އިންތިޒާރުގެ ނިމުން: "މަޖުނޫން" ގެ ފުރަތަމަ މޭކިންގ ބެލުންތެރިންނަށް!
ފާތިމަތު ނަހުލާގެ އައު ފިލްމު "މަޖުނޫން" ބޮޑު ސްކްރީނަށް އައުމަށް ތައްޔާރުވަމުންދާއިރު، ފިލްމުގެ މޭކިންގ ގެ ފުރަތަމަ އެޕިސޯޑް އާންމުކޮށްފިއެވެ.
ދިވެހި ސިނަމާގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ޑައިރެކްޓަރު ފާތިމަތު ނަހުލާގެ ފިލްމުތައް ރިލީޒްކުރުމުގެ ކުރިން، އެ ފިލްމުތަކުގެ ބިހައިންޑް ދަ ސީންސް ނުވަތަ "މޭކިންގ" ވީޑިއޯތައް ބަލައިލުމަކީ އަބަދުވެސް ބެލުންތެރިން ވަރަށް ބޮޑަށް އިންތިޒާރުކުރާ ކަމެކެވެ. ފިލްމު އުފެއްދުމުގެ ތެރޭގައި ހިނގާފައިވާ ޝައުގުވެރި ކަންތައްތަކާއި ތަރިންގެ މަސައްކަތްތައް ދައްކުވައިދޭ މި ވީޑިއޯތައް، ނަހުލާގެ ކެރިއަރުގެ ކުރީކޮޅުގައި ނެރެމުން އައީ ޑީވީޑީ ގެ ގޮތުގައެވެ.
ނަމަވެސް ޒަމާނަށް އައި ބަދަލާއެކު މިހާރު މި ވީޑިއޯތައް ގެންދަނީ ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް ބެލުންތެރިންނާ ހަމައަށް ގެނެސްދެމުންނެވެ.
Ads by BMLއެގޮތުން "މަޖުނޫން" ފިލްމުގެ މޭކިންގ ގެ ފުރަތަމަ އެޕިސޯޑް އެންމެ ފުރަތަމަ ދައްކާފައިވަނީ ރާއްޖެ ޓީވީ މެދުވެރިކޮށް ރޭގެ ވަގުތެއްގައެވެ. އަދި އޭގެ ފަހުން މިހާރު ވަނީ ޔޫޓިއުބް އާއި ސޯޝަލް މީޑިއާގެ އެހެން ޕްލެޓްފޯމްތަކަށް ވެސް މި އެޕިސޯޑް އަޕްލޯޑް ކޮށްފައެވެ. އެހެންކަމުން މިހާރު ކޮންމެ ބޭފުޅަކަށް ވެސް އޮންލައިންކޮށް މި ވީޑިއޯ ބަލައިލެވޭނެއެވެ.
މި ފިލްމު އޮލިމްޕަސް ސިނަމާގައި އެޅުވުމަށް ހަމަޖެހިފައިވަނީ މި ހިނގާ އޮކްޓޯބަރު މަހުގެ 26 ވާ ހޯމަ ދުވަހުއެވެ. ފިލްމު ސްކްރީނަށް އައުމަށް މިހާރު ބާކީ އޮތީ ވަރަށް ކުޑަ ދުވަސްކޮޅަކަށް ވެފައިވާއިރު، ފިލްމުގެ ޓީމުން ދަނީ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ.
Ads by MACL
