ހުޅުމާލެ އާއި ވިލިމާލޭގެ އިންޑޯ ކޮމްޕްލެކްސްތަކުގެ މަސައްކަތް ކުރިއަށް އޮތް ދެ ހަފުތާ ތެރޭގައި ފެށޭނެ: ވަޒީރު ރާފިޢު
މާލެ ސަރަހައްދުގައި ކުޅިވަރު ވަސީލަތްތައް އިތުރުކުރުމަށް ކުރިއަށްދާ މަޝްރޫއުތަކުގެ ތެރެއިން، ހުޅުމާލޭ ފޭސް ދޭއްގައި ތަރައްގީކުރާ މަލްޓި ސްޕޯޓްސް ކޮމްޕްލެކްސްގެ އަމަލީ މަސައްކަތް ކުރިއަށް އޮތް ދެ ހަފުތާ ތެރޭގައި ފެށޭނެ ކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުالله ރާފިޢު ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ "އަހާ" ފޯރަމްގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ހުޅުމާލޭ ފޭސް ދޭކުގެ މަސައްކަތާއެކު ފޭސް އެކެއްގެ މަސައްކަތްވެސް އިފްތިތާހުކުރެވޭނެ ކަމަށެވެ. މީގެ އިތުރުން ވިލިމާލޭގައި އިންޑޯ ކޮމްޕްލެކްސްއެއް އެޅުމަށް ބޭރުގެ އެމްބަސީއަކާއެކު އެއްބަސްވުމުގައި ސޮއިކުރެވިފައިވާ އިރު، މާލޭގައި ތަރައްގީކުރާ އިންޑޯ ހޭންޑްބޯޅަ ކޯޓުގެ މަސައްކަތް މި އަހަރުގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެ ކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ.
ވޭތުވެދިޔަ 33 އަހަރުގެ ތެރޭގައި މާލެ ސަރަހައްދުގައި އެކަށީގެންވާ އިންޑޯ ކުޅިވަރު ވަސީލަތެއް ގާއިމުކުރެވިފައި ނުވާކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަސައްވުރާ އެއްގޮތަށް އެކުލަވާލި ކުޅިވަރުގެ ދިގު ރާސްތާ ޕްލޭނުގެ ދަށުން މިހާރު ދަނީ އެކަމަށް އަމަލީ ހައްލުތަކެއް ހޯދައިދެމުން ކަމަށެވެ.
Ads by BMLއަލަށް ގާއިމުކުރާ މި އިންޑޯ ފެސިލިޓީތަކުގެ ސަބަބުން، ވިއްސާރަވުމުގެ ސަބަބުން މުބާރާތްތައް މެދުކެނޑި ހޭންޑްބޯޅަ ކުޅުންތެރިންނަށް ކުރިމަތިވާ ބޮޑެތި ދަތިތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ. ޚާއްޞަކޮށް މޫސުން ގޯސްވުމުގެ ސަބަބުން މުބާރާތްތައް ފަސްކުރަންޖެހި، އަތޮޅުތަކުން އަންނަ ޓީމުތަކަށް ލިބޭ މާލީ އަދި އެހެނިހެން ގެއްލުންތައް ކުޑަކުރެވޭނެއެވެ.
މާލޭގައި އަޅާ ހޭންޑްބޯޅަ ކޯޓުގެ އޮނިގަނޑުގެ މަސައްކަތް ނިމެން ކައިރިވެފައިވާއިރު، އިންޓަރނޭޝަނަލް ހޭންޑްބޯލް ފެޑެރޭޝަނާ ގުޅިގެން އެތަނުގެ ސާފޭސްގެ މަސައްކަތްތައްވެސް ވަނީ ނިންމާލެވިފައެވެ.
ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭގޮތަށް ތަރައްގީކުރާ މި ވަސީލަތްތަކުގެ މައިގަނޑު އެއް އަމާޒަކީ ކުރިއަށް އޮތް ހަތް އަހަރު ތެރޭގައި ރާއްޖޭގައި ބައިނަލްއަގުވާމީ ރީޖަނަލް ގޭމްސްއެއް ބޭއްވުމަށް ބޭނުންވާ މިންގަނޑަށް ކުޅިވަރު މައިދާންތައް ތައްޔާރުކުރުން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
Ads by MACL
