ފުލުހެއްގެ ގައިގައި ބާރު ސްޕީޑުގައި ސައިކަލުން ޖެއްސި މައްސަލައިގައި 4 މީހަކު 5 ދުވަހަށް ބަންދުކޮށްފި
ސިނާމާލެ ބްރިޖު ހައިވޭގައި ގާއިމުކޮށްފައިވާ ޗެކްޕޮއިންޓެއްގައި ހުރި ފުލުހެއްގެ ގައިގައި ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ސައިކަލަކުން ޖައްސައި ބޮޑެތި އަނިޔާތަކެއް ދިން މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން ފަސް ދުވަހުގެ މުއްދަތެއް ދީފައެވެ.
ކޯޓުން މިގޮތަށް ނިންމާފައިވަނީ މަސްތުވާތަކެއްޗަށް ފައްސިވެފައިވާ މި ހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުންނެވެ.
މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ލޭނުގައި ފަތިހު 04:29 ހާއިރު ހިނގި މި ހާދިސާގައި، ގަޑިއަކު 100 ކިލޯމީޓަރަށްވުރެ ބާރު ސްޕީޑުގައި ދުއްވާފައި އައި ސައިކަލު ވަނީ މަގުމަތީގައި ޖަހާފައި ހުރި ބެރިކޭޑުތަކުގައި ޖެހި، އެއާއެކު ޑިއުޓީގައި ހުރި އޮފިސަރުގެ ގައިގައި ޖެހިފައެވެ. މި އެކްސިޑެންޓްގައި އަނިޔާވި ފުލުސް އޮފިސަރުގެ އަނގަމަތި ފަޅައިގެން ގޮސް ދަތްތައް ބިންދައިގެން ގޮސްފައިވާއިރު، އޭނާއަށް މިހާރު އަންނަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.
Ads by BMLމި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އައްޑޫ ސިޓީއަށް ނިސްބަތްވާ 21 އަހަރުގެ ޒުވާނަކާއި، ގާފަރަށް ނިސްބަތްވާ 30 އަހަރުގެ ޒުވާނަކާއި، ކުޅުދުއްފުއްޓަށް ނިސްބަތްވާ 21 އަހަރުގެ ޒުވާނެއްގެ އިތުރުން މާލެއަށް ނިސްބަތްވާ 21 އަހަރުގެ ޒުވާނެކެވެ. މީގެ ތެރޭގައި ސައިކަލުގައި ތިބި ދެ މީހުންގެ އިތުރުން މި ކަމުގައި ބައިވެރިވި ދެ މީހަކު ހިމެނޭއިރު، ހާދިސާ ހިނގި ވަގުތު އިތުރު ތިން ސައިކަލެއްވެސް ބައިވެރިވިކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.
މަސްތުހާލުގައި ތިބެ އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް އެއްގަމު އުޅަނދު ދުއްވާފައިވާ ކަމަށް ތުހުމަތުކުރެވޭ މި މީހުންގެ ބަންދަށް ކުރު މުއްދަތެއް ދިނީ ވަކީލަކު އައްޔަންކުރަން ފުރުސަތަށް އެދުމުންނެވެ. އަދި މި މައްސަލައިގައި ހިމެނޭ ތިން މީހަކު އޭޑީކޭ ހޮސްޕިޓަލަށް ގޮސް އަޑުގަދަކޮށް، ހޮސްޕިޓަލުގެ މުވައްޒަފުންނާއި ފުލުހުންނަށް ހަޑިހުތުރު ބަހުން މުއާމަލާތުކޮށް ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅާފައިވާ ކަމަށްވެސް ކޯޓު އަމުރުގައި ބުނެފައިވެއެވެ.
Ads by MACL
