10 އަހަރަށް ފަހު ރާއްޖޭގެ ރައީސަކު ޕާކިސްތާނަށް، 12 އެއްބަސްވުމުއްގައި ސޮއި ކުރާނެ!
ދިވެހި ދައުލަތުގެ ވެރިއަކު 10 އަހަރަށްފަހު ޕާކިސްތާނަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މި ހިނގާ އޮކްޓޫބަރު މަހުގެ 20 އިން 22 އަށް އެ ޤައުމަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. މި ދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމުގެ ގޮތުން 12 ކަމަކާ ގުޅޭ މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން އާއި އެއްބަސްވުންތަކެއްގައި ސޮއިކުރާނެ ކަމަށް ޕާކިސްތާނުގެ ފޮރިން އޮފީހުން ހާމަކޮށްފިއެވެ.
ޕާކިސްތާނުގެ ރަސްމީ މީޑިއާތަކާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، ރައީސް މުޢިއްޒުގެ މި ދަތުރުފުޅަށް އެ ޤައުމުން ދަނީ ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ. އެގޮތުން ތައްޔާރީތައް މުރާޖާކުރެއްވުމަށް ޕާކިސްތާނުގެ ބޮޑުވަޒީރުގެ ނައިބު އަދި ފޮރިން މިނިސްޓަރު އިޝްހާގް ދާރު ވަނީ ޚާއްޞަ ބައްދަލުވުމެއް ބާއްވަވާފައެވެ. މި ބައްދަލުވުމުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ބައިލެޓަރަލް އެޖެންޑާގެ އިތުރުން، ވިޔަފާރި، އިންވެސްޓްމެންޓް، ސިއްހަތު، ތައުލީމު، މޫސުމަށް އަންނަ ބަދަލުތައް، ޓޫރިޒަމް އަދި ސިވިލް އޭވިއޭޝަންގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމާ ބެހޭގޮތުން މަޝްވަރާކޮށްފައިވެއެވެ.
މަތީ ފެންވަރުގެ ސަރުކާރުގެ ވަފުދަކާއެކު ރައީސް މުޢިއްޒު ކުރައްވާ މި ދަތުރުފުޅުގައި، ޕާކިސްތާނުގެ ބޮޑުވަޒީރު ޝާހުބާޒް ޝަރީފްގެ އިތުރުން ރައީސް އާސިފް އަލީ ޒަރުދާރީއާ ވަކިވަކިން ބައްދަލުކުރައްވައި ރަސްމީ ވާހަކަފުޅުތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ދެ ޤައުމުން ސޮއިކުރުމަށް ހަމަޖެހިފައިވާ މުހިންމު ދާއިރާތަކުގެ ތެރޭގައި:
• އަސްކަރީ އަދި ދިފާއީ ދާއިރާ: ދެ ޤައުމުގެ ދިފާއީ ގުޅުން އިތުރަށް ހަރުދަނާކުރުން.
• ސިވިލް އޭވިއޭޝަން: ރާއްޖެއާއި ޕާކިސްތާނާ ދެމެދު ސީދާ ދަތުރުފުޅުތައް ފެށުމާ ބެހޭ އެއްބަސްވުން.
• އިގްތިޞާދާއި އިޖުތިމާއީ ދާއިރާ: ވިޔަފާރި، އިންވެސްޓްމެންޓް، ސިއްހަތު، ތައުލީމު، ކްލައިމެޓް ޗޭންޖް އަދި ޓޫރިޒަމްގެ ދާއިރާ ހިމެނެއެވެ.
Ads by BMLމީގެ އިތުރުން، ދެކުނު އޭޝިއާގެ ސަރަޙައްދީ ޖަމްޢިއްޔާ ކަމަށްވާ ސާކް އަށް އަލުން ދިރުން ގެނައުމާ ގުޅޭގޮތުން ދެ ޤައުމުގެ ވެރިން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާނެ ކަމަށްވެސް ޕާކިސްތާނުގެ ފޮރިން އޮފީހުން ބުނެފައިވެއެވެ. މިއީ 2015 ވަނަ އަހަރުގެ މޭ މަހަށްފަހު ރާއްޖޭގެ ރައީސަކު ޕާކިސްތާނަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
Ads by MACL
