މަޑިއަށް ކާންދިނުމަކީ މަނާކަމެއް: އީޕީއޭ
މަޑީގެ ބާވަތްތަކަށް ކާންދިނުން ވަރަށް ބޮޑަށް އިތުރުވެފައިވާ އެކަން އެގޮތަށް ނުކުރަން އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އަންގައިފިއެވެ.
އީޕީއޭ އިން ނެރުނު ބަޔާނެއްގައި ބުނީ މަޑީގެ ބާވަތްތަކަށް ކާންދިނުމުގެ ކަންކަން ރާއްޖޭގެ އެކި ހިސާބުތަކުގައި ވަރަށް ބޮޑަށް އިތުރުވަމުންދާ ކަމަށާއި އެއީ އެ ތަކެއްޗަށް ގެއްލުން ލިބޭނެ ކަމެއް ކަމަށެވެ.
އީޕީއޭ އިން ބުނީ މަޑީގެ ބާވަތްތައް ބަލާލުމަށް އެ ތަކެއްޗާ އެކު މޫދުގައި ފީނުމަކީ ދިވެހިންނާއި ޓޫރިސްޓުންގެ މެދުގައި ވެސް މަގުބޫލު ކަމަކަށް ވިޔަސް، އެ ހަރަކާތްތަކުގެ ސަބަބުން އިންސާނުންނަށް އެކި ކަހަލަ އަނިޔާވެ އަދި ބައެއް ފަހަރު ފުރާނައަށް ނުރައްކާވާ ކަހަލަ ހިތާމަވެރި ހާދިސާތައް ހިނގުމަށް މެދުވެރިވާ ކަމަށެވެ. "މިގޮތަށް ކަންތައްތައް ދިމާވާ މައިގަނޑު އެއް ސަބަބަކީ މިފަދަ ސަރަހައްދުތަކަށް ގިނަ އަދަދެއްގެ މިޔަރު އެއްވުމުން މަޑި ނުވަތަ މިޔަރަށް ކާންދޭން އުޅުމުގެ ތެރޭގައި މިޔަރު ދަތް އެޅުމެވެ. މީގެ އިތުރުން މަޑި ކަށި ހެރިގެން ވެސް ހާދިސާތައް ހިނގުމަށް މަގުފަހިވެގެންދެ އެވެ،" އީޕީއޭގެ ބަޔާނުގައި ބުންޏެވެ.
މިފަދަ ހާދިސާތައް ރާއްޖޭގައި ގިނަވުމަކީ ޓޫރިޒަމަށް ވެސް އޭގެ އަސަރު ކުރާނެ ކަމެއް ކަމަށް އީޕީއޭ އިން ބުންޏެވެ. ރާއްޖެއަށް އަންނަ ޓޫރިސްޓުން މަޑި އާއި މިޔަރަށް ކާންދިނުން ހުއްޓުވުމަށާއި މިކަމާ ގުޅިގެން ހިތްހަމަނުޖެހުން ފާޅުކޮށް އީޕީއޭއަށް ޝަކުވާ ލިބެމުންދާ ކަމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ.
މަޑިއަށް ކާންދިނުމަކީ ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ދިރޭތަކެއްޗާ ބެހޭ ގަވާއިދުގެ ދަށުން ކުރުން މަނާ ކަމެއް ކަމަށް ވެސް އީޕީއޭގެ ބަޔާނުގައި ބުންޏެވެ.
Ads by MACL
