ވައިޓް ހައުސްގެ ޕްރެސް ސެކެޓްރީ ކޭޓީ ޒަކަރައިޔާ އައްޔަންކުރިތާ 5 ދުވަސް ތެރޭ މަގާމުން ވަކިކޮށްފި
އެމެރިކާގެ ވައިޓް ހައުސްގެ ޕްރެސް ސެކެޓްރީގެ މަގާމާ ހަވާލުވެވަޑައިގެންނެވިތާ އެންމެ ފަސް ދުވަހުގެ ތެރޭގައި، ކޭޓީ ޒަކަރައިޔާ އެ މަގާމުން ވަކިކޮށްފިއެވެ.
އޭނާ މަގާމުން ވަކިކޮށްފައި މިވަނީ، މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ބޭއްވެވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ކުރިމަތިވި ބޮޑެތި ފާޑުކިޔުންތަކާއި، އޭނާގެ ގާނޫނީ ގާބިލުކަމާމެދު އުފެދުނު ސުވާލުތަކާ ގުޅިގެންނެވެ.
ޒަކަރައިޔާ މަގާމުން ވަކިކުރިކަން ހާމަކުރުމުގެ ކުޑައިރުކޮޅެއް ކުރިން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނޫސްވެރިންނާ ވާހަކަދައްކަވަމުން ވިދާޅުވީ، މީޑިއާތަކުން ޒަކަރައިޔާއާ މެދު އަމަލުކުރީ ވަރަށް ހަރުކަށިކޮށް ކަމަށެވެ. އަދި މަގާމުގައި ދެމިހުންނަވަން ބޭނުންފުޅުނުވާނަމަ އެކަން މަޖުބޫރު ނޫން ކަމަށާއި، މަގާމާ މެދު އަލުން ވިސްނެވުމަށް ޒަކަރައިޔާގެ އަރިހުގައި ވިދާޅުވި ކަމަށްވެސް ޓްރަމްޕް ހާމަކުރެއްވިއެވެ.
އުމުރުން 42 އަހަރުގެ ޒަކަރައިޔާ މަގާމުން ވަކިކުރުމާ ގުޅިގެން 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި، ރައީސް ޓްރަމްޕަށް ވަރަށް ބޮޑަށް ތައުރީފުކުރައްވައި، އެމަނިކުފާނާއެކު މަސައްކަތްކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގަތުމަކީ ޝަރަފެއް ކަމަށް ވިދާޅުވެފައެވެ.
Ads by BMLނަމަވެސް، ކުރިއަށް އޮތް މިޑްޓާމް އިންތިޚާބާ ދިމާކޮށް އިދިކޮޅު ޑިމޮކްރެޓުން ވަނީ މި ކުއްލި ވަކިކުރުމަކީ ޓްރަމްޕްގެ ސަރުކާރުގެ ނާގާބިލުކަން ހާމަވާ ކަމެއްގެ ގޮތުގައި ސިފަކޮށްފައެވެ. ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ އިސް ޑިމޮކްރެޓިކް ލީޑަރު ހަކީމް ޖެފްރީސް ވިދާޅުވީ، މިއީ "މަގާ" ހަރަކާތް ބަލިކަށިވަމުންދާ ކަމުގެ ހެއްކެއް ކަމަށެވެ.
ޒަކަރައިޔާއަށް އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވީ 15 މިނެޓަށް ވުރެވެސް ކުރު ދިގުމިނެއްގެ ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި މުޅިންވެސް ނޯޓުފޮތަކަށް ބައްލަވައިގެން ވާހަކަދެއްކެވުމުންނާއި، ޖަވާބުދެއްވީ އެންމެ 3 ސުވާލަށް ކަމަށްވުމުންނެވެ. އަދި އެ ބައްދަލުވުމުގައި އަމިއްލަ ފިރިކަލުންނަށް "ރައީސް" ގެ ނަމުން މުޚާތަބުކުރެއްވުންވެސް ހިމެނެއެވެ. މީގެއިތުރުން، ޕެޕަރޑައިން ޔުނިވަރސިޓީގެ ލޯ ސްކޫލުން ތައުލީމު ހާސިލުކުރައްވާފައިވާ ޒަކަރައިޔާ، ބާ އިމްތިހާނުން ފާސްވެފައިނުވާ ކަމަށް ފަހުން ވަނީ އިއުތިރާފުވެވަޑައިގެންފައެވެ.
ފޮކްސް ނިއުސް ފަދަ މީޑިއާތަކަށް ދެއްވި އިންޓަވިއުތަކުގައި ޒަކަރައިޔާ ވިދާޅުވީ، ބާ އިމްތިހާނުގެ ވާހަކަ ޓްރަމްޕަށް ދަންނަވާފައި ނުވަނީ އެފަދަ ސުވާލެއް އެމަނިކުފާނު ނުކުރައްވާތީ ކަމަށާއި، އޭނާއާ ހަވާލުކުރެއްވި މަގާމަކީ ގާނޫނީ ވަޒީފާއަކަށް ނުވާތީ ކަމަށެވެ.
މި ފަސް ދުވަހުގެ ކުރު ދައުރަކީ ވައިޓް ހައުސްގެ ޕްރެސް ޓީމުގެ ތާރީޚުގައި ވެސް އެންމެ ކުރު މުއްދަތެއްގައި ބޭފުޅަކު މަގާމުގައި ދެމިހުންނެވި ފަހަރެވެ.
މީގެކުރިން މި ރެކޯޑު އޮތީ ޓްރަމްޕްގެ ފުރަތަމަ ދައުރުގައި 10 ދުވަހު މަގާމުގައި ހުންނެވި އެންތަނީ ސްކަރަމޫޗީގެ އަތުގައެވެ. ވައިޓް ހައުސްގެ މަގާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ޒަކަރައިޔާ ވަނީ ފޮކްސް، ނިއުސްމެކްސް، ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީ އަދި ޓްރުތު ސޯޝަލް މަސައްކަތްކުރައްވާފައެވެ.
Ads by MACL
