ކުރިއަށް އޮތް 7 އަހަރުގެ ތެރޭގައި ރާއްޖޭގައި ރީޖަނަލް ކުޅިވަރު ގޭމްސްތައް ބޭއްވުމަކީ މައިގަނޑު އަމާޒެއް: މިނިސްޓަރު ރާފިޢު
ކުރިއަށް އޮތް 7 އަހަރު ދުވަހުގެ ތެރޭގައި ސަރަޙައްދީ ފެންވަރުގެ ބޮޑު ކުޅިވަރު މުބާރާތެއް (ރީޖަނަލް ގޭމްސްއެއް) ދިވެހިރާއްޖޭގައި ބޭއްވުމަކީ ސަރުކާރުގެ މައިގަނޑު އެއް އަމާޒު ކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.
ވަޒީރު ރާފިޢު ވިދާޅުވީ، ރާއްޖޭގައި މިފަދަ ބޮޑު މުބާރާތެއް ކާމިޔާބުކަމާއެކު ހޯސްޓުކުރެވޭނީ ބައިނަލްއަޤްވާމީ ފެންވަރުގެ ވަސީލަތްތަކާއި ފެސިލިޓީތައް ޤާއިމުކޮށްގެން ކަމަށެވެ. އަދި އެކަމަށްޓަކައި ބޭނުންވާ އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމުގެ މަސައްކަތްތަކަށް ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މި އަމާޒަކީ ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށާއި، ދިވެހި އެތުލީޓުންނަށް އަމިއްލަ ފަސްގަނޑުގައި ބައިނަލްއަޤްވާމީ މައިދާނެއްގައި ވާދަކުރުމުގެ ފުރުޞަތު ހޯދައިދިނުމަށް އެކުލަވައިލެވިފައިވާ ދުރުރާސްތާ ޕްލޭންގެ މުހިންމު ބައެއްކަން މިނިސްޓްރީން ފާހަގަކުރެއެވެ. މިފަދަ މުބާރާތެއް ރާއްޖޭގައި ބޭއްވުމުން ކުޅިވަރުގެ ދާއިރާގެ އިތުރުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމް ކުރިއެރުވުމަށްވެސް ބޮޑު ބާރަކަށް ވެގެންދާނެއެވެ.
Ads by BMLސަރުކާރުން މިހާރުވެސް ދަނީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ކުޅިވަރު ކުޅޭނެ ފެސިލިޓީތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ އެކި މަޝްރޫޢުތައް ރާވައި ހިންގަމުންނެވެ.
Ads by MACL
