ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ކުލި ނުދައްކާ ފްލެޓްތައް އަތުލަން ފެށުމާއެކު ފައިސާ ދައްކަން އެދި ގިނަ ބަޔަކު އެފްޑީސީއަށް ގުޅަންފަށައިފި

ކުލި ނުދައްކާ ފްލެޓްތައް އަތުލަން ފެށުމާއެކު ފައިސާ ދައްކަން އެދި ގިނަ ބަޔަކު އެފްޑީސީއަށް ގުޅަންފަށައިފި

ހުޅުމާލޭގައި (އެފްޑީސީ) އިން އިމާރާތްކޮށްފައިވާ އަމާން އުދަރެސް ޓަވަރުތަކުގައި މީހުން ދިރިއުޅެން ފެށީއްސުރެ އެއްގޮތަކަށްވެސް ކުލި ނުދައްކާ ހުރި ދެ ފްލެޓެއް އަތުލުމުގެ މަރުހަލާ ފެށުމާއެކު، ކުލި ނުދެވި ހުރި އެހެން ފަރާތްތަކުން ފައިސާ ދެއްކުމުގެ ކަންކަން ހަމަޖެއްސުމަށް އެ ކުންފުންޏަށް ގުޅައި މަޝްވަރާކުރަން ފަށައިފިއެވެ.

އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވީ، 15 ދުވަހުގެ ތެރޭގައި ތަން ހުސްކުރަން އެންގި ދެ ޔުނިޓަކީ މިއަހަރުގެ ކުރީކޮޅު މީހުން ދިރިއުޅެން ފެށިފަހުން އެއްވެސް ވަރަކަށް ކުލީގެ ފައިސާ ދައްކާފައިނުވާ ދެ ފްލެޓް ކަމަށެވެ. އަދި އެއްބަސްވުމުގައިވާ ގޮތުގެ މަތިން ތަކުރާރުކޮށް މުއްދަތު ދިނުމަށްފަހުވެސް ފައިސާ ނުދެއްކުމުން، އެ ދެ ތަނުގެ އެއްބަސްވުން ބާތިލުކޮށް ޕޯޓަލް އެކްސެސްވެސް މިހާރު ވަނީ ކަނޑާލާފައެވެ.

މި ފިޔަވަޅާއެކު ކުލި ނުދައްކައިގެން މީގެ ކުރިން ނޯޓިސް ދެވިފައިވާ ގިނަ ބަޔަކު އަންނަނީ ކުލި ދެއްކުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށް އެ ކުންފުންޏަށް ގުޅަމުންނެވެ. އެފްޑީސީން މައުލޫމާތު ދޭ ގޮތުގައި މިހާރު ނޯޓިސް ދެވިފައިވާ ގިނަ ފަރާތްތަކަކީ އެކެއް ނުވަތަ ދެ މަހުގެ ކުލި ނުދައްކައި އޮތް ފަރާތްތަކެވެ.

ނުދައްކައި ހުރި ކުލީގެ އަދަދު ބޮޑުވުމުގެ ސަބަބުން އެއްފަހަރާ ފައިސާ ދައްކަން ދަތިވާ ފަރާތްތަކަށް ލުއި ދިނުމުގެ ގޮތުން، ބަހާލައިގެން ފައިސާ ދެއްކޭނެ އިންތިޒާމުތައް އެފްޑީސީން އަންނަނީ ހަމަޖައްސައިދެމުންނެވެ.

ހިޔާ ފްލެޓުތަކުގެ ކުލި ނުދައްކާ މީހުންނާމެދު ފިޔަވަޅު ނާޅާތީ އެފްޑީސީގެ 4،000 ފްލެޓު ލިބުނު ބައެއް މީހުން ގަވާއިދުން ކުލި ނުދައްކައި ތިބި ނަމަވެސް، އެފްޑީސީއާއެކު ވެވިފައިވާ އެއްބަސްވުމުގެ ދަށުން ގަވާއިދުން ކުލި ނުދައްކާނަމަ ފްލެޓުތައް އަތުލުމުގެ ފުރިހަމަ ގާނޫނީ ބާރު އެ ކުންފުންޏަށް ލިބިގެންވެއެވެ.