މައްކާގެ މިސްކިތެއްގެ ތެރޭގައި ލާދީނީ އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް ސައުދީން މަރުގެ އަދަބުދީފި
ސައުދީ އަރަބިއްޔާގެ މުޤައްދަސް ރަށް ކަމަށްވާ މައްކާގެ މިސްކިތެއްގެ ތެރޭގައި އަޚުލާޤީ މިންގަނޑުން ބޭރު، ލާދީނީ އަމަލެއް ހިންގުމުގެ ކުށް ސާބިތުވެގެން ބަންގްލަދޭޝްގެ ދެ މީހަކަށް ސައުދީ ސަރުކާރުން މަރުގެ އަދަބުދީފިއެވެ. މިދިޔަ ބުދަ ދުވަހު ސައުދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް އިންޓީރިއާ އިން ނެރުނު ބަޔާނަކާ ހަވާލާދީ ބައިނަލްއަޤްވާމީ މީޑިއާތަކުން މި ޚަބަރު ވަނީ ރިޕޯޓުކޮށްފައެވެ.
ސައުދީ ޕްރެސް އެޖެންސީ އިން އާންމުކުރި ބަޔާނުގައިވާ ގޮތުން، މަރުގެ ހުކުމް ތަންފީޒުކޮށްފައިވަނީ ބަންގްލަދޭޝްގެ ފިރިހެނެއް ކަމަށްވާ ނަޒްރުލް އިސްލާމް އަބްދުލްބަސީރާއި، އަންހެނެއް ކަމަށްވާ ސީތީ އަހުތަރް ނަމަކަށް ކިޔާ މީހެއްގެ މައްޗަށެވެ. އެ ދެ މީހުން މައްކާގެ މިސްކިތެއްގެ ތެރޭގައި ހިންގި އަމަލާ ގުޅިގެން ސަލާމަތީ ބާރުތަކުން އެ މީހުން ހައްޔަރުކޮށް، ފުރިހަމަ ތަހުގީގަކަށްފަހު ވަނީ ޝަރީއަތަށް ހުށަހަޅާފައެވެ.
މި މައްސަލައިގެ ޝަރީއަތް ހިންގުމަށްފަހު ކޯޓުން ކަނޑައެޅި މަރުގެ އަދަބަކީ، އިސްލާމީ ޝަރީއަތުގައި އޮންނަ، ފަނޑިޔާރުގެ އިހުތިޔާރީ އަދަބެއް ކަމަށްވާ "ތައުޒީރު"ގެ ދަށުން ދީފައިވާ އަދަބެކެވެ. ކޯޓުގެ ހުކުމްގައިވާ ގޮތުން، މި އަދަބު އެ ދެ މީހުންނަށް ދޭންޖެހުނީ އެ މީހުން ކުރި ކުށުގެ ނުރައްކާތެރިކަމާއި، ކުށް ހިންގި ވަގުތުގެ އިތުރުން މުޤައްދަސް ބިމެއްގެ ހުރުމަތް ކެނޑުމުގެ ސަބަބުންނެވެ. މި ހުކުމް މަތީ މަރުހަލާގެ ކޯޓުތަކުން ދަމަހައްޓައި، ޝާހީ އަމުރެއްގެ ދަށުން މިހާރު ވަނީ ތަންފީޒުކޮށްފައެވެ.
Ads by BMLނަމަވެސް، އެ ދެ މީހުން މިސްކިތުގެ އެތެރޭގައި ކުރީ ސީދާ ކޮން ކަމެއްކަން ސައުދީ އިދާރާތަކުން ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ. އަދި ބަޔާނުގައި އެއީ މައްކާގެ ކޮން މިސްކިތެއްކަން ބުނެފައި ނުވާއިރު، އެ މީހުން ހައްޔަރުކުރި ސީދާ ތާރީޚެއްވެސް ބަޔާންކޮށްފައެއް ނުވެއެވެ.
މި މަރުގެ ހުކުމް ތަންފީޒުކުރުމާ ގުޅިގެން ޚާރިޖީ ގޮތުން ބޮޑެތި ކަންބޮޑުވުންތަކެއް ވަނީ އުފެދިފައެވެ. ޖިއްދާގައި ހުންނަ ބަންގްލަދޭޝްގެ ކޮންސިއުލޭޓް ޖެނެރަލްއާ ހަވާލާދީ މީޑިއާތަކުން ބުނާ ގޮތުގައި، މި ހުކުމް ތަންފީޒުކުރުމުގެ ކުރިން ސައުދީ ސަރުކާރުން ބަންގްލަދޭޝްގެ ޑިޕްލޮމެޓިކް މިޝަންތަކަށް އެއްވެސް މައުލޫމާތެއް ނުވަތަ ކުރިއާލައި ނޯޓިހެއް ދީފައެއް ނުވެއެވެ. އެހެންކަމުން، ބަންގްލަދޭޝްގެ ޚާރިޖިއްޔާއިން މިހާރު ވަނީ މިކަމުގެ ރަސްމީ މައުލޫމާތު ހޯދުމަށް ސައުދީ ފޮރިން މިނިސްޓްރީއަށް ރަސްމީ ސިޓީއެއް ފޮނުވާފައެވެ.
Ads by MACL
