ޕެރޫއިން އަލަށް ހޯދި ގަހަކަށް މަޝްހޫރު ފުޓްބޯޅަ ތަރި ލިއޮނަލް މެސީގެ ނަމުން ނަންދީފި
ޕެރޫގެ ދެކުނު ސަރަހައްދުގައިވާ އެންޑީޒް ފަރުބަދަތަކުން އަލަށް ފެނުނު، ވަރަށް މަދުން ނޫނީ ނުފެންނަ ވައްތަރުގެ ގަހަކަށް އާޖެންޓީނާގެ މަޝްހޫރު ފުޓްބޯޅަ ލެޖެންޑް ލިއޮނަލް މެސީގެ ނަމަށް ނިސްބަތްކޮށް ނަންދީފިއެވެ. ސައިންޓިފިކް ދިރާސާތަކާ ބެހޭ ބައިނަލްއަޤްވާމީ ބޮޓަނީ ޖަރނަލް އެއް ކަމަށްވާ ފައިޓޯޓެކްސާ ގައި ޝާއިޢުކޮށްފައިވާ ރިޕޯޓެއްގައިވާ ގޮތުން، ނެތިދިއުމުގެ ބިރުބޮޑުވެފައިވާ ބާވަތެއްގެ ގޮތުގައި ކަނޑައަޅާފައިވާ މި ގަހަށް ދީފައިވާ ސައިންޓިފިކް ނަމަކީ 'ސަލްވިއާ މެސީ' އެވެ.
މި ގަހަށް މެސީގެ ނަމުން ނަންދޭން ސައިންސްވެރިން ނިންމި މައިގަނޑު ސަބަބަކީ، މި ގަހުގައި އަޅާ މަޑު ނޫކުލައާއި ހުދުކުލައިގެ މާތަކުގެ ކުލަ، އާޖެންޓީނާގެ ޤައުމީ ފުޓްބޯޅަ ޓީމުގެ ޖޯޒީގެ ކުލަތަކާ ދާދި އެއްގޮތްވުމުންނެވެ. ލެޓިން ބަހުން ސައިންޓިފިކް ނަންތައް ދިނުމުގައި ބޭނުންކުރާ ބައިނަލްއަޤްވާމީ ޤަވާއިދުތަކަށް ފެތޭގޮތަށް ނަމުގެ ފަހަތަށް 'އައި' އަކުރެއް އިތުރުކޮށްފައިވަނީ އެއީ އެ ފަރާތަކަށް ނިސްބަތްވާ އެއްޗެއްކަން އެނގުމުގެ ގޮތުންނެވެ. އެހެންކަމުން 'ސަލްވިއާ މެސީ' ގެ ސީދާ މާނައަކީ 'މެސީގެ ގަސް' އެވެ.
މި ގަހާ ބެހޭ ބައެއް މުހިންމު މަޢުލޫމާތު:
• އާއިލާ: މިއީ ކާފޫރުތޮޅި ނުވަތަ 'މިންޓް' އާއިލާއަށް ނިސްބަތްވާ ގަހެކެވެ. މި އާއިލާގެ ގަސްގަހާގެއްސަކީ އެންޓިއޮކްސިޑެންޓް، އެންޓި-އިންފްލަމޭޓަރީ އަދި ޖަރާސީމު ނައްތާލުމުގެ ސިއްޙީ ބާރުތައް އެކުލެވިގެންވާ ތަކެއްޗެވެ.
• އުސްމިން: މި ގަސް ގާތްގަނޑަކަށް 1.5 މީޓަރު (4 ފޫޓު 11 އިންޗި) ގެ އުސްމިނަށް ބޮޑުވެއެވެ.
• މާހައުލު: ފަރުބަދަމަތީގެ ހަރުކަށި މާހައުލުތަކާއި ހުސްބިންތަކުގައި ވެސް މި ގަސް ހެދުމަކީ އާދަޔާޚިލާފު ސިފައެއްގެ ގޮތުގައި ދިރާސާގައިވެއެވެ.
Ads by BMLއަލަށް ހޯދާ ދިރުންތަކަށް މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިންގެ ނަމުން ނަންދިނުމަކީ މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. މިއަހަރުގެ ކުރީކޮޅު ސްޕެއިންގެ އޯވިއެޑޯ ޔުނިވަރސިޓީގެ ޕްރޮފެސަރެއް ކަމަށްވާ ޚެސޫސް އޯރޓެއާ ވަނީ، ކޭޕް ވާޑޭގެ ޤައުމީ ޓީމުގެ ތަޖުރިބާކާރު ގޯލްކީޕަރު ވޮޒީނިއާ ގެ ނަމަށް ނިސްބަތްކޮށް ކަނޑުން އަލަށް ފެނުނު ރަތްކުލައިގެ ކުޑަ ސީ-ސްލަގް މަޝްހޫރު 'މޮލުސްކް' ބާވަތަކަށް 'އަލްޑިސާ ވޮޒީނިއައި' ގެ ނަމުން ނަންދީފައެވެ.
މީގެ އިތުރުން، 2019 ވަނަ އަހަރު ވެސް އޯރޓެއާ ވަނީ ކަނޑުން ފެނުނު ކުޑަކުޑަ ކަނޑުގެ ފިނިހަކައެއްގެ ބާވަތަކަށް، ރެއާލް މެޑްރިޑް އަދި ކޮސްޓަރީކާގެ ކުރީގެ މަޝްހޫރު ގޯލްކީޕަރު ކޭލޯ ނާވާސް ގެ ނަމުން ނަންދީފައެވެ.
Ads by MACL
