ކަނޑުގެ އަޑީގައި ފެން އުފައްދާ ނިޒާމެއް ޤާއިމުކުރުމުގެ ޢަމަލީ ދިރާސާތައް އެމްޑަބްލިޔުއެސްސީން ފަށައިފި
ދިވެހިރާއްޖެއަކީ 2040 ވަނަ އަހަރާ ހަމައަށް ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރަށް އެއްބާރުލުން ދިނުމުގެ ގޮތުން، މާލެ ސަރަހައްދުގެ ކަނޑުގެ އަޑީގައި ފެން އުފައްދާ ނިޒާމެއް ނުވަތަ 'ސަބްސީ ޑީސެލިނޭޝަން' ޕްލާންޓެއް ބެހެއްޓުމަށްޓަކައި ހަދަންޖެހޭ ޢަމަލީ ދިރާސާތައް މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ފަށައިފިއެވެ.
މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ އެންމެ ފަހުގެ އީޖާދީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ޤައުމީ ފެނުގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، ތިމާވެއްޓާ ރައްޓެހި ގޮތެއްގައި ކުންފުނީގެ ހިންގުން އިތުރަށް ހަރުދަނާކުރުމެވެ.
މިހާރު ކުރިއަށްދާ ފީސިބިލިޓީ ސްޓަޑީގެ ތެރެއިން "ފްލޯޝަން" ގެ ޓެކްނިކަލް ޓީމުން ވަނީ މާލެ ސަރަހައްދުގެ ކަނޑުގެ 500 މީޓަރު އަޑިން ފެން ސާމްޕަލް ނަގާފައެވެ. އެމްޑަބްލިޔުއެސްސީން މަޢުލޫމާތު ދޭ ގޮތުގައި ފުރަތަމަ ބެލި ބެލުމުންވެސް މި ފެނަކީ އާދަޔާޚިލާފަށް ސާފު ފެނެއްކަން ވަނީ ފާހަގަކުރެވިފައެވެ. އަދި ކުރިއަށް އޮތް ލެބޯޓްރީ ތަޙުލީލުތަކުން މިއީ ފެންވަރު ރަނގަޅު ފެނެއްކަން ކަށަވަރުވެއްޖެނަމަ، މިއީ ރާއްޖޭގައި ފެން އުފެއްދުމަށް ބޭނުންކުރެވޭނެ އެންމެ މަތީ ފެންވަރުގެ ތަބީޢީ ވަސީލަތަކަށް ވެގެންދާނެއެވެ.
Ads by BMLފްލޯޝަންގެ އީޖާދީ ޓެކްނޮލޮޖީގައި ފެން ސާފުކުރުމުގެ ރިވާސް އޮސްމޯސިސް މަރުޙަލާ ހިންގަނީ ކަނޑުގެ އަޑީގައި އުފެދޭ ތަބީޢީ ހައިޑްރޯސްޓެޓިކް ޕްރެޝަރު ބޭނުންކޮށްގެންނެވެ. އެ ކުންފުނީގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި ނިޒާމުގެ ސަބަބުން ފެން އުފެއްދުމަށް ހިނގާ ކަރަންޓުގެ ޚަރަދު 40 އިންސައްތައާއި 50 އިންސައްތައާ ދެމެދުގެ މިންވަރަކަށް ކުޑަކުރެވޭނެއެވެ. މީގެއިތުރުން ކެމިކަލް ބޭނުންކުރަންޖެހޭ މިންވަރު މަދުވެ، ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ނުހަނު ބޮޑަށް ކުޑަވެގެންދާނެ ކަމަށް ބެލެވުނު ނަމަވެސް، މިއީ ރާއްޖޭގެ މާޙައުލުގައި އަދި ކަށަވަރުކުރެވިފައިވާ ނަތީޖާއެއް ނޫންކަން އެމްޑަބްލިޔުއެސްސީން ފާހަގަކުރެއެވެ.
އެމްޑަބްލިޔުއެސްސީން އިތުރަށް ބުނެފައިވަނީ، މިހާރު ކުރިއަށްދާ ދިރާސާތަކުން ލިބޭ ނަތީޖާއަށް ބަލައި، މިއީ ޓެކްނިކަލް ގޮތުންނާއި ވިޔަފާރީގެ ގޮތުން ރާއްޖެއަށް އެންމެ އެކަށީގެންވާ ނިޒާމެއްތޯ ވަޒަންކުރާނެ ކަމަށެވެ. އަދި މިއީ ރައްޔިތުންނަށް އުފެއްދުންތެރި، ދެމެހެއްޓެނިވި އަދި ތިމާވެއްޓާ ރައްޓެހި ފެނުގެ ޚިދުމަތެއް ފޯރުކޮށްދިނުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެކެވެ.
Ads by MACL
