ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ކުރިއަށް އޮތީ މާލީގޮތުން އުއްމީދީ ދުވަސްތަކެއް، ދަރަނި ދެއްކުމުގެ ބޮޑު ބުރައެއް ދެން ނެތް: ފިނޭންސް މިނިސްޓަރު

ކުރިއަށް އޮތީ މާލީގޮތުން އުއްމީދީ ދުވަސްތަކެއް، ދަރަނި ދެއްކުމުގެ ބޮޑު ބުރައެއް ދެން ނެތް: ފިނޭންސް މިނިސްޓަރު

ދައުލަތުގެ މާލީ ހާލަތު ރަނގަޅު މިސްރާބަކަށް އަނބުރާލެވި، ކުރިއަށް އޮތް ތަނުގައި ނުދެއްކޭވަރުގެ ބޮޑު ދަރަންޏެއްގެ ބުރަ ދައުލަތުން އުފުލަން ނުޖެހޭނެ ކަމުގެ ޔަގީންކަން ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ދެއްވައިފިއެވެ.

ސަރުކާރުން ބާއްވާ "އަހާ" ފޯރަމްގައި އާންމުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، ކުރިއަށް ހުރި ދަރަނިތަކަކީ ލިބޭ އާމްދަނީން މެނޭޖްކުރެވޭނެ ދަރަނިތަކެއް ކަމަށާއި، ދަރަނި އަދާކުރުމުގައި ސަރުކާރުން ގެންގުޅޭ މައިގަނޑު ސިޔާސަތަކީ އެކަމަށް ކުރިއާލައި ތައްޔާރުވެގެން ފައިސާ ދެއްކުން ކަމަށެވެ. އެގޮތުން ސޮވެރިން ޑިވެލޮޕްމެންޓް ފަންޑު (އެސްޑީއެފް) ވަރުގަދަކޮށް ފައިސާ ޖަމާކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާކަން އޭނާ ފާހަގަކުރެއްވިއެވެ.

ދައުލަތުގެ ގިނަ ދަރަނިތަކަކީ ބޭރު ފައިސާއިން ދައްކަންޖެހޭ އެއްޗަކަށްވާތީ، ގާނޫނުތަކަށް ގެންނަ ބަދަލުތަކުގެ ތެރެއިން ބޭރު ފައިސާގެ އާމްދަނީ އިތުރުކުރެވޭނެ މަގުތައް ފަހިކުރަމުންދާ ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވިއެވެ. މީގެ އިތުރުން މިއަހަރު ނިމުމަށްފަހު ދައުލަތުން އަދާކުރަންޖެހޭ އެހާ ބޮޑެތި މާލީ އިލްތިޒާމްތަކެއް ނެތްކަން ފާހަގަކުރައްވައި، އާމްދަނީ އިތުރުކުރުމާއި ޚަރަދު ކުޑަކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާއެކު ދެން މާލީގޮތުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިނުވާނެ ކަމަށް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ޙަވާލުވެވަޑައިގެންނެވި އިރު މާލީ ބޮޑެތި ޒިންމާތަކެއް އޮތް ނަމަވެސް، ދުނިޔޭގެ މާލީ ބާޒާރާއި ރާއްޖޭގެ ކްރެޑިޓް ރޭޓިންގއަށް އައި ބަދަލުތަކާއެކުވެސް ރައީސްގެ އިރުޝާދުގެ ދަށުން ދުރާލާ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން ޓެކްސްގެ ގޮތުގައި ލިބޭ ބޭރު ފައިސާ އިތުރުކުރުމާއި އެސްޑީއެފްގެ އިތުރުން ރަސްމީ ރިޒާވް ވަރުގަދަކުރެވުނުކަން ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ހާމަކުރެއްވި ގޮތުގައި މިއަހަރު ދައްކަންޖެހުނު އެންމެ ބޮޑު މާލީ އިލްތިޒާމު ކަމުގައިވާ 500 މިލިއަން ޑޮލަރުގެ ސުކޫކު އަދާކުރުމަށް އެސްޑީއެފް އިން 350 މިލިއަން ޑޮލަރު އަދި ދައުލަތުގެ ރިޒާވުން 170 މިލިއަން ޑޮލަރު ވަނީ ބޭނުންކޮށްފައެވެ. އެ ވަގުތު އެސްޑީއެފް ގައި 350 މިލިއަން ޑޮލަރު އަދި ދައުލަތުގެ ރިޒާވްގައި 1.32 ބިލިއަން ޑޮލަރު ހުއްޓެވެ.

މި ސަރުކާރުގެ ފާއިތުވި ދެ އަހަރާއި ބައިގެ ތެރޭގައި، މި ހިނގާ އޮކްޓޫބަރު މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ދަރަނީގެ ގޮތުގައި ޖުމްލަ 1.412 ބިލިއަން ޑޮލަރު ދައްކާފައިވާކަން ފިނޭންސް މިނިސްޓަރު ފާހަގަކުރެއްވިއެވެ. މިއީ ކުރިއަށް އޮތް ތަނުގައި ދައުލަތުގެ މާލިއްޔަތަށް ލިބިގެންދާނެ ބޮޑު ލުޔެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ދައުލަތުގެ އާމްދަނީ 10 އިންސައްތައިގެ ކުރިއެރުމެއް ހޯދާފައިވީ ނަމަވެސް، މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ތެލުގެ އަގަށް އައި ބަދަލުތަކުގެ އަސަރު ރާއްޖެއަށް ކުރިކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެގޮތުން ރައްޔިތުންނަށް ލުއިކޮށްދިނުމަށް ތެލުގެ ސަބްސިޑީއަށް ބަޖެޓުކުރި 2.9 ބިލިއަން ރުފިޔާގެ ބަދަލުގައި މިހާތަނަށް 4.3 ބިލިއަން ރުފިޔާ ޚަރަދުކުރަންޖެހުނު ނަމަވެސް، ރާއްޖޭގެ އިޤްތިޞާދީ ކުރިމަގު ފެންނަނީ އުއްމީދީ އަލިމަގެއްގެ ގޮތުގައި ކަމަށް ވިދާޅުވިއެވެ.