"މަޖުނޫން" ގެ މޭކިންގ ވީޑިއޯގެ ފުރަތަމަ އެޕިސޯޑް މިރޭ ރިލީޒް ކުރަނީ
ދިވެހި ފިލްމީ ދާއިރާގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ބަތަލާ އަދި ޑައިރެކްޓަރު ފާތިމަތު ނަހުލާގެ އާ ފިލްމު "މަޖުނޫން" އޮލިމްޕަސް ސިނަމާގައި ޕްރިމިއާ ކުރުމުގެ ތައްޔާރީތައް ވަމުންދާއިރު، އެ ފިލްމުގެ ފުރަތަމަ މޭކިންގ ވީޑިއޯ މިރޭ ބެލުންތެރިންނަށް ދޫކޮށްލުމަށް ހަމަޖެހިއްޖެއެވެ.
ނަހުލާގެ ފިލްމުތައް ސިނަމާތަކަށް ގެނައުމުގެ ކުރިން، ފިލްމުގެ "ބިހައިންޑް ދަ ސީންސް" ނުވަތަ މަންޒަރުތައް ނެގުމުގައި ހިނގާ މަޖާ އަދި ޝައުގުވެރި ކަންކަން ހިމެނޭ މޭކިންގ ވީޑިއޯތައް ބެލުމަކީ ދިވެހި ފިލްމު ބެލުންތެރިން އަބަދުވެސް ބޮޑު އިންތިޒާރެއް ކުރާ ކަމެކެވެ. މީގެ ކުރިން ނަހުލާގެ ފިލްމުތަކުގެ މޭކިންގ ވީޑިއޯތައް ޑީވީޑީގެ ގޮތުގައި ނެރުނު ނަމަވެސް، މިހާރު މި ވީޑިއޯތައް އާންމުކޮށް ރިލީޒް ކުރަމުން ދަނީ ސޯޝަލް މީޑިއާގައެވެ.
މި ފަހަރުގެ ފިލްމު "މަޖުނޫން" ގެ މޭކިންގ ސޯޝަލް މީޑިއާއަށް ދޫކޮށްލުމުގެ ކުރިން، އެންމެ ފުރަތަމަ ދެއްކުމަށް ހަމަޖެހިފައިވަނީ ރާއްޖެ ޓީވީންނެވެ. ފިލްމުގެ ޕްރޮޑަކްޝަނުން މައުލޫމާތު ދޭ ގޮތުގައި، މިރޭ 10:00 ގައި ރާއްޖެ ޓީވީ މެދުވެރިކޮށް މި ވީޑިއޯ ބެލުންތެރިންނަށް ގެނެސްދިނުމަށް ފަހު، ޔޫޓިއުބް އަދި ސޯޝަލް މީޑިއާގެ އެހެނިހެން ޕްލެޓްފޯމުތަކުން މޭކިންގގެ ފުރަތަމަ އެޕިސޯޑު ފެންނާނެއެވެ.
Ads by BMLމި މަހުގެ 26 ވަނަ ދުވަހު އޮލިމްޕަހުގައި ޕްރިމިއާ ކުރުމަށް ހަމަޖެހިފައިވާ "މަޖުނޫން" ސްކްރީނަށް ގެންނަން މިހާރު ބާކީ އޮތީ މަދު ދުވަސްކޮޅެކެވެ. މި ފިލްމުގެ ތައްޔާރީތައް އެންމެ ފަހު މަރުހަލާގައި ވާއިރު، ފިލްމުގެ ޓިކެޓުތައް މިހާރު ބާރު ސްޕީޑެއްގައި ވިކެމުންދާ ކަމަށް މައުލޫމާތު ލިބެއެވެ.
Ads by MACL
