އއ. ރަސްދޫގައި ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއި ބަނގުރަލުގެ ބޮޑު ނެޓްވޯކެއް އަތުލައިގަނެ 9 މީހަކު ހައްޔަރުކޮށްފި
އަރިއަތޮޅު އުތުރުބުރީ ރަސްދޫގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެއްޗާއި ބަނގުރަލުގެ ވިޔަފާރިކުރަމުންދިޔަ ބޮޑު ނެޓްވޯކެއް ފުލުހުންގެ ޚާއްޞަ އޮޕަރޭޝަނެއްގައި އަތުލައިގަނެ، 9 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުން މައުލޫމާތު ދޭ ގޮތުގައި މި އޮޕަރޭޝަނަކީ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އަދި އއ. އަތޮޅު ފުލުހުން ގުޅިގެން މި މަހުގެ 17 ވަނަ ދުވަހު ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. މި އޮޕަރޭޝަންގެ ތެރެއިން ކޯޓު އަމުރެއްގެ ދަށުން ރަސްދޫގެ 10 ގެއެއް ބަލައިފާސްކޮށްފައިވާއިރު، މަސްތުވާތަކެއްޗާއި ބަނގުރާ އުފެއްދުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ގިނަ ސާމާނުތަކެއް ވަނީ ފެނިފައެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އއ. ރަސްދޫ، ލިލީމީޑް، މުޙައްމަދު ޢުލްވާން ރަޝީދު (21އ) އާއި، އެ ރަށު ގުލްދަސްތާގެ، އަޙްމަދު ޢަރީފު (37އ) އާއި، ހަވާމަންޒިލް، އިބްރާހީމް ދިނާން (30އ) އާއި، ފެހިވިނަ، އަޙްމަދު އިކުލީލް (37އ) އާއި، ކާރނޭޝަންމާގެ، އަޙްމަދު މުޙައްމަދު (44އ) އަދި ކާރނޭޝަންމާގެ، ޢަލީ ވަސީމް (44އ) އެވެ. މީގެ އިތުރުން ހދ. ކުމުންދޫ، ވިދުވަރުގެ، ލީނާ މޫސާ (23އ) އާއި، އއ. ތޮއްޑޫ، ހިކިފިނިފެންމާގެ، ރިމާޒު މުޙައްމަދު (29އ) އަދި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ މެހެދީ ހަސަން (27އ) ވެސް ވަނީ ހައްޔަރުކޮށްފައެވެ.
Ads by BMLމި އެންމެންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އެކި މުއްދަތުތަކަށް އެމީހުން ބަންދުކުރުމަށް އަމުރުދީފައެވެ. އެގޮތުން އިބްރާހީމް ދިނާން، ރިމާޒު މުޙައްމަދު، ޢަލީ ވަސީމް އަދި މެހެދީ ހަސަން 10 ދުވަހަށް ބަންދުކުރުމަށް އަމުރުކުރިއިރު، އަޙްމަދު އިކުލީލް ބަންދުކުރުމަށް ދިނީ 7 ދުވަހުގެ މުއްދަތެކެވެ. މުޙައްމަދު ޢުލްވާން ރަޝީދު، އަޙްމަދު ޢަރީފު އަދި އަޙްމަދު މުޙައްމަދު 5 ދުވަހަށް ބަންދުކުރުމަށް އަމުރުކުރިއިރު، ލީނާ މޫސާގެ ބަންދަށް ދީފައިވަނީ 3 ދުވަހުގެ މުއްދަތެކެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.
Ads by MACL
