ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މަތިންދާބޯޓުގެ ފިޔަގަނޑުމަތީގައި ހިނގައިގެން 99 އަހަރުގެ އަންހެނަކު ރެކޯޑެއް ހަދައިފި

މަތިންދާބޯޓުގެ ފިޔަގަނޑުމަތީގައި ހިނގައިގެން 99 އަހަރުގެ އަންހެނަކު ރެކޯޑެއް ހަދައިފި

އުމުރުން 99 އަހަރުގެ ހެލްގާ ޑަފީ ނަމަކަށް ކިޔާ އިނގިރޭސި އަންހެނަކު، ދުއްވާފައިދިޔަ މަތިންދާބޯޓެއްގެ ފިޔަގަނޑުމަތީގައި ހިނގައިގެން (ވިންގް ވާކިން ހަދައިގެން) ދުނިޔޭގެ އެންމެ އުމުރުން ދުވަސްވީ އަންހެން ވިންގް ވޯކަރުގެ ގިނަސް ވާރލްޑް ރެކޯޑް ގާއިމުކޮށްފިއެވެ.

އިނގިރޭސިވިލާތުގެ ގްލޮސްޓަރޝަޔާގެ ސިރެންސެސްޓަރގައިވާ އާރްއެފްސީ ރެންޑްކޮމް އެއާފީލްޑްގައި ހެލްގާ މި ރެކޯޑް ގާއިމުކުރުމާއެކު، ގިނަސް ވާރލްޑް ރެކޯޑްސްގެ އޮފިޝަލުން ވަނީ އެ ސަރަހައްދުގައި އޭނާއަށް ރެކޯޑުގެ ރަސްމީ ސަނަދު ހަވާލުކޮށްފައެވެ.

މި ނުރައްކާތެރި ހަރަކާތް ހެލްގާ ކުރިއަށްގެންދިޔައީ ހަމައެކަނި ރެކޯޑެއް ހެދުމުގެ ބޭނުމުގައެއް ނޫނެވެ. އޭނާ ވަނީ މި ހަރަކާތުގެ ޒަރީއާއިން "ވިލްޓްޝަޔާ އެންޑް ބާތު އެއާ އެމްބިއުލަންސް" ޗެރިޓީއަށް އެހީގެ ފައިސާ ހޯދައިދީފައެވެ.

ހެލްގާ މަތިންދާބޯޓުގެ ފިޔަގަނޑުމަތީގައި ހިނގުމުގެ ހަރަކާތެއް ކުރުމަށް ޝައުގުވެރިކަން އުފެދުނީ، އުމުރުން 97 އަހަރުގެ ބެޓީ ބްރޮމޭޖް ނަމަކަށް ކިޔާ އަންހެނަކު އެފަދަ ހަރަކާތެއް ކުރިއަށްގެންދިޔަ މަންޒަރު ޚަބަރުން ފެނުމުން ކަމަށް އޭނާ ބުންޏެވެ.

ހަތް ކުދިންގެ ތެރެއިން އެންމެ ދޮށީ ދަރިފުޅު ކަމަށްވާ ހެލްގާ ބުނެފައިވަނީ، އޭނާގެ ބައްޕައަކީ އަބަދުވެސް ދަރިންގެ ފަރާތުން އެންމެ ރަނގަޅު ކަންކަމަށް އުއްމީދުކުރި މީހެއް ކަމަށެވެ. އަދި މިއަދު ބައްޕަ ދުނިޔޭގައި ހުރިނަމަ، އޭނާ ކުރި މި ކަމާމެދު ވަރަށް ފަޚުރުވެރިވާނެ ކަމަށް އޭނާ ގަބޫލުކުރެއެވެ.

އޭނާގެ މި ހަރަކާތް ބަލަން ތިބި އޭނާގެ ދެ އަންހެން ކޮއްކޮގެ ދަރިން ކަމަށްވާ ޖެކީ ރޯޒް އާއި ޖޫލީ ޕްރީސް ބުނި ގޮތުގައި، ހެލްގާއަކީ އަބަދުވެސް އަމިއްލަ މިނިވަންކަމަށް ލޯބިކުރާ، ހިތްވަރުގަދަ އަންހެނެކެވެ. އަދި އުމުރުން 99 އަހަރުވީ ނަމަވެސް، އޭނާއަކީ އަދިވެސް ކުރީގެ ހިތްވަރުގަދަ ހެލްގާކަން ސާބިތުކޮށްދޭން އޭނާ ބޭނުންވި ކަމަށް އެމީހުން ބުންޏެވެ.

ޖެކީ އާއި ޖޫލީ އިތުރަށް ބުނި ގޮތުގައި، ހެލްގާ އެއާ އެމްބިއުލަންސް ޗެރިޓީއަށް ފަންޑު ހޯދައިދިނުމުން އެމީހުން ވަރަށް ބޮޑަށް އަސަރުކުރިއެވެ. ސަބަބަކީ އެމީހުންގެ މަންމަ (ހެލްގާގެ އަންހެން ކޮއްކޮ) ދުނިޔެ ދޫކުރުމުގެ ކުރިން އެންމެ ފަހު ދަތުރުކޮށްފައިވަނީވެސް އެއާ އެމްބިއުލަންސްހެ އެހީގައި ކަމަށްވާތީއެވެ.

މި ހަރަކާތާ ގުޅިގެން "ވިލްޓްޝަޔާ އެންޑް ބާތު އެއާ އެމްބިއުލަންސް" ޗެރިޓީގެ ސޭމް ކޮންވޭ ވަނީ ހެލްގާއަށް ވަރަށް ބޮޑަށް ތައުރީފުކޮށް، އޭނާއަކީ ހަގީގީ "ލެޖެންޑެއް" ކަމަށް ސިފަކޮށްފައެވެ.