މަސްޖިދު ޢާއިޝާ ރަމަޟާން މަހުގެ ކުރިން ހުޅުވުމަށް ދަނީ މަސައްކަތް ކުރެވެމުން: ވަޒީރު ޑރ. ޝަހީމް
ހުޅުމާލޭގެ ފޭސް 1 ގައި އަމިއްލަ ހެޔޮއެދޭ ފަރާތެއްގެ ދީލަތީ އެހީތެރިކަމާއެކު ބިނާކުރަމުންދާ "މަސްޖިދު އުންމުލްމުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާ", ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަސް ފެށުމުގެ ކުރިން ރަސްމީކޮށް ހުޅުވުމަށްޓަކައި ބާރުސްޕީޑުގައި މަސައްކަތް ކުރަމުންދާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
މީޑިއާތަކަށް މަޢުލޫމާތު ދެއްވަމުން ވަޒީރު ޑރ. ޝަހީމް ވިދާޅުވީ، ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޖުމްލަ 14 އާ މިސްކިތެއް ހުޅުވުމުގެ މަސައްކަތް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަރަށް ހަލުވިކަމާއެކު ކުރިއަށްގެންދާ ކަމަށެވެ. އޭގެ ތެރޭގައި ހުޅުމާލޭގައި އަލަށް ބިނާކުރާ ދާއިމީ ތިން މިސްކިތެއް ހިމެނޭއިރު، މެދިނާ އިންވެސްޓްމަންޓް މެނޭޖްމަންޓްގެ އިސްނެގުމާއެކު އަމިއްލަ އެހީތެރިއެއް ކަމަށްވާ ޝައިޚް އިސްމާޢީލް މުޙައްމަދުގެ ޚަރަދުގައި ފޭސް 1 ގައި ހަދަމުންދާ މަސްޖިދު ޢާއިޝާ ވެސް ހިމެނޭކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
05 މާރިޗު 2025 ގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބިންގާ އަޅުއްވައިދެއްވި މި މިސްކިތަކީ، ކުރިން އެ ސަރަހައްދުގައި ހުރި ވަގުތީ މިސްކިތުގެ ބިމުގައި، އެއްފަހަރާ 2,000 އެއްހާ މީހުންނަށް ނަމާދު ކުރެވޭނެ ޖާގައާއެކު ދެ ފަންގިފިލާއަށް ހަދާ ޒަމާނީ މިސްކިތެކެވެ. މިސްކިތުގެ މަސައްކަތްތައް ގޮސްފައިވާ ހިސާބު ބެއްލެވުމަށް މިނިސްޓްރީން ކުރިއަށްގެންދިޔަ އިންސްޕެކްޝަންތަކަށް ފަހު، މިސްކިތުގެ ބޮޑުބައި މިހާރު ވަނީ ނިމުމަކާ ގާތްވެފައެވެ.
Ads by BMLމި މިސްކިތް ފުރިހަމަވެގެންދާއިރު، އޭގެ ތެރޭގައި ޢިލްމީ ދިރާސާކުރާ ޚާއްޞަ ލައިބްރަރީއަކާއި، އަންހެނުންނަށް ޚާއްޞަ ނަމާދުކުރާ ބަޔެއްގެ އިތުރުން ހަމައެކަނި އަންހެނުންނަށް ޚާއްޞަ ފާޚާނާތަކެއް ވެސް ހިމެނޭނެކަން ވަޒީރު ހާމަކުރެއްވިއެވެ. އަދި ތިމާވެއްޓާ ރައްޓެހި ގޮތަކަށް ފަރުމާކުރެވިފައިވާ މި މިސްކިތަކީ މުޅިންވެސް އިއާދަކުރަނިވި ހަކަތައިން (ސޯލާ ޕަވަރ) ހިންގާނެ މިސްކިތެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ރަމަޟާން މަހުގެ ބަރަކާތްތެރި ދުވަސްތައް ފެށުމުގެ ކުރިން މިސްކިތްތަކުގެ މަސައްކަތް ނިންމައި، ރައްޔިތުންނަށް ނަމާދު ކުރެވޭނެ ލުއިފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދިނުން ކަމަށްވެސް ވަޒީރު ޑރ. ޝަހީމް ވިދާޅުވިއެވެ
Ads by MACL
