ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ސަޢުދީގެ ދެކުނަށް އަސްކަރީ ހެލިކޮޕްޓަރެއް ވެއްޓި 2 މީހުން މަރުވެއްޖެ

 ސައުދީ އަރަބިއްޔާގެ ނޭޝަނަލް ގާޑުން ޖާސޫސީ އަދި ފާރަލުމުގެ ހަރަކާތްތަކަށް ބޭނުންކުރާ "އޭއެޗް-6.އައި / ފޮޓޯ: އޭވިއޭޝަން އިންޓަރނޭޝަނަލް ނިއުސް
ސައުދީ އަރަބިއްޔާގެ ނޭޝަނަލް ގާޑުން ޖާސޫސީ އަދި ފާރަލުމުގެ ހަރަކާތްތަކަށް ބޭނުންކުރާ "އޭއެޗް-6.އައި / ފޮޓޯ: އޭވިއޭޝަން އިންޓަރނޭޝަނަލް ނިއުސް

ސައުދީ އަރަބިއްޔާގެ ދެކުނުގެ ނަޖްރާން ސަރަހައްދަށް ސައުދީ ކޯލީޝަންގެ އަސްކަރީ ހެލިކޮޕްޓަރެއް ވެއްޓި، އޭގައި ތިބި ދެ ކްރޫއިން މަރުވެއްޖެއެވެ. ވެއްޓިފައިވަނީ ޖާސޫސީ އަދި ފާރަލުމުގެ ހަރަކާތްތަކުގައި ބޭނުންކުރާ "އޭއެޗް-6.އައި" މަރުކާގެ ހެލިކޮޕްޓަރެކެވެ.

ސައުދީ އިސްވެ އޮންނަ ޢަރަބި ކޯލީޝަންގެ ތަރުޖަމާނު މޭޖަރ ޖެނެރަލް ތުރުކީ އަލް-މާލިކީ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ސައުދީގެ ނޭޝަނަލް ގާޑް ވުޒާރާގެ ބެލުމުގެ ދަށުގައިވާ ސަރަހައްދަކަށް މި ހެލިކޮޕްޓަރު ވެއްޓެން މެދުވެރިވީ ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށެވެ.

ނަމަވެސް، މި ހާދިސާއާ ގުޅިގެން ހޫތީންގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީ 'އެކްސް' ގައި ބުނެފައިވަނީ، ބޯޑަރު ސަރަހައްދުގައި ހޫތީންގެ މަރުކަޒުތަކަށް ހަމަލާދިނުމުގެ ހަރަކާތްތަކެއް ހިންގަމުންދަނިކޮށް، ސައުދީގެ ހެލިކޮޕްޓަރު ވައްޓާލީ އެ ޖަމާޢަތުން ކަމަށެވެ. ކޯލީޝަންގެ ތަރުޖަމާނު އަލް-މާލިކީ ވަނީ ހޫތީންގެ އެ ދަޢުވާ ދޮގުކުރައްވައި، އެއީ އެއްވެސް ޙަޤީޤަތެއް ނެތް ވާހަކައެއް ކަމަށް ވިދާޅުވެފައެވެ. ހޫތީން ހެލިކޮޕްޓަރު ވައްޓާލި ކަމަށް ބުނެ ވީޑިއޯއެއް އާންމުކޮށްފައިވީ ނަމަވެސް، އެ ވީޑިއޯގެ ސައްޙަކަން މިހާތަނަށް މިނިވަން މަސްދަރަކުން ކަށަވަރުކުރެވިފައެއް ނުވެއެވެ.

ފާއިތުވި ހަފުތާތަކުގައި ސައުދީ ކޯލީޝަނާއި ޔަމަނުގެ ހޫތީ ހަނގުރާމަވެރިންނާ ދެމެދު ކުރިމަތިލުންތައް އިތުރަށް ވަރުގަދަވެފައިވާއިރު، ނަޖްރާންގެ ދެކުނު ހުޅަނގު ބޯޑަރު ސަރަޙައްދުތަކަށް އަމާޒުކޮށް ހޫތީން ދެމުންގެންދާ ހަމަލާތައް ވަނީ އިތުރުވެފައެވެ.

މި ހާދިސާގެ އިތުރުން، ސައުދީގެ ދެކުނުގައި އޮންނަ ޚާމިސް މުޝައިތު ސިޓީއަށް އަމާޒުކޮށް ފޮނުވާލި ބެލިސްޓިކް 2 މިސައިލާއި، ސައުދީގެ ވައިގެ ސަރަހައްދަށް އައި ގިނަ އަދަދެއްގެ ޑްރޯންތަކެއް އާދީއްތަ ދުވަހު ކޯލީޝަނުގެ ދިފާޢީ ބާރުތަކުން ވަނީ ވައްޓާލާފައެވެ. މި ހަމަލާތަކާ ގުޅިގެން ވެރިރަށް ރިޔާދާއި، އަބްހާ އަދި ޚާމިސް މުޝައިތުގެ ރައްޔިތުންނަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް މަދަނީ ދިފާޢީ ޚިދުމަތުގެ އިދާރާއިން ވައިގެ ނުރައްކަލުގެ އިންޒާރު ނެރުނު ނަމަވެސް، ނުރައްކާ ފިލައިދިޔުމުން ފަހުން ވަނީ އެ އިންޒާރު އުވާލާފައެވެ.