ޑްރަގް ކެފޭއެއްގެ ގޮތުގައި ހިންގި އެޕާޓްމަންޓަކުން ހައްޔަރުކުރި 6 މީހުން 30 ދުވަހަށް ބަންދުކޮށްފި
މަސްތުވާތަކެތީގެ ޚިދުމަތް ދޭ "ޑްރަގް ކެފޭއެއްގެ" ގޮތަށް ހިންގަމުންދިޔަ އެޕާޓްމަންޓެއް ބަލައިފާސްކޮށް ފުލުހުން ހައްޔަރުކުރި ހަ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން 30 ދުވަހުގެ މުއްދަތެއް ދީފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހުންގެ މައްޗަށް ކުރަނީ މަސްތުވާތަކެތި ގެންގުޅުމާއި ބޭނުންކުރުމުގެ އިތުރުން، އެ ތަކެތީގެ ވިޔަފާރިކުރުމާއި ޓްރެފިކް ކުރުމުގެ ތުހުމަތެވެ.
ކޯޓުގެ ބަންދު އަމުރުގައިވާ ގޮތުން އެ މީހުން ތިބި އެޕާޓްމަންޓު ތެރެއިން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި، ފައިސާގެ އިތުރުން މަސްތުވާތަކެތި ކިރުމަށް ބޭނުންކުރާ ކައްޓާ ފަދަ ސާމާނު ވަނީ ފެނިފައެވެ. އަދި އެ ތަނަކީ ކެފޭ އުސޫލުން މަސްތުވާތަކެތި ވިއްކައި ބޭނުންކުރުމުގެ އިންތިޒާމް ހަމަޖައްސާފައިވާ ތަނެއް ކަމަށާއި، މަސްތުވާތަކެއްޗާއެކު ފައިސާތައް ރަބަރު ޕެކެޓަށް އަޅާފައިވާކަން ފުލުހުން ފާހަގަކޮށްފައިވެއެވެ.
Ads by BMLމި މައްސަލައިގައި ތުހުމަތުކުރެވޭ މީހުން ކޯޓުގައި ވާހަކަދައްކަމުން ބުނެފައިވަނީ އެ އެޕާޓްމަންޓުން ފެނުނު މަސްތުވާތަކެއްޗާ އެ މީހުންނާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ.
ނަމަވެސް ފުލުހުން ކޯޓުގައި ބުނެފައިވަނީ ހައްޔަރުކުރި ބައެއް މީހުންނަކީ އެ އެޕާޓްމަންޓަށް ވަރަށް ގިނައިން ވަދެ ނުކުމެ ހަދާ ތަން ފެންނަ މީހުން ކަމަށް ބުނެ ހެކިބަސް ލިބިފައިވާ ކަމަށެވެ.
Ads by MACL
