ކަށިމާ ހިނގުމުގައި އާންމުންނަށް އުނދަގޫކުރި ފައިރިޝް ހައްޔަރުކޮށް 15 ދުވަހަށް ބަންދުކޮށްފި
މާލޭގެ ކަށިމާ ހިނގުމާއި ދޫހިމެރި މަގު ހިމެނޭ ސަރަޙައްދުގައި އާންމުންނަށާއި ވަކި ޢާއިލާއަކަށް ބިރުދައްކައި އުނދަގޫކުރަމުންދިޔަ އަޙުމަދު ފައިރިޝް ފުލުހުން ހައްޔަރުކޮށް، އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހައިދީފިއެވެ.
ކޯޓު އަމުރުގައިވާ ގޮތުން ފައިރިޝްގެ މައްޗަށް ތުހުމަތުކުރެވެނީ މާރާމާރީ ހިންގުމާއި، މުދަލަށް ގެއްލުންދިނުމާއި، ބިރުދެއްކުމުގެ އިތުރުން ފުލުހުންގެ ވާޖިބަށް ހުރަސްއެޅުމުގެ ކުށުގައެވެ. އަދި އޭނާ ބަންދުގައި ބަހައްޓަން ނިންމީ މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވެދާނެތީއެވެ.
ފައިރިޝް ހައްޔަރުކޮށްފައިވަނީ އެ ސަރަޙައްދުގައި ދިރިއުޅޭ މުޙައްމަދު ސަޢީދު ނަމަކަށް ކިޔާ މީހަކު، އެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް އެދި ފުލުހުންގެ އިދާރާ ކުރިމަތީގައި ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރިއަށްގެންދަނިކޮށެވެ. މުއައްސަސާތަކުގެ އެއްބާރުލުން ލިބޭނެކަމުގެ ޔަޤީންކަން ލިބުމާ ގުޅިގެން، 35 ގަޑިއިރަށްފަހު ސަޢީދު ވަނީ އެ ހަޅުތާލު ނިންމާލާފައެވެ.
Ads by BMLސަޢީދު ސޯޝަލް މީޑިއާގައި ބުނެފައިވާ ގޮތުގައި، ވޭތުވެދިޔަ ދޮޅު އަހަރެއްހާ ދުވަހު ފައިރިޝްގެ ފަރާތުން އެ ސަރަޙައްދުގެ ރައްޔިތުންނަށް ބޮޑެތި އުނދަގޫތަކަކާ ކުރިމަތިލާންޖެހުނެވެ. އެގޮތުން މަގުން ހިނގާ މީހުންނަށް ހަޑިހުތުރު ބަހުން އެއްޗެހި ގޮވުމާއި، ޓްރެފިކަށް ހުރަސްއެޅޭ ގޮތަށް ސައިކަލުތައް ވައްޓާލުމުގެ އިތުރުން، ގޭގެއަށް ކުނިއުކައި ބެލްކަނީގައި ހުރެގެން ތިރީގައި ތިބޭ މީހުންގެ ގަޔަށް ތެލާއި ފެންއެޅުން ފަދަ އަމަލުތައް ހިންގާފައިވެއެވެ.
އޭގެ އިތުރުން މެންދަމުން ފެށިގެން ފަތިސްވަންދެން އަޑުގަދަކުރުމާއި، ހުއްދަނެތި ގޭގޭގެ ތެރެއަށް ވަންނަ މައްސަލަ އެތައް ފަހަރަކު ފުލުހުންނަށް ހެކި ހުށަހެޅުމުންވެސް އެކަށީގެންވާ ހައްލެއް ލިބިފައިނުވާކަމަށް އޭނާ ބުންޏެވެ.
ސަޢީދު ފާހަގަކުރި ގޮތުގައި އޭނާގެ ހަމައެކަނި އެދުމަކީ އެ ސަރަޙައްދުގައި ދިރިއުޅޭ ކުދިންނާއި އާއިލާތަކަށް އަމާން، ރައްކާތެރި މާހައުލެއް ކަށަވަރުވެގެން ދިއުމެވެ.
Ads by MACL
