ގެދޮރު އިމާރާތްކުރުމަށް އިކުއިޓީ ހިލޭ ދޭން މާލީ 4 އިދާރާއަކާއެކު ސަރުކާރުން އެއްބަސްވެއްޖެ
އަމިއްލަ ގޯތީގައި ގެދޮރު ބިނާކުރުމަށާއި ބޯހިޔާވަހިކަން ބައްލަވައިގަތުމަށް ބޭންކުތަކުން ދޫކުރާ ލޯނަށް ބޭނުންވާ އިކުއިޓީ ފައިސާ އަނބުރާ ދައްކަން ނުޖެހޭ ހިލޭ އެހީގެ ގޮތުގައި ފޯރުކޮށްދިނުމަށްޓަކައި، ރާއްޖޭގައި ހިންގާ މާލީ ހަތަރު އިދާރާއަކާއެކު ސަރުކާރުން ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މި ޕްރޮގްރާމުގައި ބައިވެރިވެފައިވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)، ހައުސިންގ ޑިވަލަޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އަދި މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ (އެމްއެފްއެލްސީ) އެވެ. މި އެއްބަސްވުމުގެ މައިގަނޑު މަޤްޞަދަކީ އެކި ފަންތީގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިތަކަށް ވަށާޖެހޭ ހައްލެއް ހޯދައިދިނުމެވެ.
ވޯލްޑް ބޭންކާއި މިނިސްޓްރީ ގުޅިގެން ހެދި ދިރާސާތަކުން ދައްކާ ގޮތުގައި، އަމިއްލަ ގޯތީގައި ގެދޮރު ނުއެޅި ލަސްވާ އެންމެ ބޮޑު ސަބަބަކީ ބޭންކުތަކުން އެދޭ އިކުއިޓީ ފައިސާ ދެއްކުމުގެ ތަނަވަސްކަން އާންމުންގެ ނެތުމެވެ. އެހެންކަމުން، މި އައު އިންތިޒާމުގެ ދަށުން ފުރަތަމަ ފަހަރަށް އަމިއްލަ ބޯހިޔާވަހިކަން ހޯދާ ފަރާތްތަކަށް ބޭންކުން ލޯނު ފާސްވުމުން ބޭނުންވާ އިކުއިޓީ ސަރުކާރުން ހަމަޖައްސައިދޭނީ އަނބުރާ ދައްކަން ނުޖެހޭ އެހީގެ ގޮތުގައެވެ. ނަމަވެސް، ވަކި މުއްދަތެއްގެ ތެރޭގައި އެ އިމާރާތެއް ވިއްކާލައިފިނަމަ، އެ ފައިސާ އަނބުރާ ސަރުކާރަށް ނެގުމަށް ވަނީ ހަމަޖެހިފައެވެ.
Ads by BMLމި އުސޫލަށް ބަލާއިރު، އެއް މިލިއަން ރުފިޔާގެ ޚަރަދުން ތިން ކޮޓަރީގެ ގެއެއް އިމާރާތްކުރާނަމަ، އޭގެ ތެރެއިން ގާތްގަނޑަކަށް ދެ ލައްކަ ރުފިޔާ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި ދޭނެއެވެ. އަދި ބާކީ އަށް ލައްކަ ރުފިޔާ ހަމަޖައްސައިދޭނީ ބޭންކު ފައިނޭންސިންގ މެދުވެރިކޮށެވެ.
ނިމުނު އަހަރު ކުރިއަށްގެންދިޔަ 5 ޕަސެންޓުގެ ސްކީމުގައި ބައިވެރިވީ ހަމައެކަނި ބީއެމްއެލްއިން ކަމަށްވާއިރު، އެ ބޭންކުން 800 އަށްވުރެ ގިނަ ފަރާތަކަށް 1 ބިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވެއެވެ. އޭރުގެ އޮނިގަނޑު އޮތް ގޮތުން އެހެން ބޭންކުތަކުން ބައިވެރިވާން ފަސްޖެހުނު ނަމަވެސް، މިފަހަރުގެ އައު މޮޑެލްގެ ސަބަބުން އިތުރު މާލީ އިދާރާތަކާއެކު ކުރިއަށްދިއުމުގެ މަގު ވަނީ އަލިވެފައެވެ.
މި ސްކީމުގެ ފުރަތަމަ ފިޔަވަހި ޚާއްސަކޮށްފައިވަނީ ފުރަމާލޭގައި އަމިއްލަ ބިން އޮވެ، އިކުއިޓީ ނުދެއްކިގެން އިމާރާތް ނުކުރެވިފައިވާ ފަރާތްތަކަށެވެ. އަދި ހުޅުމާލެ، ގިރާވަރު އަދި ގުޅިފަޅުގައި ހުރި ބިންތަކަށް މި ސްކީމް ފުޅާކުރުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ފިޔަވަހިތަކުގައެވެ.
Ads by MACL
