ހދ. ނާގޯށި ކުރިއަށް އޮތް 11 މަސްދުވަހުގެ ތެރޭގައި ހުޅުވަނީ
ހދ. އަތޮޅުގައި ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރަމުންދާ ނާގޯށި، ކުރިއަށް އޮތް 11 މަސްދުވަހުގެ ތެރޭގައި ހުޅުވައި އޮޕަރޭޝަނަށް ގެނެވޭނެ ކަމަށް ފަތުރުވެރިކަމާ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ އާންމުންގެ ސުވާލުތަކަށް ޖަވާބުދިނުމަށް ބޭއްވި "އަހާ" ފޯރަމްގައި، އެރަށް ހުޅުވޭނެ ތާރީޚަކާ ގުޅޭގޮތުން އާންމު ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ވަޒީރު އަމީން ވިދާޅުވީ، ނާގޯށީގެ ތަރައްޤީގެ މަސައްކަތްތައް އެއްވެސް މެދުކެނޑުމެއް ނެތް ގޮތެއްގައި ކުރިއަށްދާ ކަމަށާއި، މިހާރު މުޅި މަޝްރޫޢުގެ 50 އިންސައްތައަށް ވުރެ ބޮޑުބައި ނިމިފައިވާ ކަމަށެވެ. އަދި ކުރިން މިއަހަރުގެ ނޮވެމްބަރު މަހަށް މަސައްކަތް ނިންމަން ރޭވި ނަމަވެސް، މިހާރު ލަފާކުރެވެނީ ކުރިއަށް އޮތް އަހަރަކަށް ވުރެ ކުޑަ މުއްދަތެއްގެ ތެރޭގައި އެތަން ހުޅުވައި ޚިދުމަތް ދެވޭނެ ފެންވަރަށް ތައްޔާރުވާނެ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ނާގޯށީގައި ރިސޯޓެއް ތަރައްޤީކުރުމުގެ މަސައްކަތަކީ ދިގު މާޒީއެއް އޮތް މަޝްރޫޢެކެވެ. އެގޮތުން:
• 2006: އެމްޓީޑީސީއަށް މިރަށް ފުރަތަމަ ހަވާލުކުރެވުނު.
• ރަޝިޔާގެ ތްރީކް ކުންފުނި: ރަށް ސަބްލީޒް ކުރެވުނު ނަމަވެސް މަޝްރޫޢު ކުރިއަށް ނުގެންދެވުމުން 2017 ގައި ސަރުކާރުން ރަށް އަތުލި.
• 2021: އައު ލީޒެއްގެ ދަށުން އެމްޓީޑީސީއަށް ރަށް ލިބުމުން، ދުބާއީގެ ގަލަދާރީ ހޯލްޑިންގްސްއާ ހަވާލުކުރެވުނު. ނަމަވެސް 3 އަހަރު ވީއިރުވެސް މަސައްކަތް ނުފެށުމުން އެއްބަސްވުން ވަނީ އުވާލާފައެވެ.
Ads by BMLމި މަޝްރޫޢު އަލުން ހަލުވިކަމާއެކު ކުރިއަށްދާން ފަށާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ފެއްޓެވި ޚާއްޞަ މަސައްކަތްޕުޅުތަކުގެ ދަށުންނެވެ. އެގޮތުން މާލީ ވުޒާރާއާއި އެމްޓީޑީސީ ގުޅިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ފައިނޭންސިންގް ހަމަޖައްސައި، ސަރުކާރުން ދިން ލުއިތަކާއެކު އަމަލީ މަސައްކަތް އަލުން ފަށާފައިވަނީ މިދިޔަ އަހަރުގެ އޯގަސްޓް މަހުއެވެ.
އެމްޓީޑީސީން ހާމަކުރި ގޮތުގައި މި މަޝްރޫޢު ކުރިއަށްދަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފިޔަވަހީގެ ދަށުން ބީޗް ވިލާ، ޖަކޫޒީ ބީޗް ވިލާ، އަދި ވޯޓާ ވިލާ ހިމެނޭހެން 4 ގިންތިއެއްގެ 183 ކޮޓަރި ތަރައްޤީކޮށް ރިސޯޓު އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
މި ރިސޯޓު ފުރިހަމައަށް ނިމުމުން އެ ސަރަޙައްދުގައި 600 އެއްހާ ވަޒީފާގެ ފުރުޞަތު އުފެދިގެންދާނެއެވެ. މިއީ މުޅި ހދ. އަތޮޅުގެ އިޤްޠިޞާދަށާއި ފަތުރުވެރިކަމަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ސަރުކާރުން ޤަބޫލުކުރެއެވެ.
Ads by MACL
