ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މޭވާއާއި ތަރުކާރީ އެތެރެކުރުން މަދުކުރުމަކީ އިސް އަމާޒެއް: ޝިޔާމް

މިއަހަރުގެ ކާބޯތަކެތީގެ ދުވަސް ވަނީ ވަރަށް ކުލަގަދަކޮށް ފާހަގަކޮށްފައި ----
މިއަހަރުގެ ކާބޯތަކެތީގެ ދުވަސް ވަނީ ވަރަށް ކުލަގަދަކޮށް ފާހަގަކޮށްފައި ----

ރާއްޖެއަށް ބޭރުން ކާބޯތަކެތި އެތެރެކުރާ މިންވަރު މަދުކޮށް، ޤައުމުގެ ކާނާގެ ޔަޤީންކަން ކަށަވަރުކުރުމަކީ ސަރުކާރުން އެންމެ އިސްކަންދޭ އެއް އަމާޒު ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީ މީދޫގައި ބޭއްވި ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާއި ޤައުމީ ދަނޑުވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ރާއްޖެއަކީ ބިންތިރި ޖަޒީރާ ޤައުމަކަށް ވުމާއެކު ދަނޑުވެރިކަން ކުރުމުގައި ގިނަ ގޮންޖެހުންތަކެއް ހުރި ނަމަވެސް، މި ދާއިރާއިން އެދެވޭ އާމްދަނީއެއް ހޯދުމަށް ފުޅާ ދާއިރާއެއްގައި މަސައްކަތްތަކެއް ކުރަންޖެހިފައިވާ ކަމަށެވެ. އަދި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ހަމައެކަނި އިޤްތިޞާދީ ކަމެއް ނޫން ކަމަށާއި، އެއީ ޤައުމީ ސަލާމަތާ ސީދާ ގުޅިފައިވާ މުހިންމު ކަމެއްކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި ބޭނުންކުރާ ކާބޯތަކެތީގެ %90 އަށްވުރެ ބޮޑުބައި އިމްޕޯޓްކުރާއިރު، އަހަރަކު 60 މިލިއަން ޑޮލަރުގެ މޭވާއާއި ތަރުކާރީ އެތެރެކުރާކަން ވަޒީރު ހާމަކުރެއްވިއެވެ. މީގެ ތެރޭގައި 73 މިލިއަން ރުފިޔާގެ ކަރާ އަދި ނިމުނު އަހަރު އެކަނިވެސް 105 މިލިއަން ރުފިޔާގެ ކެބެޖާއި ލެޓިއުސް ރާއްޖެއަށް އެތެރެކޮށްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިފަދަ ބޮޑު ހޭދައެއް ބޭރުގެ މާކެޓްތަކަށް ތިލަވާތީ، ސަރުކާރުގެ މައިގަނޑު ސިޔާސަތަކީ ރާއްޖޭގައި ހެއްދޭނެ ބާވަތްތައް ބޭރުން އެތެރެކުރާ މިންވަރު ވީހާވެސް ބޮޑަށް ދަށްކުރުން ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މި އަމާޒަށް ވާސިލުވެވޭނީ ރާއްޖޭގެ ދަނޑުވެރިންނަށް ބޭނުންވާ އެހީތެރިކަން ފުޅާ ދާއިރާއެއްގައި ފޯރުކޮށްދީގެން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ސަރުކާރުން ވަނީ ވަށާޖެހޭ ސިޔާސަތުތަކެއްގެ ދަށުން މުހިންމު މަޝްރޫޢުތަކެއް ފަށާފައެވެ. އެގޮތުން ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ދަނޑުވެރިކަން ކުރަން ދަސްކޮށްދިނުމާއި، މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން ދަނޑުވެރިން އުފައްދާ ތަކެތި ފަސޭހަކަމާއެކު މާކެޓަށް ނެރެ ވިއްކޭނެ ހަރުދަނާ ނިޒާމެއް މިހާރު އަންނަނީ ޤާއިމުކުރަމުންނެވެ.