ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އިސްލާމީ އުއްމަތުގެ މަސްލަހަތާއި ފަލަސްތީނުގެ ޙައްޤުގައި ރާއްޖެއިން ވަކާލާތުކުރުން މަތީ ދެމިއޮންނާނެ: އިރުތިޝާމް

އިސްލާމީ އުއްމަތުގެ މަސްލަހަތާއި ފަލަސްތީނުގެ ޙައްޤުގައި ރާއްޖެއިން ވަކާލާތުކުރުން މަތީ ދެމިއޮންނާނެ: އިރުތިޝާމް

ފަލަސްތީނުގެ މިނިވަންކަމާއި އިސްލާމީ އުއްމަތުގެ އާންމު މަސްލަހަތު ޙިމާޔަތްކުރުމުގައި ދިވެހިރާއްޖެއިން އަބަދުވެސް ސާބިތުކަމާއެކު ދެމިއޮންނާނެކަމުގެ ޔަޤީންކަން ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ދެއްވައިފިއެވެ.

އިރާގުގެ ބަގްދާދުގައި ކުރިއަށްދިޔަ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ހާރިޖީ ވަޒީރުންގެ ކައުންސިލްގެ 52 ވަނަ ބައްދަލުވުމުގައި ތަގުރީރު ކުރައްވަމުން ވަޒީރު އިރުތިޝާމް ވަނީ، އިސްލާމީ އުއްމަތަށް މިހާރު ކުރިމަތިވެފައިވާ އެކި މައްސަލަތަކާމެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި ސުލްހަ ގާއިމުކުރުމަށާއި ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި މެންބަރު ގައުމުތަކުގެ މެދުގައި މަޝްވަރާތައް ފުޅާކޮށް، ގުޅުން ބަދަހިކުރުމުގެ މުހިންމުކަމަށް އެކަމަނާ އަލިއަޅުވާލެއްވިއެވެ.

ދެމެހެއްޓެނިވި ތަރައްގީއާއި ސުލްހަ މަސަލަސްކަން ގާއިމުކުރެވޭނީ މުޖުތަމައުގެ ހުރިހާ ފަރާތްތަކެއްގެ ބައިވެރިވުން ހިމެނިގެންކަން ފާހަގަކުރައްވަމުން، އެ އަމާޒަށް ވާސިލުވުމަށްޓަކައި ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލުވެސް ވަޒީރު ވަނީ ހިއްސާކުރައްވާފައެވެ.

ރާއްޖެއިން އޯއައިސީއާ ގުޅުނުތާ 50 އަހަރު ފުރުން ފާހަގަކުރާ މިއަހަރު، އެ ޖަމްޢިއްޔާއާއި މެންބަރު ޤައުމުތަކާއެކު އޮތް ގުޅުން އިތުރަށް ބަދަހިކޮށް، އުއްމަތުގެ މަސްލަހަތު އިސްކޮށްގެން މަސައްކަތްކުރުމުގައި ރާއްޖެ ދެމިއޮންނާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ފަލަސްތީނުގެ މައްސަލައިގައި ރާއްޖެއިން ގެންގުޅޭ ސިޔާސަތަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައި އޮތް އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދަންސަކީ އެ ޤައުމުގެ ވެރިކަންކުރާ ރަށް ކަމުގައި ހަމަޖައްސައި، އަމިއްލަ ސިޔާދަތީ ބާރު ހިނގާ މިނިވަން ދައުލަތެއް ގާއިމުކުރުމަށް ރާއްޖެއިން ކުރަމުންދާ ވަކާލާތު ހުއްޓައިނުލާނެ ކަމަށެވެ. އަދި މިކަން ހާސިލުކުރުމަށްޓަކައި އޯއައިސީގެ މެންބަރު ހުރިހާ ޤައުމުތަކެއް ގުޅިގެން މަސައްކަތްކުރުމަށް އެކަމަނާ ގޮވާލެއްވިއެވެ.

މި ބައްދަލުވުމުގެ ހަވާސާގައި ވަޒީރު އިރުތިޝާމް ވަނީ އޯއައިސީގެ އެކި ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނާ ބައްދަލުކުރައްވައި، ދެފަރާތުގެ މަސްލަހަތު ހިމެނޭ ދާއިރާތަކުން ގުޅުން ބަދަހިކުރުމާ މެދު މަޝްވަރާ ކުރައްވާފައެވެ. އަހަރަކު އެއްފަހަރު ބާއްވާ މި ބައްދަލުވުމުގައި ވަޒީރުގެ އަރިހުގައި އެޑިޝަނަލް ސެކްރެޓަރީ ޝިރުޒިމަތު ސަމީރު އަދި އެސިސްޓަންޓް ޑިރެކްޓަރު މުހައްމަދު ޝުޖާއު ބައިވެރިވެވަޑައިގެންނެވިއެވެ.