ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މިފްކޯއިން މަސް ގަންނަ އަގުތައް ސްލެބް ނިޒާމަށް ބަދަލުކުރުމާއެކު، މަސްވެރިންގެ މޫނުމަތިން އުފާވެރިކަން!

ދިވެހި މަސްވެރިން ދޮށީގެ މަސްވެރިކަމުގައި / ފޮޓޯ: މޯލްޑިވްސް އިިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހި މަސްވެރިން ދޮށީގެ މަސްވެރިކަމުގައި / ފޮޓޯ: މޯލްޑިވްސް އިިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް

ދިވެހިރާއްޖޭގެ އިޤްތިޞާދުގެ މައި އެއް ތަނބު ކަމުގައިވާ މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، ސަރުކާރުގެ މަސް ކުންފުނި (މިފްކޯ) އިން މަސް ގަންނަ އަގުތަކަށް ހެޔޮ އަދި ހިތްވަރުދޭ ބަދަލުތަކެއް ގެނެސްފިއެވެ. ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ކުރިއެރުވުމަށް ސަރުކާރުން ގެންގުޅޭ ހަރުދަނާ ސިޔާސަތުގެ ދަށުން ގެނައި މި ބަދަލާއެކު، މަސް ގަންނަ އަގުތައް ވަނީ ސްލެބް ނިޒާމަކަށް ބަދަލުކޮށްފައެވެ.

މިފްކޯއިން ހާމަކޮށްފައިވާ ގޮތުގައި، އެކުންފުނީގެ ސެންޓަރުތަކާއި ބޯޓުފަހަރަށް މިހާރު ކަޅުބިލަ މަސް ގަންނަމުންދަނީ މައިގަނޑު ތިން ރޭޓެއްގައެވެ. އެއީ:
• 1 ޓަނާއި 5 ޓަނާ ދެމެދު: ކިލޯއެއް 21.00 ރުފިޔާ އަށް.
• 5 ޓަނާއި 8 ޓަނާ ދެމެދު: ކިލޯއެއް 22.00 ރުފިޔާ އަށް.
• 8 ޓަނަށްވުރެ މަތި: ކިލޯއެއް 22.75 ރުފިޔާ އަށް.

މި ބަދަލަކީ ބާޒާރުގެ ޑިމާންޑާއި ސަޕްލައިއަށް ރިއާޔަތްކޮށް، މަސްވެރިންނަށް އިންޞާފުވެރި އަގެއް ކަށަވަރުކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެެއް ކަމަށް މިފްކޯއިން ފާހަގަކުރެއެވެ. އަދި މިއީ މަހުގެ އަގު 20 ރުފިޔާއަށްވުރެ ދަށްނުކޮށް ހިފެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ރިޔާސީ ވަޢުދާ އެއްގޮތަށް ނިންމާފައިވާ ނިންމުމެކެވެ.

މި އައު ރޭޓުތަކުގައި ރާއްޖޭގެ އެކި ސަރަޙައްދުތަކުން މަސް ގަންނަމުން ދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ. އެގޮތުން ހއ. އިހަވަންދޫ، ޅ. ފެލިވަރު، މ. މުލަކު، ލ. ހިތަދޫ، އަދި ގދ. ތިނަދޫ ބަނދަރުން ދޯނިފަހަރުން މަސް ކިރުމުގެ އިންތިޒާމުތައް ވަނީ ހަމަޖެހިފައެވެ.
މިފްކޯއިން ވަނީ ބައިނަލްއަގުވާމީ ބާޒާރުގެ އަގުތަކަށް ރިއާޔަތްކޮށް މިއަހަރުގެ ޖޫން މަހު މަސް ކިލޯއެއްގެ އަގު 20 ރުފިޔާއަށް، އޮގަސްޓް މަހު 21 ރުފިޔާއަށް އަދި ސެޕްޓެމްބަރު މަހު 22 ރުފިޔާއަށް ބޮޑުކޮށްފައެވެ.

އައު އަގުތަކާއެކު ގިނަ އަދަދަކަށް މަސް ބާނާ ދޯނިފަހަރަށް ބޮޑު މާލީ މަންފާއެއް ލިބި، ދަތުރުތަކަށް ހިނގާ ޚަރަދުތައް ފޫބެއްދުމަށް ލުޔެއް ލިބިގެންދާނެއެވެ. މީގެ އިތުރުން، މި ސިނާޢަތް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ގޮތުން ފެލިވަރާއި، ކޫއްޑޫ އަދި ކަނޑުއޮތްގިރީގެ ކޯލްޑް ސްޓޯރޭޖްތަކުގެ ޖާގަ ބޮޑުކުރުމުގެ މަޝްރޫޢުތައް ސަރުކާރާއި މިފްކޯ ގުޅިގެން ހަލުވިކަމާއެކު ކުރިއަށްގެންދާ ކަމަށްވެސް އެ ކުންފުނިން ހާމަކުރެއެވެ.