ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

2030 ގައި ވެރިކަން ދޫކޮށްލައްވާނެ ކަމަށް ސީސީ ވިދާޅުވެއްޖެ

 މިޞްރުގެ ރައީސް ޢަބްދުލް ފައްތާޙް އަލް-ސީސީ / ފޮޓޯ: އިޖިޕްޝަން ޕްރެޒިޑެންސީ / އޭއެފްޕީ
މިޞްރުގެ ރައީސް ޢަބްދުލް ފައްތާޙް އަލް-ސީސީ / ފޮޓޯ: އިޖިޕްޝަން ޕްރެޒިޑެންސީ / އޭއެފްޕީ

ބޯނަސް ޕްރޮގްރާމެއްގެ ދަށުން މިޞްރުގެ ވެރިކަމުގެ އިސް މަޤާމުތަކަށް މީހުން ބިނާކުރުމުގެ މަޝްރޫޢެއް އިޢުލާނު ކުރެއްވުމާއެކު، 2030 ވަނަ އަހަރުގެ ރިޔާސީ ދައުރު ނިމުމުން ވެރިކަން ދޫކޮށްލައްވާނެ ކަމަށް އެ ޤައުމުގެ ރައީސް ޢަބްދުލް ފައްތާޙް އަލް-ސީސީ ވިދާޅުވެއްޖެއެވެ.

މިލިޓަރީ އެކެޑަމީގެ ދަސްވެނިވުމުގެ ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ސީސީ ވިދާޅުވީ، ދެން ޤާނޫނުއަސާސީއަށް އިތުރު ބަދަލެއް ނުގެންނަވާނެ ކަމަށާއި، 2030 ގައި ދައުރު ނިމުމަކީ "މުޅިން ނިމިފައިވާ، އަދި ބަހުސް ނުކުރެވޭނެ ކަމެއް" ކަމަށެވެ. އަދި ޒިންމާ އުފުލޭނެ ފަދަ ޤާބިލު ބަޔަކާ ދައުލަތް ޙަވާލުކުރެވެންދެން ޤައުމު ދޫނުކުރައްވާނެ ކަމަށް ވިދާޅުވެ، ކުރިމަގުގެ ޒަޢީމުން ތަމްރީނު ކުރުމަށްޓަކައި 30 މަސްދުވަހުގެ ޚާއްޞަ ޕްރޮގްރާމެއް ހިންގަވާނެ ކަމަށް އެމަނިކުފާނު އިޢުލާނު ކުރެއްވިއެވެ.

މިޞްރާއި ބޭރުގެ މަޤުބޫލު ޔުނިވަރސިޓީތަކުން ޕީއެޗްޑީ ހާސިލުކޮށްފައިވާ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ މި ޕްރޮގްރާމަކީ ރިޔާސަތުން ފެށިގެން ވުޒާރާތަކާއި، ޤާނޫނުހަދާ މަޖިލީހާއި އަދި ގަވަރުނަރުކަމުގެ މަޤާމުތަކަށް މީހުން ބިނާކުރުމަށް ހިންގާ ތަމްރީނެކެވެ. މި ޕްރޮގްރާމުގެ ބައިވެރިން ހޮވުމުގެ މިންގަނޑުތަކާއި ޤާނޫނު އެކުލަވައިލާނީ ޤާނޫނުހަދާ މަޖިލީހުގެ ރައީސް އިސްކޮށް ހުންނަވައި، ސިޔާސީ ބޭފުޅުންނާއި، ދާރިސުންގެ އިތުރުން މަތީ ތަޢުލީމާއި ޢަދުލުއިންޞާފާ ބެހޭ ވަޒީރުން ހިމެނިވަޑައިގަންނަވާ ޚާއްޞަ ކޮމިޓީއަކުންނެވެ.

ސީސީ ވިދާޅުވި ގޮތުގައި މި ޕްރޮގްރާމްގެ ދަސްވެނިންގެ ތެރެއިން މީހުން އިންތިޚާބު ކުރުމުގެ ފުރުޞަތު ރައްޔިތުންނަށް ލިބިގެންދާނެއެވެ. ނަމަވެސް މަޤާމުތަކަށް ކުރިމަތިލާނެ ގޮތުގެ ތަފްޞީލެއް ހާމައެއް ނުކުރައްވައެވެ.
މި ޕްރޮގްރާމާއެކު ލީޑަރުން ތައްޔާރުކުރުމުގެ މައި ދައުރު މިލިޓަރީ އެކެޑަމީއަށް ލިބިގެންދާއިރު، މިއީ ޤައުމީ ދިފާޢުގެ ބޭރުން އަސްކަރިއްޔާގެ ނުފޫޒު ފުޅާވަމުންދާ މިންވަރު ހާމަކޮށްދޭ ކަމެއް ކަމުގައި މަސްރަޙު ދިރާސާކުރައްވާ ބޭފުޅުން ވިދާޅުވެއެވެ.

އަސްކަރިއްޔާގެ ކުރީގެ ޖެނެރަލެއް ކަމުގައިވާ ސީސީ ވެރިކަމަށް ވަޑައިގެންނެވީ 2013 ވަނަ އަހަރު މިޞްރުގެ ފުރަތަމަ ޑިމޮކްރެޓިކް ރައީސް މުޙައްމަދު މުރްސީގެ ވެރިކަން ވައްޓާލުމަށްފަހު، 2014 ގައެވެ. އޭގެ ފަހުން 2019 ގައި ޤާނޫނުއަސާސީއަށް ގެނައި ބަދަލަކާއެކު ރިޔާސީ ދައުރު ހަ އަހަރަށް ބަދަލުކޮށް، ތިންވަނަ ދައުރަކަށް މަގުފަހިކުރެއްވިއެވެ. އުމުރުފުޅުން 71 އަހަރުގެ ސީސީ މިހާރު ފުރުއްވަމުން ގެންދަވަނީ 2023 ވަނަ އަހަރު އަލުން އިންތިޚާބުވެވަޑައިގެންނެވި 6 އަހަރުގެ ދައުރެކެވެ.