްގެން 60 ބިލިއަން ރުފިޔާއަށް އިތުރުކުރުމަށް ރޭވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޕެންޝަން ފަންޑުގައިވާ 30 ބިލިއަނެއް ހާ ރުފިޔާއަކީ ފާއިތުވެ 17 އަހަރުގެތެރޭގައި ޖަމާކުރެވުނު އަދަދެވެ. މިހާރު ޕެންޝަން އޮފީހުގެ އަމާޒަކީ 5 އަހަރުގެ ތެރޭގައި މިއަދަދު ދެގުނަ ކުރުމެވެ.

މީގެ އިތުރުން، އެ އަމާޒަށް ވާސިލްވުމަށްޓަކައި ޕެންޝަން ކޮންޓްރިބިއުޝަން ގަވާއިދުން ޖަމާކުރުމުގެ މުހިންމުކަމަށް އަލިއަޅުއްވާލައްވަމުން ޔަޒްމީދު ވިދާޅުވީ، ޕެންޝަން އޮފީހަށް ލިބެންޖެހޭ ފައިސާގެ ތެރެއިން ނުލިބި 100 މިލިއަނެއްހާ ރުފިޔާ އަދިވެސް އެބަހުރި ކަމަށެވެ.

އަދި އެ ފައިސާ ހޯދުމުގެ މަސައްކަތް ޕެންޝަން އޮފީހުން ވަރަށް ބާރަށް ކުރިއަށް ގެންދާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

ޕެންޝަން އޮފީހުން ހާމަކުރާ ތަފާސްހިސާބުތަކަށް ބަލާއިރު، ރިޓަޔާމަންޓް ޕެންޝަން ސްކީމުގައި މިހާތަނަށް 180،000 އަށް ވުރެ ގިނަ މެންބަރުން ވަނީ ބައިވެރިވެފައެވެ.

އަދި ރައްޔިތުން މާލީ ގޮތުން ހޭލުންތެރިކުރުވުމަށާއި، ފަންޑުގެ ހިންގުން ހަރުދަނާކޮށް، ޚިދުމަތްތައް ޒަމާނީ ޓެކްނޮލޮޖީއާއެކު ފަސޭހަކޮށްދިނުމަށް އެ އޮފީހުން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.