ބަންގްލަދޭޝްގެ ރިސޯޓެއްގައި ރޯވެ 10 ފަތުރުވެރިން މަރުވެއްޖެ
ބަންގްލަދޭޝްގެ ކޮކްސް ބަޒާރުގެ އިނާނީގައި ހުންނަ "ޓުޕްޓުޕް ރެސްޓޯ އެންޑް ރިސޯޓު" ގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައި 10 ފަތުރުވެރިއަކު މަރުވެއްޖެއެވެ. ލަކުޑިން ތިން ބުރިއަށް އިމާރާތްކޮށްފައިވާ މި ރިސޯޓުގައި ރޯވި އަލިފާންގަނޑު ކުއްލިއަކަށް މުޅި ތަނަށް ފެތުރި، މުޅި ރިސޯޓު ވަނީ އެއްކޮށް އަނދައި އަޅިއަށް ވެފައެވެ.
ކަމާބެހޭ އިދާރާތަކުން މަޢުލޫމާތު ދޭ ގޮތުގައި، މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ 6 މީހުން ހިމެނެއެވެ. އަލިފާން ރޯވި ވަގުތު، އަލިފާންގަނޑުންނާއި ފެތުރެމުންދިޔަ ބޯ ދުމުން ސަލާމަތްވުމަށްޓަކައި އެ މީހުން ވަދެފައިވަނީ ރިސޯޓުގެ ފާޚާނާތަކަށެވެ. ނަމަވެސް، އަލިފާންގަނޑު ހަލުވިކަމާއެކު ފެތުރި، ފާޚާނާތަކުގެ ތެރޭގައި ތާށިވުމުގެ ސަބަބުން ސަލާމަތްނުވެވި އެ އެންމެން ވަނީ މަރުވެފައެވެ.
މި ހާދިސާ ހިނގި "ޓުޕްޓުޕް ރެސްޓޯ އެންޑް ރިސޯޓު" އަކީ އަލިފާނުގެ ރައްކާތެރިކަމުގެ މިންގަނޑުތަކަށް ނުފެތޭތީ، މީގެކުރިންވެސް އަލިފާނުގެ ރައްކާތެރިކަމާ ބެހޭ އިންޒާރުތައް ދެވިފައިވާ ތަނެއް ކަމަށް ކަމާބެހޭ ފަރާތްތަކުން ހާމަކުރެއެވެ. ނަމަވެސް، އެ އިންޒާރުތަކަށް އިޖާބަދިނުމެއް ނެތި، އެ ރިސޯޓުން ދިޔައީ އާންމުންނާއި ފަތުރުވެރިންނަށް ޚިދުމަތް ދެމުންނެވެ.
މި ހިތާމަވެރި ހާދިސާއާ ގުޅިގެން، ރިސޯޓުގައި އަލިފާން ރޯވާން ދިމާވި ސަބަބާއި، އަލިފާނުގެ ރައްކާތެރިކަމުގެ ގަވާއިދުތަކާ ޚިލާފަށް ތަން ހިންގަމުންދިޔަ މައްސަލަ ކަމާބެހޭ އިދާރާތަކުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.
Ads by BML
Ads by MACL
