ރައީސް މުޢިއްޒު މިމަހު 20 ގައި ޕާކިސްތާނަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވަނީ
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފްގެ ދަޢުވަތަކަށް އެ ޤައުމަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއް މި މަހުގެ 20 އިން 22 އަށް ކުރެއްވުމަށް ހަމަޖެހިއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުއްވި ބަޔާނެއްގައި ހާމަކުރައްވާފައިވާ ގޮތުގައި، މި ދަތުރުފުޅުގައި ރައީސް ޑޮކްޓަރ މުޢިއްޒު، ޕާކިސްތާނުގެ ރައީސް އާސިފް ޢަލީ ޒަރުދާރީ އާއި، ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފްގެ އިތުރުން އެ ޤައުމުގެ ސަރުކާރުގެ އެހެނިހެން އިސް ވެރިންނާ ބައްދަލުކުރައްވައި ރަސްމީ މަޝްވަރާތައް ބާއްވަވާނެއެވެ.
މި ބައްދަލުކުރެއްވުންތަކުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ހަރުދަނާކޮށް ބަދަހިކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަފުޅު ދައްކަވާނެއެވެ. ރައީސް އޮފީހުން މަޢުލޫމާތު ދެއްވި ގޮތުގައި، މި ރަސްމީ ވާހަކަފުޅުތަކަށްފަހު، އެކި ދާއިރާތަކުން ދެ ޤައުމުގެ ދެމެދުގައި އޮތް އެއްބާރުލުން އިތުރަށް ފުޅާކުރުމުގެ ގޮތުން ބައެއް މުހިންމު ފަހުމުނާމާ ތަކުގައި ސޮއިކުރުން އޮންނާނެއެވެ. އަދި މި ސޮއިކުރުމުގެ ރަސްމިއްޔާތު ދެ ޤައުމުގެ ލީޑަރުން ހެކިވެވަޑައިގަންނަވާނެއެވެ.
Ads by BMLމި ދަތުރުފުޅަކީ ވޭތުވެދިޔަ ދިހަ އަހަރު ދުވަހުގެ ތެރޭގައި ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ކުރެވޭ އެންމެ މަތީ ފަންތީގެ ފުރަތަމަ ދަތުރުފުޅެވެ. މި ދަތުރުފުޅު ދިމާވަނީ 1966 ޖުލައި 26 ގައި ދެ ޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރޭ ތާރީޚީ މުނާސަބަތާއެވެ.
ރައީސް ޑޮކްޓަރ މުޢިއްޒުގެ ޚާރިޖީ ސިޔާސަތު ބިނާވެފައިވަނީ އަވަށްޓެރި ޤައުމުތަކާއެކު އޮންނަ ގުޅުންތައް ދަމަހައްޓައި، ރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމަށް މަގުފަހިވާނެ ފަދަ ދެފަރާތުގެ ބައިވެރިވުންތައް ވަރުގަދަކުރުމުގެ މައްޗަށެވެ. އެމަނިކުފާނު ގެންގުޅުއްވާ "މޯލްޑިވްސް ފަސްޓް" ސިޔާސަތުގެ ދަށުން ބައިނަލްއަޤްވާމީ މައިދާނުގައި ޙަރަކާތްތެރިވުމަށް ޚާއްޞަ އިސްކަމެއް ދެއްވައެވެ.
މި ފުރަމާނަ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދާއި، ކެބިނެޓް ވަޒީރުންގެ އިތުރުން ސަރުކާރުގެ މަތީ ފަންތީގެ އިސް އޮފިޝަލުން ހިމެނޭ ޚާއްޞަ ވަފުދެއް ބައިވެރިވެވަޑައިގަންނަވާނެއެވެ.
Ads by MACL
