ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އުމުރުން 13 އަހަރުގައި ލައިބާ އަނެއްކާވެސް ސީނިއާ ޤައުމީ ބެޑްމިންޓަން ޓީމަށް!

 އުއްމީދީ ބެޑްމިންޓަން ކުޅުންތެރިޔާ ލައިބާ އަޙްމަދު މަޚްލޫފް (އެލީ) މުބާރާތެއްގެ ތެރެއިން. / ފޮޓޯ: އެސްއެސްޓީވީ
އުއްމީދީ ބެޑްމިންޓަން ކުޅުންތެރިޔާ ލައިބާ އަޙްމަދު މަޚްލޫފް (އެލީ) މުބާރާތެއްގެ ތެރެއިން. / ފޮޓޯ: އެސްއެސްޓީވީ

ޤައުމީ ބެޑްމިންޓަން ޓީމުގެ ސިލެކްޝަނުގައި ދެއްކި މޮޅު ކުޅުމާއެކު، އުމުރުން އެންމެ 13 އަހަރުގެ ލައިބާ އަޙްމަދު މަޚްލޫފް (އެލީ) އަނެއްކާވެސް ސީނިއާ ޤައުމީ ބެޑްމިންޓަން ޓީމުގެ ސްކޮޑުން ޖާގަ ކަށަވަރުކޮށްފިއެވެ.

މި އޮކްޓޫބަރު މަހުގެ 13 އިން 16 އަށް ކުޅިވަރު އެކުވެނީގެ އިންޑޯ ބެޑްމިންޓަން ކޯޓުގައި ކުރިއަށްދިޔަ ސިލެކްޝަނުގައި ދެއްކި ކުޅުމާއެކު ލައިބާ ޖާގަ ހޯދިއިރު، މި ފަހަރުވެސް ޤައުމީ ސީނިއާ ސްކޮޑުގައި ހިމެނޭ އެންމެ ހަގު ކުޅުންތެރިއަކީ އޭނާއެވެ. ލައިބާ އެންމެ ފުރަތަމަ ޤައުމީ ސީނިއާ ސްކޮޑުން ޖާގަ ހޯދީ މިދިޔަ އަހަރުގެ އޮގަސްޓް މަހު ބޭއްވި ޓްރަޔަލްސްގައި ވާދަކޮށް، އުމުރުން އެންމެ 12 އަހަރުގައެވެ. އެ ފަހަރު އޭނާ ވެގެންދިޔައީ ރާއްޖޭގެ ބެޑްމިންޓަން ތާރީޚުގައި ސީނިއާ ޤައުމީ ޓީމުން ޖާގަ ހޯދި އެންމެ ހަގު ކުޅުންތެރިޔާއަށެވެ.

ލައިބާއަކީ މިވަގުތު ދިވެހިރާއްޖޭގެ އުމުރުފުރާ މުބާރާތްތަކާއި ސީނިއާ ކެޓަގަރީގައިވެސް ފާހަގަކޮށްލެވޭ އެންމެ އުއްމީދީ އެއް ކުޅުންތެރިޔާއެވެ. އެގޮތުން އޭނާއަކީ ރާއްޖޭގެ 15 އަހަރުން ދަށުގެ ސިންގަލްސް އަދި ޑަބަލްސް ރޭންކިންގގެ އެއްވަނަ ކުޅުންތެރިޔާގެ އިތުރުން، 19 އަހަރުން ދަށުގެ މިކްސްޑް ޑަބަލްސް ރޭންކިންގގެވެސް އެއްވަނަ ކުޅުންތެރިޔާއެވެ. މީގެއިތުރުން ސީނިއާ ފުރަތަމަ ޑިވިޝަނުގެ ސިންގަލްސްގައި، ޤައުމީ ތަޖުރިބާކާރު ކުޅުންތެރިން ކަމަށްވާ ފާޠިމަތު ނަބާހާ ޢަބްދުއްރައްޒާޤު އާއި އާމިނަތު ނަބީހާ ޢަބްދުއްރައްޒާޤުގެ ފަހަތުން، ރޭންކިންގގެ ތިންވަނައިގައި އުޅެނީވެސް ލައިބާއެވެ.

ޤައުމީ މުބާރާތްތަކުގެ އިތުރުން، ލައިބާ ވަނީ ވޭތުވެދިޔަ އަހަރުތަކުގައި ބައިނަލްއަޤްވާމީ މައިދާނުގައިވެސް ރާއްޖެއަށް ތާރީޚީ ގިނަ ކާމިޔާބީތަކެއް ހޯދައިދީފައެވެ. އެގޮތުން އަރްމީނިއާގައި ބޭއްވި އަރްމީނިއަން ޔޫތު އޯޕަންއިން ލައިބާ ހޯދި 3 ރަން މެޑަލްއަކީ، ޔޫތު ކެޓަގަރީގެ ބައިނަލްއަޤްވާމީ ބެޑްމިންޓަން މުބާރާތަކުން ދިވެހިރާއްޖެއަށް ލިބުނު ފުރަތަމަ ރަން މެޑަލްތަކެވެ. އަދި މޯލްޑޯވާގައި ބޭއްވި 'ވިންޓާ ޗިސިނައު' މުބާރާތާއި، ޖޯޖިއާގެ 'ބަޓޫމީ ކަޕް' ގެ އިތުރުން ލިތުއޭނިއާ އާއި ސްލޮވީނިއާގައި ބޭއްވުނު ބެޑްމިންޓަން ޔޫރަޕް ކަލަންޑަރުގެ މުބާރާތްތަކުގައި ވާދަކޮށް، ރަން، ރިއްސާއި ބްރޮންޒް މެޑަލް ހިމެނޭހެން ގިނަ ކާމިޔާބީތަކެއް އޭނާ ވަނީ ޙާޞިލްކޮށްފައެވެ.

މިފަހަރުގެ ސިލެކްޝަންގައި ވާދަކުރުމުގެ ފުރުޞަތު ދީފައިވަނީ ސީނިއާ ނެޝަނަލް ރޭންކިންގގެ އެންމެ މަތިން ރޭންކުކުރާ 10 ކުޅުންތެރިންގެ އިތުރުން، 15، 17 އަދި 19 އަހަރުން ދަށުގެ އުމުރުފުރާތަކުގެ ރޭންކުގެ އެއްވަނައިގައި އުޅޭ ކުޅުންތެރިންނަށެވެ.

ލައިބާގެ އިތުރުން މި ފަހަރުގެ ޤައުމީ އަންހެން ސްކޮޑުގައި ހިމެނެނީ ފާޠިމަތު ނަބާހާ، އާމިނަތު ނަބީހާ، ޔަލްވީ ޙުސައިން ޒުހުރީ، އާމިނަތު އަމްނާ ޢަލީ ޢާމިރު އަދި ޝުބާ މުޙައްމަދު ޝަރީފެވެ. ފިރިހެން ޓީމުގައި ހިމެނެނީ ޙުސައިން ޒަޔާން ޝަހީދު ޒަކީ، ނިބާލް އަޙްމަދު، މުޙައްމަދު އަޖުފާން ރަޝީދު، ހައިޝަމް އިބްރާހިމް ޢަލީ، ޙަސަން ޒަޔާން މުޙައްމަދު އަދި އައްޔޫބް އަޒްހަރު މުޙައްމަދެވެ.