ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ތެލުގެއަގަށް އައި ބަދަލު: ބުރައަކަށް ނުވާނެގޮތަށް 4.3 ބިލިއަން ރުފިޔާ ސަބްސިޑީއަށް ހޭދަކުރެވިއްޖެ: ވަޒީރު ހަސަން ޒަރީރު

ވަޒީރު ހަސަން ޒަރީރު / ފޮޓޯ: ޕީއެސްއެމް ނިއުސް
ވަޒީރު ހަސަން ޒަރީރު / ފޮޓޯ: ޕީއެސްއެމް ނިއުސް

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ކުރިމަތިވި މާލީ ދަތިތަކުން ރައްޔިތުންނަށް ކުރާ އަސަރު ކުޑަކުރުމަށްޓަކައި، ސަރުކާރުން މިހާތަނަށް ސަބްސިޑީއަށް 4.3 ބިލިޔަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާބެހޭ ވަޒީރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕީއެސްއެމް ގުޅިގެން ބޭއްވި "އަހާ" ފޯރަމްގެ 10 ވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، މިއަހަރުގެ މާރިޗު މަހު މެދުއިރުމަތީގައި ފެށުނު ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގާއި ދަތުރުފަތުރުގެ ޚަރަދުތައް އިންތިހާއަށް އުފުލިގެންދިޔަ ކަމަށެވެ. މީގެ އަސަރު ރާއްޖެއަށް ކުރި ނަމަވެސް، ރައްޔިތުންނަށް ދިމާވެދާނެ ބުރަ ކުޑަކުރުމަށް ސަބްސިޑީގެ ނިޒާމުގެ ތެރެއިން ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މާލީ ވަޒީރު ހާމަކުރެއްވި ގޮތުގައި، ސަބްސިޑީއަށް މިއަހަރުގެ ބަޖެޓުގައި ކަނޑައަޅާފައިވަނީ 2.9 ބިލިޔަން ރުފިޔާއެވެ. ނަމަވެސް، ތެލުގެ އަގު ހިފެހެއްޓުމަށްޓަކައި ބަޖެޓުގެ އިތުރަށް 1.4 ބިލިޔަން ރުފިޔާ ވަނީ ޚަރަދުކުރަން ޖެހިފައެވެ. މިއާއެކު، މިމަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ސަބްސިޑީއަށް ކުރި ޖުމްލަ ހޭދަ ވަނީ 4.3 ބިލިޔަން ރުފިޔާއަށް އަރާފައެވެ. އަދި މި ޚަރަދުގެ ބޮޑުބައެއް ހިއްސާކުރަނީ ފިއުލް ސަބްސިޑީ ކަމަށްވުމާއެކު، ދައުލަތުގެ ބަޖެޓު ޑެފިސިޓް ފުޅާވެފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މިފަދަ މާލީ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ސަރުކާރުގެ އަމާޒަކީ ބަޖެޓު ސަޕްލިމެންޓް ނުކޮށް، ޖީޑީޕީގެ ނިސްބަތުން ދައުލަތުގެ އޯވަރޯލް ބަޖެޓު ޑެފިސިޓް ސިންގަލް ޑިޖިޓެއްގައި ހިފެހެއްޓުން ކަމަށް ވަޒީރު ވިދާޅުވިއެވެ. ރާއްޖޭގެ އިގުތިސާދީ އަދި ފިސްކަލް ހާލަތު ރަނގަޅުކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތައް ބައިނަލްއަގުވާމީ މާލީ އިދާރާތަކުންނާއި ރޭޓިންގ އެޖެންސީތަކުން ބަލައިގަންނަމުންދާކަންވެސް ވަޒީރު ޒަރީރު ފާހަގަކުރެއްވިއެވެ.