ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ބްރިޖްގައި ޑިއުޓީ އަދާކުރަނިކޮށް ސައިކަލު ޖެއްސި ފުލުސް އޮފިސަރާ ވަޒީރު އިހުސާން ބައްދަލުކުރައްވައިފި

 ޑިއުޓީގައީ އުޅެނިކޮށް އަނިޔާވި ފުލުސް އޮފިސަރާއި ވަޒީރު އިހުސާން ބައްދަލު ކުރެއްވުން ---
ޑިއުޓީގައީ އުޅެނިކޮށް އަނިޔާވި ފުލުސް އޮފިސަރާއި ވަޒީރު އިހުސާން ބައްދަލު ކުރެއްވުން ---

ސިނާމާލެ ބްރިޖު ހައިވޭގައި ޑިއުޓީ އަދާކުރަނިކޮށް ބާރު ސްޕީޑުގައި ދުއްވާފައި އައި ސައިކަލަކުން ޖެހި ބޮޑެތި އަނިޔާތަކެއް ލިބުނު ފުލުސް އޮފިސަރުގެ ހާލު ބެއްލެވުމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން މިއަދު އޭޑީކޭ ހޮސްޕިޓަލަށް ޒިޔާރަތްކުރައްވައިފިއެވެ.

މިއަދު ފަތިހު 04:29 ހާއިރު މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ލޭނުގައި ގާއިމުކޮށްފައިވާ ވެހިކަލް ޗެކްޕޮއިންޓުގައި މި ނުރައްކާތެރި ހާދިސާ ހިނގީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ހިންގަމުންދާ ހާއްސަ އޮޕަރޭޝަނުގެ ތެރެއިންނެވެ.

ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދެއްވި ގޮތުގައި، ގަޑިއަކު 100 ކިލޯމީޓަރަށްވުރެ ބާރު ސްޕީޑުގައި ދުއްވާފައި އައި ސައިކަލު ވަނީ މަގުމަތީގައި ޖަހާފައި ހުރި ބެރިކޭޑުތަކުގައި ޖެހި، އެއާއެކު ޑިއުޓީގައި ހުރި އޮފިސަރުގެ ގައިގައި ބާރަށް ޖެހިފައެވެ. މި ހާދިސާގައި އެ އޮފިސަރުގެ އަނގަމަތި ފަޅައިގެން ގޮސް، ދަތްތައް ބިންދައިގެން ގޮސް ބޮޑެތި އަނިޔާތަކެއް ލިބިފައިވާތީ މިހާރު އަންނަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.

އޭޑީކޭ ހޮސްޕިޓަލަށް ކުރެއްވި މި ޒިޔާރަތުގައި ވަޒީރު އިޙްސާންގެ އަރިހުގައި ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް ފަރުހާދް ފިކްރީވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ޒިޔާރަތުގައި، އެއްވެސް ފަސްޖެހުމެއްނެތި ގައުމީ ވާޖިބު އަދާކުރުމުގައި އެ އޮފިސަރު ދެއްކެވި ހިތްވަރާއި ސާބިތުކަމަށް ވަޒީރު ވަނީ ތައުރީފު ކުރައްވައި، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި ގާނޫނު ތަންފީޒުކުރުމުގައި ފުލުހުން ވަމުންދާ ގުރުބާނީގެ އަގު ފާހަގަކުރައްވާފައެވެ.

އަދި މި ދަތި އުނދަގޫ ދަނޑިވަޅުގައި އޮފިސަރުގެ އާއިލާއަށް ހިތްވަރު ދެއްވައި، ސަރުކާރާއި މުއައްސަސާގެ ފަރާތުން ބޭނުންވާނެ އެންމެހައި އެހީތެރިކަމާއި އެއްބާރުލުން ފުރިހަމައަށް ފޯރުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ވަޒީރު ވަނީ ދެއްވާފައެވެ.