ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ވަޒީރުންގެ "އަހާ" ސިލްސިލާގެ 10 ވަނަ ފޯރަމް މިރޭ!

ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕީއެސްއެމް ގުޅިގެން ކުރިއަށްގެންދާ "އަހާ" ފޯރަމްގެ ތެރެއިން / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕީއެސްއެމް ގުޅިގެން ކުރިއަށްގެންދާ "އަހާ" ފޯރަމްގެ ތެރެއިން / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ވަޒީރުންނާ ސުވާލުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގުޅިގެން ބާއްވާ "އަހާ" ފޯރަމްގެ 10 ވަނަ ފޯރަމް މިރޭ ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

ސަރުކާރުގެ އެކި ވުޒާރާތަކާއި އިދާރާތަކުގެ މަސައްކަތްތައް ވީހާވެސް ތަފްޞީލުކޮށް ރައްޔިތުންނާ ހަމައަށް ގެނެސްދިނުމުގެ މަޤުޞަދުގައި ބާއްވާ މި ފޯރަމް އޮންނާނީ މިރޭ 21:00 އިން ފެށިގެން ދެ ގަޑިއިރުގެ މުއްދަތަށް ސަލްޓަން ޕާކުގެ އިވެންޓް އޭރިއާގައެވެ.

މިރޭގެ ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާ ވަޒީރުންނަކީ:

• ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު

• މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު ޙަސަން ޒަރީރު

• މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފް

މި ފޯރަމަކީ ސަރުކާރުގެ ވުޒާރާތަކާއި އިދާރާތަކުގެ މަސައްކަތްތަކާ ގުޅޭގޮތުން އެކަމުގެ މަސްޢޫލުވެރި އެންމެ އިސް ފަރާތްތަކާ ސުވާލުކޮށް، ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތަކަށް ސީދާ ޖަވާބު ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ބާއްވާ ފޯރަމެކެވެ. އެގޮތުން ސަރުކާރުގެ އެކިއެކި ދާއިރާތަކުން ކުރަމުންދާ މަސައްކަތްތަކުގެ އަދާހަމައާއި، މައްސަލަތައް ޙައްލުކުރުމަށް ގެންގުޅޭ ވިސްނުންތަކާ ގުޅޭގޮތުން އެ ވަޒީރެއްގެ ދާއިރާއަކުން ކޮންމެ ސުވާލެއްވެސް ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ.

ފޯރަމްގައި ބައިވެރިވުމަށް ސަލްޓަން ޕާކަށް ގޮސް ސުވާލުކުރުމުގެ ފުރުސަތުގެ އިތުރުން، ފޯރަމް ކުރިއަށްދާ ވަގުތު ފޭސްބުކް، އެކްސް އަދި ޕީއެސްއެމް އެއަރ އެޕް މެދުވެރިކޮށް އޮންލައިންކޮށްވެސް ސުވާލު ކުރެވޭނެއެވެ. އެހެންކަމުން ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރެގެންވެސް މި ފޯރަމްގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެއެވެ.

"އަހާ" ސިލްސިލާ ފޯރަމްތަކަކީ 2024 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ފެށި ފޯރަމްތަކެކެވެ. މިހާތަނަށް މި ސިލްސިލާގެ 9 ފޯރަމެއް ވަނީ ބާއްވާފައެވެ.