ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ދެވި ފިލްމްގެ ވަދާއީ ޝޯތަކުގެ ޓިކެޓް ވިއްކަން ފަށައިފި

ދެވި ފިލްމްގެ ވަދާއީ ޝޯތަކުގެ ޓިކެޓް ވިއްކަން ފަށައިފި

އޮލިމްޕަސް ސިނަމާގައި މިހާރު ދައްކަމުންދާ ކާމިޔާބު ދިވެހި ފިލްމު "ދެވި" ގެ އެންމެ ފަހުޝޯތައް ނުވަތަ ވަދާއީ ޝޯތަކުގެ ޓިކެޓް ރަސްމީކޮށް ވިއްކަން ފަށައިފިއެވެ.

އޮކްޓޯބަރ 20 އިން 25 ގެ ނިޔަލަށް ކުރިއަށްދާނެ ވަދާއީ ޝޯތަކުގެ ޓިކެޓް މިހާރު ދަނީ އޮލިމްޕަސް ކައުންޓަރުން ވިކެމުންނެވެ. މިއީ ސިނަމާއިން މި ފިލްމު ބަލާލަން ލިބޭނެ އެންމެ ފަހު ފުރުސަތަށްވާތީ، ގިނަ އަދަދެއްގެ ބެލުންތެރިން ދަނީ ޓިކެޓް ނެގުމަށް އަވަސްވެގަންނަމުންނެވެ.

އޮލިމްޕަހުގައި ފިލްމު އަޅުވާފައިވާ ދުވަސްތަކުގައި ބެލުންތެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައިވާއިރު، ވަދާއީ ޝޯތަކަށްވެސް ބޮޑު ތަރުހީބެއް ލިބެމުން ދާކަމަށް ދެވިގެ ޕްރޮޑަކްޝަން ހައުސްއިން ބުނެއެވެ.

މި ފިލްމުގެ ޝޯތައް ބެލުމަށްފަހު ނުކުތް ބެލުންތެރިންގެ މެދުގައި އެންމެ ބޮޑު ސަމާލުކަމެއް ހުއްޓުނީ، މައި ރޯލުން ފެނިގެންދާ މަރިޔަމް އައްޒަ ކުޅެފައިވާ "މާޝީ" އަދި "މާހީ" ގެ ކެރެކްޓަރަށެވެ. އެއް ފަންނާނަކު ދެ ކެރެކްޓަރެއްގެ ތަފާތު އިހުސާސްތައް ވަރަށް މޮޅަށް ސްކްރީނަށް ގެނެސްދީފައިވާކަން ބެލުންތެރިން ފާހަގަކުރިއެވެ.

މީގެ އިތުރުން ފިލްމުގައި ހިމެނޭ ބިރުވެރި މާހައުލު ފުރިހަމަކޮށްދިނުމުގައި ގެންގުޅެފައިވާ ޓެކްނިކަލް މަސައްކަތްތަކަށް ވެސް ބޮޑު ތަރުހީބެއް ލިބިފައިވެއެވެ. އޭގެ ތެރޭގައި ސައުންޑް އިފެކްޓްސް، ލައިޓިން އަދި ޕްރޮސްތެޓިކް މޭކަޕާއި ވިޝުއަލް އިފެކްޓްސްގެ މޮޅުކަން ފާހަގަކޮށް، މިއީ ދިވެހި ސިނަމާގެ ފެންވަރު މުޅިން އާ ހަރުފަތަކަށް އުފުލައިދިން މަސައްކަތެއް ކަމަށް ބެލުންތެރިން ބުނެފައިވެއެވެ.

ޑައިރެކްޓަރު ހުސައިން ހާޒިމް (ސޭންޑީ) ގެ އިރުޝާދުގެ ދަށުން އުފެއްދި މި ފިލްމުގެ މިހާތަނަށް ދެއްކި ހުރިހާ ޝޯއެއް ފުރިގެން ގޮސްފައިވާއިރު، މިއީ ފަހަކަށް އައިސް ދިވެހި ސިނަމާއިން ފެނުނު އެންމެ ތަފާތު އަދި ކާމިޔާބު އެއް އުފެއްދުން ކަމަށް ބެލުންތެރިން އިއްތިފާގުވެއެވެ.